ބޭސްފަރުވާއަށް އިނގިރޭސިވިލާތައް ވަޑައިގެން ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގަތުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އަންގައިފި އެވެ.

ކަރެކްޝަނަލް ސާވިސްގެ އޮފިޝަލަކު މިރޭ ސަން އަށް ވިދާޅުވީ ބޭސްފަރުވާ ކުރުމަށް ރައީސް ނަޝީދަށް ދީފައިވާ މުއްދަތު ހަމަވެފައިވާތީ ރާއްޖެ ވަޑައިގަތުމަށް އިއްޔެ އަންގާފައިވާނެ ކަމަށެވެ. އެ އެންގުން އަންގާފައި ވަނީ އެމަނިކުފާނުގެ ގާނޫނީ ވަކީލު ހަސަން ލަތީފް މެދުވެރިކޮށް ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

ކަރެކްޝަންސްގެ އޮފިޝަލް ވިދާޅުވީ ބޭސްފަރުވާއަށް ރައީސް ނަޝީދަށް ދީފައިވާ މުއްދަތު ހަމަވިތާ އެއްމަސް ވެދާނެ ކަމަށެވެ.

ކަރެކްޝަނަލް ސާވިސް އިން އެކުލަވާލާފައިވާ ކަމާ ބެހޭ ގަވާއިދުގައި ބުނާ ހުރިހާ ލިޔުންތައް ގަވާއިދުގައި ބުނެފައިވާގޮތަށް ރައީސް ނަޝީދު ހުށަހަޅުއްވާފައިނުވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ސްރީލަންކާގެ ކޮލަމްބޯ އިން ރައީސް ނަޝީދު އިނގިރޭސިވިލާތައް ފުރާވަޑައިގަތީ މިދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު އެވެ.