07 Apr 2016, 23:02
ނޫސްވެރިކަމަށް ހުރަސް ނޭޅުމަށް ގޮވާލައި "ހިމޭން ހިނގާލުން"ގެ ނަމުގައި ނޫސްވެރިން ބާއްވަން އުޅުނު ހިނގާލުމަށް ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ބުނެފި އެވެ.
ރާއްޖޭގެ މީޑިއާތަކުގެ ނޫސްވެރިން ބައިވެރިވާ ހިނގާލުން ފެށުމަށް ހަމަޖެހިފައި ވަނީ މާދަމާ ހަވީރު 4:30ގައި އާޓިފިޝަލް ބީޗު ސަރަހައްދުން ކަމަށް އެ ކަމުގައި އިސްކޮށް ހަރަކާތްތެރިވާ ނޫސްވެރިން ބުންޏެވެ. އަދި ބުނީ އެ ހިނގާލުމަކީ ސުލްހަވެރި ކަމާއެކު، ނޫސްވެރިންގެ ހައްގުތައް ހޯދުމަށް ލިޔެފައިވާ ޝިއާރުތައް ހިފައިގެން ކުރިއަށް ގެންދާ ހިނގާލުމެއް ކަމަށެވެ.
ނަމަވެސް ފުލުހުން ވަނީ މަގުމަތީ ހިނގާލުން ކުރިއަށް ގެންދިއުމުގެ ފުރުސަތު ނުދޭނެ ކަމަށް ބުނެފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ މަގުތަކުގެ އަމާންކަން ދަމަހައްޓައި، ރައްޔިތުންގެ އާންމު ދިރިއުޅުމަށް ދަތުވާ ގޮތަށް މަގުމަތީގައި ހިނގުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ނޯންނާނެ ކަމަށެވެ.
"މާލޭގެ މަގުތަކުގައި ހިނގާކަށް 'ހިނގާލުމެއް ނުވަތަ އެއްވުމެއްގެ ސިފައިގައި' އެއްވެސް ބަޔަކު ހިނގާކަށް ފުރުސަތެއް ނުދޭނަން ދެނެއް،" އޮފިސަރު ވިދާޅުވި އެވެ.
ނޫސްވެރިންގެ ހިނގާލުން ނިންމާލަން ހަމަޖެހިފައި ވަނީ ރަސްފަންނާ ދިމާލަށް ކަމަށް އެ ހިނގާލުން އިންތިޒާމު ކުރާ ނޫސްވެރިން ބުންޏެވެ.
ނޫސްވެރިން ވަނީ އޭޕްރީލް މަހުގެ ތިން ވަނަ ދުވަހު ވެސް ހައްގުތައް ހޯދައިދިނުމަށް ގޮވާލައި ރައީސް އޮފީސް ކައިރީ އެއްވުމެއް ބާއްވާފަ އެވެ. އެ ސަރަހައްދުން މީހުން ދުރަށް ޖެއްސުމުގެ ތެރޭގައި 19 މީހަކު ފުލުހުން ހައްޔަރު ކުރި އެވެ.
ހައްޔަރު ކުރި ނޫސްވެރިންގެ ތެރޭގައި ދުވަހު ނޫސް "ހަވީރު" އާއި ރާއްޖެޓީވި އާއި ސަންގުޓީވީ އާއި މޯލްޑިވްސް އިންޑިޕެންޑެންޓުގެ ނޫސްވެރިންގެ އިތުރަށް ވީނިއުސްގެ ނޫސްވެރިއަކު ހިމެނެ އެވެ. ނަމަވެސް އެ ނޫސްވެރިން ހައްޔަރުކުރިތާ 10 ގަޑިއިރު ފަހުން ވަނީ ދޫކޮށްލާފަ އެވެ.