08 Apr 2016, 10:23
ސްރީ ލަންކާގައި ހުންނަ މޯލްޑިވިއަން އެޑިއުކޭޝަން އެންޑް ކަލްޗަރަލް ސެންޓަރު (އެމްއީސީސީ) ނުވަތަ ސޯސަންވިލާގައި ކިޔަވާ ދަރިވަރުންގެ ހިތްތަކުގައި ދީނީ ލޯބި އިތުރުކޮށް، ނަމާދުކުރުމަށް ބާރު އެޅުވުމުގެ ގޮތުން ހާއްސަ ޕްރޮގްރާމެއް ފަށައިފި އެވެ.
"ކޮންމެ ކުއްޖަކީ ނަމާދު ކުރަން ދަންނަ ކުއްޖެއް" ގެ ނަމުގައި އިފްތިތާހްކުރި އެ ޕްރޮގްރާމު ފައްޓާފައިވަނީ ސޯސަންވިލާގައި އިއްޔެގެ އަސްރު ނަމާދު ޖަމާއަތުގައި ކުރުމަށްފަހުއެވެ. ޕްރޮގްރާމް ފައްޓަވައިދެއްވައި ޖަމާއަތުގައި އިމާމުވެ ނަމާދުކުރައްވާފައިވަނީ ގާރީ އަހުމަދު ތައުފީގެވެ.

އެމްއީސީސީގެ ކޮންމެ ކުއްޖަކީ ނަމާދު ކުރަން ދަންނަ ކުއްޖަކަށް ހެދުމަށް އެ ސެންޓަރުން ފެށި "ކޮންމެ ކުއްޖަކީ ނަމާދު ކުރަން ދަންނަ ކުއްޖެއް" ޕްރޮގްރާމް މިއަދު އިފްތިތާހް ކުރުމުގެ ތެރެއިން --- ފޮޓޯ/ އެމްއީސީސީ
ޕްރޮގްރާމާ ގުޅޭގޮތުން ސަން އަށް މައުލޫމާތު ދެއްވަމުން ސްރީ ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ތާޑް ސެކްރެޓަރީ އަދި ސޯސަންވިލާ ހިންގެވުމާ ހަވާލު ހުންނެވި އަބްދުއް ރަޝީދު ވިދާޅުވީ، އެ ޕްރޮގްރާމު ކުރިއަށްގެންދާނީ އެ ސެންޓަރުގެ ގްރޭޑް އެކަކުން 10 އަށް ކިޔަވާ ދަރިވަރުންނަށް ކަމަށެވެ.
"އަޅުގަނޑުމެން ކޮންމެ ކުއްޖަކަށް މިދެނީ ފޮތެއް. އެ ފޮތުގައި ހުންނާނެ ނަމާދު ކުރަން، ވުޟޫ ކުރަންޖެހޭ ގޮތުން ފެށިގެން ނަމާދުގައި ކިޔާނެ ތަކެއްޗާއި ނަމާދުކުރާނެ ގޮތް. އެ ކަންކަން ދަސްކޮށްފަ ކަނޑައަޅާފައިވާ ވަކި ދުވަސްތަކެއްގައި ކުލާހުގެ ޓީޗަރަށް ކިޔައިދޭން މިޖެހެނީ. ހުރިހާ އެއްޗެއް ނިންމާ ކުއްޖާއަށް މި ލިބެނީ ހާއްސަ ބެޖެއް،" ރަޝީދު ވިދާޅުވި އެވެ.

އެމްއީސީސީގެ ކޮންމެ ކުއްޖަކީ ނަމާދު ކުރަން ދަންނަ ކުއްޖަކަށް ހެދުމަށް އެ ސެންޓަރުން ފެށި "ކޮންމެ ކުއްޖަކީ ނަމާދު ކުރަން ދަންނަ ކުއްޖެއް" ޕްރޮގްރާމް މިއަދު އިފްތިތާހް ކުރުމުގެ ތެރެއިން --- ފޮޓޯ/ އެމްއީސީސީ
އެމްއީސީސީގެ ފަރާތުން، އެތަނުގައި ކިޔަވައިދޭ ދަރިވަރުންނަށް ދަނީ ދިވެހި ބަހާއި އިސްލާމް ދީނަށް ލޯބިޖެއްސުމަށާއި ޝައުގުވެރިކަން އިތުރުކުރުވުމަށް ގިނަ ޕްރޮގްރާމްތަކެއް ކުރިއަށްގެންދަމުންނެވެ.
އެގޮތުން، ކުރިއަށްއޮތް ރަމަޟާން މަހުގައި ވެސް އެ ސެންޓަރުގައި ކިޔަވާ ދަރިވަރުންނަށް ޤުރުއާން މުބާރާތެއް ބާއްވަން އެ ސެންޓަރުން ވަނީ ނިންމާފައެވެ.
ސޯސަންވިލާގައި ނާސަރީން ފެށިގެން ގްރޭޑް 10 އަކާ ހަމައަށް ހިލޭ ކިޔަވައިދެމުންދާއިރު، އެ ސްކޫލުގެ އެކި ގްރޭޑްތަކުގައި 400 އަށްވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލްކުރަމުންދެއެވެ.