މި އަހަރުގެ ފުރަތަމަ ފިޔަވަހީގައި ނިންމުމަށް ކަނޑައަޅާފައިވާ ތިން އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މައްސަލަތަކުގެ ތެރެއިން ދެ މައްސަލައެއް ފިޔަވައި ހުރިހާ މައްސަލައެއް ނިންމައި ލަނޑުދަނޑި ހާސިލްކުރެވިފައިވާ ކަމަށް ސިވިލް ކޯޓުން ބުނެފި އެވެ.

ސިވިލް ކޯޓުގެ އަޒުމް 2016 ގެ ލަނޑުދަނޑީގެ ދެވަނަ ފިޔަވަހީގެ ތިން މަސްދުވަހުގެ ތެރޭގައި އަހަރަކަށްވުރެ ގިނަދުވަސްވެފައިވާ މައްސަލައެއް ނުބޭއްވުމާއި، ތިން ވަނަ ފިޔަވަހީގެ ތިން މަސްދުވަހުގެ ތެރޭގައި އަށް މަސްދުވަހަށް ވުރެ ގިނަދުވަސްވީ މައްސަލައެއް ނުބޭއްވުމާއި، ހަތަރު ވަނަ ފިޔަވަހީގެ ތިން މަސްދުވަހުގެ ތެރޭގައި އެއްވެސް ގާޒީއެއްގެ އަތުގައި 40 މައްސަލައަށް ވުރެ ގިނައިން މައްސަލަ ނުހުންނާނެގޮތަށް މިއަހަރު ތެރޭގައި މަސައްކަތް ކުރުމަށް ވަނީ މަސައްކަތުގެ އަޒުމަކަށް ހަދާފައެވެ.

ސިވިލް ކޯޓުން ބުނީ ތިން އަހަރުވީ މައްސަލަތަކުގެ ތެރެއިން ދެ މައްސަލައެއް ފިޔަވައި އެހެން ހުރިހާ މައްސަލައެއް ނިމުމުން، 2016 ވަނަ އަހަރުގެ ފުރަތަމަ ފިޔަވަހީގެ ލަނޑުދަނޑިއަށް ވާސިލުވެފައިވާ ކަމަށެވެ.

"މިއީ ސިވިލް ކޯޓަށް، އެނަމެއް ނިސްބަތްވާ މަދަނީ ކޯޓު އުފެދުނު ހިސާބުން ފެށިގެން މިހާތަނަށް ހާސިލުވެފައި ނުވާވަރުގެ ބޮޑު ކާމިޔާބީއެކެވެ." އެ ކޯޓުން ބުނެފައިވެ އެވެ.

ލަނޑުދަނޑިއަށް ވާސިލްވެވުނީ ސިވިލް ކޯޓުގެ އޮނިގަނޑަށް ބަދަލު ގެނެސް ކޯޓުގެ ފަސް ޑިވިޝަނެއް ގާއިމުވެގެން ގޮސް، މައްސަލަތައް އަވަހަށް ނިންމުމަށް ގާޒީން ކުރި މަސައްކަތުގެ ސަބަބުން ކަމަށް ސިވިލް ކޯޓުން ބުންޏެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ 15 ގައި ސިވިލް ކޯޓުގައި ފަސް ޑިވިޝަން ގާއިމްވިއިރު، 1136 މައްސަލައެއް ނުނިމި ހުރި ކަމަށާއި އެ ދުވަހުން ފެށިގެން މިދިޔަ މާރިޗު މަހުގެ ނިޔަލަށް ޖުމްލަ 2589 މައްސަލަ ހުށަހަޅާފައިވާ ކަމަށް ސިވިލް ކޯޓުން ބުންޏެވެ. އޭގެ ތެރެއިން 2681 މައްސަލަ ނިންމާފައިވާއިރު މިހާރުގެ ބާކީ އަކީ 1044 މައްސަލައެވެ.