އެމްޑީޕީގެ ޗެއަޕާސަންގެ މަގާމަށް ވާދަކުރައްވާނޭ ކަމަށް އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް (ރީކޯ) މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

ރީކޯ މޫސަ ވިދާޅުވެފައި ވަނީ، ޗެއާޕާސަން ކަމަށް ކުރިމަތިލައްވަން ނިންމެވީ ވަރަށް ގިނަ ބަޔަކު އެކަމަށް އެދެމުންދާތީ ކަމަށެވެ.

"އެމްޑީޕީ އަށް ލޮޅުމެއް ނައިސް ޕާޓީގެ އާ ލީޑަރޝިޕާ އެކު އަޅުގަނޑަށް ޕާޓީ އަމާން ބަނދަރަކަށް ގެންދެވޭނޭ ކަމުގެ ފުރިހަމަ ޔަގީންކަން ލިބިފައިވާތީ އަޅުގަނޑުކުރިމަތިލާން މި ގަސްދުކުރީ. ރޭ ޕާޓީގެ ޗެއަރޕާސަން އިންތިޚާބު އިއުލާން ކުރި ހިސާބުން ފެށިގެން ވެސް ޕާޓީގެ ވަރަށް ގިނަ މެންބަރުން އަޅުގަނޑު ކައިރީ އެދެމުން އެބަދޭ ޗެއަރޕާސަން ކަމަށް ކުރިމަތިލާން. އަޅުގަނޑު ވަރަށް ބޮޑަށް އުއްމީދުކުރަން ޕާޓީގެ ވީހާ ވެސް ގިނަ މެންބަރުން އަޅުގަނޑަށް ތާއީދުކޮށް ވޯޓު ދެއްވާނެ ކަމަށް،" އެމްޑީޕީ ވެބްސައިޓުގައި ރީކޯ މޫސަ ވިދާޅުވެފައިވެ އެވެ.

ރީކޯ މޫސަ، ވެރިކަންކުރާ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލައްވާނެ ކަމަށް ވިދާޅުވެފައި މިވަނީ، އެމަގާމު މިހާރު ފުރުއްވަމުން ގެންދަވާ މާރިޔާ އަހްމަދު ދީދީ އިތުރު ދައުރަކަށް އެމަގާމަށް ކުރިމަތިނުލައްވާނެކަމަށް އިއްޔެ ރޭ ބޭއްވި އެ ޕާޓީގެ ޖަލްސާގައި އިއުލާންކުރައްވައިފައިވަނިކޮށެވެ. އަދި އެ ޖަލްސާގައި އެކަމަނާ ވަނީ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބަކަށް ގޮވާލައްވައި އެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުއްވާ ލައްވާފައި ކަމަށް އެމްޑީޕީގެ ވެބްސައިޓުގައި ބުނެފައިވެ އެވެ.

މިދިޔަ މަހުގެ 30 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޗެއާޕާސަންގެ މަގާމު ފިޔަވައި ޕާޓީގެ އެހެން އިސް މަގާމުތަކަށް ބޭފުޅުން ވަނީ އިންތިހާބުކޮށްފަ އެވެ. ޗެއާޕާސަންކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައި ނުވަނީ މާރިޔާ އެމަގާމަށް ވަޑައިގަތީ 2008 ވަނަ އަހަރު ކަމަށް ވެފައި، ޗެއާޕާސަންގެ ފަސް އަހަރުގެ ދައުރު ހަމަނުވާ ކަމަށް ބުނެ އެވެ.

