މާލެ އާއި ހުޅުލެއާ ދެމެދު ހަދަމުންދާ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖުގެ މަސައްކަތުގެ ސަބަބުން އެ ސަރަހައްދުގެ ތިމާވެއްޓަށް އަސަރު ކުރާނެތޯ އެތައް ގޮތަކުން ބެލިފައިވާނެ ކަމަށާއި އީއައިއޭ ރިޕޯޓް ދައްކާ ގޮތުން އެ ސަރަހައްދަށް އަންނާނީ ވަރަށް ކުޑަ ބަދަލެއް ކަމަށް ޗައިނާ އިން ބުނެފި އެވެ.

ބުރިޖުގެ މަސައްކަތާ ގުޅޭ ގޮތުން "ސަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީގެ އެޓާޝް އޮފް ޕޮލިޓިކަލް ޑިޕާޓްމެންޓް ޝިއަންގް ޔޫ ރެން ވިދާޅުވީ، އެސަރަހައްދުގެ ފީސިބިލިޓީ ސްޓަޑީ ހެދި ކޮންސަލްޓާންޓުން ވަނީ، އެ ސަރަހައްދަށް ބަދަލެއް އަންނާނެތޯ ބެލުމަށް ނިއުމެރިކަލް އަދި ފިޒިކަލް މޮޑެލިންގް ހަދާފައި ކަމަށެވެ. އަދި އީއައިއޭ އިން ދައްކާ ގޮތުން ވަރަށް ކުޑަ ބަދަލެއް މެނުވީ ނާންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ތިރީގައި މި ވަނީ "ސަން"އިން ކުރި ސުވާލުތަކާއި އެ ސުވާލުތަކަށް ޗައިނާ އެމްބަސީ އިން ދިން ޖަވާބުތަކެވެ.

ސ. ތިޔަ ކުންފުނިން ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބުރިޖު ހެދުމުގެ މަސައްކަތުގައި ތަޖުރިބާ ލިބިގެންފައި. ރާއްޖޭގައި ކުރިޔަށް ދާ ބުރިޖު ހެދުމުގެ މަޝްރޫޢުން އެ ކުންފުންޏަށް ދިމާވާ މައިގަނޑު މައްސަލަ، ނުވަތަ އުނދަގޫތަކަކީ ކޮބާ؟

ޖ. އެސްއެޗްއީސީ އަދި ޕޭރެންޓް ކުންފުނި ސީސީސީސީ އިން ވަނީ ދުނިޔޭގެ އެކި ހިސާބުތަކުގައި އުނދަގޫ، ނަމަވެސް ފާހަގަކޮށްލެވޭ ފަޚުރުވެރި މަސައްކަތްތަކެއް ކޮށްފައި. އެގޮތުން ޑޮންގްހައިގައި ކަނޑު ހުރަސްކޮށް ހަދާފައިވާ 32.5 ކިލޯ މީޓަރުގެ ބުރިޖަކާއި ޒީޖިއަންގް ހަންގްޒޫ ބޭ ހުރަސްކޮށް ހަދާފައިވާ 36 ކިލޯ މީޓަރުގެ ބުރިޖު ވެސް ހިމެނޭ. ކޮންމެ ބުރިޖެއްގައި ވެސް ޓެކްނިކަލް ގޮންޖެހުންތަކެއް ހުންނާނެ. އަދި އެ ގޮންޖެހުންތައް ކޮންމެ ކަމެއްގައި ވެސް ތަފާތު ވާނެ. އެގޮތުން ރާއްޖޭގެ ގޮންޖެހުމަކީ މިތަނުގެ ކަނޑުގެ ދިރުން. އޭގެ އިތުރަށް، މި ބުރިޖު މި އަޅަން ޖެހެނީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި. ލޮޖިސްޓިކް އެރޭންޖްމެންޓުތައް ވެސް ވަރަށް އުނދަގޫ. ސަބަބަކީ، މި ގައުމުގައި ހުރިހާ އެއްޗެއް އިމްޕޯޓު ކުރަން ޖެހުން. އަދި ލިބެން ހުންނަ ތަކެތި ވެސް ބޭނުންވާ ވަރަކަށް ނުލިބޭ.

ސ. ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖު އަޅައި ނިމޭނެ ކަމަށް އަންދާޒާ ކުރެވެނީ ކިހާ މުއްދަތެއްގެ ތެރޭގައިތަ؟

ޖ. މި މަސައްކަތަށް އަޅުގަނޑުމެންނަށް ދީފައި ވަނީ 33 މަސް ދުވަސް.