ނަމަވެސް، އޭނާ ޗެއާޕާސަންގެ މަގާމަށް 2008 ވަނަ އަހަރު ވަޑައިގަތީ، އޭރު ޗެއާޕާސަނަކަށް ހުންނެވި ރައީސް މުހައްމަދު ނަޝީދު ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުމަށް އެމަގާމުން އިސްތިއުފާދެއްވުމުން ބޭއްވި ބައި އިލެކްޝަނެއްގެ ތެރެއިންނެވެ. ރައީސް ނަޝީދު ޗެއާޕާސަނަށް ހޮވިވަޑައިގަތީ 2006 ވަނަ އަހަރު ބޭއްވި އެމްޑީޕީގެ ކޮންގްރެސް އިންނެވެ. އެހެންކަމުން، މާރިޔާގެ ފަސް އަހަރުގެ ދައުރު ވަނީ ހަމަވެފައި ކަމަށް ޕާޓީތެރޭގައި ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

އެ ފަރާތްތަކުން ވަނީ ނިމިގެންދިޔަ އިންތިހާބުގެ ތެރޭ އެކަމާ ޝަކުވާ ކޮށްފައި ކަމަށް ވެސް އެމްޑީޕީގެ އިންތިހާބުތަކާ ބެހޭ ކޮމިޓީގެ ތަރުޖަމާނު މުހައްމަދު ގަސަމް ވިދާޅުވި އެވެ.

"އެކަމުގައި އެބައުޅޭ އިނގޭތޯ ހިޔާލުތަފާތުވުމެއް. އެއް ބަޔަކު ހަމަ ގަބޫލުކުރާ ގޮތުން ވެއްޖެއްޔާމުން ހަމަ ޗެއާޕާސަންގެ ޓާމް ހަމަ ހަމަވެފައި ވަނީ،" ގަސަމް ވިދާޅުވި އެވެ. ނަމަވެސް، އޭނާ އަމިއްލައަށް އެގޮތަށް ގަބޫލުނުކުރައްވާ ކަމަށާއި މާރިއާ 2008 ވަނަ އަހަރު ޗެއާޕާސަން ކަމަށް ހޮވިވަޑައިގަތީ ކޮންގްރެސް އިން ހޮވުމުގެ ބަދަލުގައި ޕާޓީގެ މެމްބަރުން ފުރަތަމަ ފަހަރަށް ވޯޓު ދެއްވައިގެން ކަމަށްވާތީ، ޗެއާޕާސާނަކަށް ލިބޭ ފަސް އަހަރުގެ ދައުރު މާރިއާއަށް ވެސް ލިބޭން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން، ގައުމީ މަޖިލީހުން އިތުރު ގޮތަކަށް ނުނިންމާހާ ހިނދަކު ނުވަތަ މާރިޔާ އިސްތިއުފާނުދެއްވާހާ ހިނދަކު ޗެއާޕާސަންގެ އިންތިހާބު އޮންނާނީ 2013 ވަނަ އަހަރު ކަމަށް ވެސް ގަސަމް ވިދާޅުވެ އެވެ. އަދި ވަކި ގޮތެއް ކަނޑައެޅެންދެން ޗެއާޕާސަންގެ އިންތިހާބު އިއުލާންނުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، އިތުރު ދައުރަކަށް ކުރިމަތިނުލައްވާނެ ކަމަށް މާރިޔާ ވިދާޅުވުމާ ގުޅިގެންނާއި އަދި ރީކޯ މޫސަ އެމަގާމަށް ކުރިމަތިލައްވާނެކަން އިއުލާންކުރެއްވުމާ ގުޅިގެން ވަރަށް އަވަހަށް މާރިއާ މަގާމުން އިސްތިއުފާދެއްވާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

ޕާޓީގެ ސެކްރެޓޭރިއެޓަށް މާރިޔާގެ އެއްވެސް ގޮތެއް އަންގަވައިފައެއް ނުވާ ކަމަށް އެތަނުން ވަނީ ކަށަވަރުކޮށްދީފަ އެވެ. މާރިޔާ ފޯނަށް ޖަވާބުނުދެއްވާނީ އޭނާގެ ބަހެއް ވެސް އަދި ލިބޭ ގޮތެއް ނުވެ އެވެ.