ސ. މި މަޝްރޫއު ހިންގުމުގައި ދިމާވެދާނެ އެންމެ ބޮޑެތި ގޮންޖެހުންތަކަކީ ކޮބާ؟

ޖ. މި ކުންފުންޏަކީ ޓެކްނިކަލް ކަންކަމާ ވަރަށް އަހުލުވެރި ކުންފުންޏެއް. އެހެން ކަމުން އަޅުގަނޑަށް ހީވަނީ ޓެކްނިކަލް ކަންކަމަށް ވުރެ ބޮޑަށް، ކުރިން ފާހަގަކުރި ގޮތަށް، މަސައްކަތަށް ބޭނުންވާ ސާމާނު ރާއްޖެ އިން ނުލިބުމުގެ ލޮޖިސްޓިކްސް ކަންކަންމާ ބޮޑު ގޮންޖެހުމަކަށް ވާނެ ހެން. އޭގެ އިތުރަށް، މި ބުރިޖު ގުޅުވާލަން ޖެހެނީ އަބަދު ހެން މަސައްކަތްކޮށް ހިނގަމުންދާ އެއާޕޯޓެއްގެ ރަންވޭގެ ކޮޅަށް. އެހެންކަމުން ފްލައިޓުތަކުގެ ދަތުރުތަކަށް ބުރޫ ނާރާނެ ގޮތަކަށް މިކަން ކުރުމަކީ ވެސް ގޮންޖެހުމެއް.

ސ. ދުނިޔޭގެ އެހެން ހިސާބުތަކުގައި ކޮށްފައިވާ މަސައްކަތްތަކަށް ބަލާ އިރު، ރާއްޖޭގައި ހިންގާ މަޝްރޫއުގައިވާ އެންމެ ބޮޑު ތަފާތަކީ ކޮބާ؟

ޖ. ފާހަގަވި ގޮތުގައި ރާއްޖޭގެ ދިޔަވަރަށް މާ ބޮޑު ބަދަލެއް ނާދޭ. އެހެންކަމުން އަޅުގަނޑުމެން ހެދި ޕްލޭނާއި މެތޮޑޮލޮޖީގައި، ދިޔަވަރަށް މާ ބޮޑު ބަދަލެއް އަންނާނެ ކަމަށް ނުބަލަން. މާ ބޮޑު ޓައިޑަލް ރޭންޖެއް ނުހިމެނޭނެ.

ސ. އެހެން ހިސާބުތަކުގައި ކުރިން ކޮށްފައިވާ މަސައްކަތްތަކަށް ބަލާ އިރު، ރާއްޖޭގައި ކުރަން ޖެހޭ މަސައްކަތް ކަނޑުގެ ކިހާ އަޑިއެއްގައި ކުރަން ޖެހޭތަ؟

ޖ. ރާއްޖޭގައި ބުރިޖު އަޅާ ސަރަހައްދުގެ ކަނޑު އަޑީގައި މަސައްކަތް ކުރަން ޖެހޭ އެންމެ ފުން މިނަކީ ކަނޑުގެ 40 މީޓަރާއި 45 މީޓަރާ ދެމެދު.

ސ. މާލެއާއި ހުޅުލެއާ ދެމެދު ރާޅާއި އޮއިވަރު ހުންނަ ގޮތުން އެއްވެސް އުނދަގުލެއް ނުވަތަ ގޮންޖެހުމެއް ކުރިމަތިވޭތަ؟

ޖ. ކަނޑުގައި މަސައްކަތް ކުރުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް. ސަބަބަކީ، ރާޅާއި ދިޔަވަރާއި އޮއިވަރު އެންމެ ރަނގަޅު ވަގުތަށް މަސައްކަތް ތާވަލު ކުރަން ޖެހެނީ. އަޅުގަނޑުމެންނަށް އެނގޭ އަހަރުގެ ބައެއް ހިސާބުތަކުގައި ރާޅުތަކުގެ ސަބަބުން މައްސަލަތަކެއް ކުރިމަތިވާ ކަން. އެހެންކަމުން މި މަސައްކަތް ވަރަށް މޮޅު ސްޓްރެޓެޖީއެއްގެ ދަށުން ރާވާފައި ވާނީ. ފީސިބިލިޓީ ސްޓަޑީ މި ސަރަހައްދުގައި ހެދި ކޮންސަލްޓަންސީ ކުންފުނިން ވެސް ބުނި ގޮތުގައި އެމީހުންގެ ބައެއް ދިރާސާތައް ހެދުމުގައި ވެސް، ރާޅާއި އޮއިވަރާއި ދިޔަވަރުގެ ސަބަބުން އުނދަގޫތަކެއް ކުރިމަތިވި.

ސ. ބުރިޖުގެ މަސައްކަތް ކުރިޔަށްދާ އިރު، ދިވެހި ރައްޔިތުންނަށް ބުނެލަން ބޭނުންވަނީ ކީކޭ؟

ޖ. ބުނެލަން ބޭނުންވަނީ، ތިޔަ ބޭފުޅުންގެ އާންމު ދިރިއުޅުމަށް ހުރަހެއް ނޭޅޭނެ ފަދައިން އަޅުގަނޑުމެންގެ މަސައްކަތްތައް ބައްޓަން ކުރުމަށް ވަރަށް މަސައްކަތް ކުރާނަމޭ. އަދި އަޅުގަނޑުމެންގެ ކޮންސްޓްރަކްޝަން ސަރަހައްދަކީ ބަރު އުޅަނދުތަކާއި އާލާތްތަކެއް ގެންގުޅެ، އޮޕަރޭޓު ކުރާ ސަރަހައްދުތަކަށް ވާތީ، ސަލާމަތީ ސަބަބުތަކަށް ޓަކައި އާންމުން އެސަރަހައްދުތަކަށް ނުވަނުން ރަނގަޅު ވާނެ.

ސ. ބުރިޖުގެ މަސައްކަތް ނިމުމުން ރާޅުގަނޑު ސަރަހައްދުގައި ރާޅު އުފެދުމާއި ރާޅާއި ގުޅޭ ބައެއް ކަންކަމަށް ބަދަލުތަކެއް އަންނާނެ ކަމަށް ބުނެ ދިވެހި ބައެއް ރާޅައި އެޅުންތެރިން ދަނީ ކަންބޮޑުވުން ފާޅު ކުރަމުން. މިކަމާ ބުނެލަން އޮތީ ކީކޭ؟

ޖ. ބުރިޖު އެޅުމަށް އަޅުގަނޑުމެންނަށް ފަންނީ ލަފާ ދިން ކުންފުނިން ވަނީ އެސަރަހައްދަށް ބަދަލުތަކެއް އަންނާނެތޯ ބެލުމަށް ނިއުމެރިކަލް މޮޑެލިންގް އާއި ފިޒިކަލް މޮޑެލިން ޓެސްޓުތަކެއް ހަދައި ބަލާފައި. އީއައިއޭ ރިޕޯޓުން ދައްކާ ގޮތުގައި އެސަރަހައްދަށް ބަދަލެއް އަންނަ ނަމަ އަންނާނީ ވަރަށް ކުޑަ [މިނިމަލް] ބަދަލެއް.

ސ. ބުރިޖުގެ މަޝްރޫއު ނިމުމުން، އަހަރެއްގެ މައްޗަށް ބްރިޖުގެ މެއިންޓެނަންސްއަށް ކިހާ ވަރެއްގެ ފައިސާއެއް ހޭދަ ވާނެތަ؟ މެއިންޓެނަންސްގެ މަސައްކަތް ކުރާނީ ދިވެހި ސަރުކާރުންތަ، ނުވަތަ ޗައިނާއިންތަ؟ މިކަމާ ބެހޭ ގޮތުން އެއްވެސް ކަހަލަ އެއްބަސްވުމެއް ވެވިފައި ވޭތަ؟

މާލެ-ހުޅުމާލެ ބްރިޖް -- ސަން ފައިލް ފޮޓޯ

ޖ. މެއިންޓެނަންސަށް އަރާނެ ޚަރަދު ބަރޯސާ ވާނީ މެއިންޓެނަންސްގެ މަސައްކަތް މެނޭޖު ކުރާ ގޮތަކުން. ބުރިޖު ބަލަހައްޓަން އެކަމަށް ތަމްރީނު ލިބި، ޕްރޮފެޝަނަލްކޮށް، ގަޑިއަށް ފަރުވާތެރިވެ މަސައްކަތް ކުރާ ބައެއް ލިބިއްޖެ ނަމަ މިކަން ނުވާނެ މާ ބޮޑު މައްސަލައަކަށް. ރާއްޖެއާއި ޗައިނާއާ ދެމެދު މިކަމާ މެދު އެއްބަސްވުމެއް ވެވިފައިވޭ. އޭގައިވާ ގޮތުން، ބުރިޖުގެ މަސައްކަތް ނިމުމަށް ފަހު އެ ބުރިޖު ދެ އަހަރު ދުވަސް ވަންދެން މެއިންޓެއިންކޮށް ބަލަހައްޓާނީ ކޮންޓްރެކްޓަރު.

ސ. ބުރިޖުގެ މަސައްކަތް ކުރިޔަށްދާ އިރު، ނުވަތަ ނިމޭ އިރު ރާއްޖޭގެ ތިމާވެއްޓަށް މައްސަލަތަކެއް ކުރިމަތިވާނެތަ؟

ޖ. ހިއެއް ނުވޭ އެކަހަލަ ކަމެއް ދިމާވެދާނެ ހެނެއް. އަޅުގަނޑުމެން ވަރަށް ފަރުވާތެރިކަމާ އެކު މަސައްކަތް ކުރާނަން. އަދި ކޮންސްޓްރަކްޝަން ހިނގަމުންދާ އިރު ތިމާވެށީގެ ކަންބޮޑުވުންތަކަށް ބަލައިގެން، ގެއްލުމެއް ނުލިބޭނެ ގޮތަކަށް ކަންކަން ކުރިޔަށް ގެންދާނީ.

--

ނޯޓު: މިއީ ހުލުމާލެ ބުރިޖުގެ މަސައްކަތް ކުރާ ޗައިނާގެ ކުންފުނި، ސީސީސީސީ އާ ސަން އިން ކުރި ސުވާލުތަކެއްގެ ޖަވާބެވެ.