ޗައިނާ ސަރުކާރުން ރާއްޖެއަށް ސީ އެމްބިއުލެންސް ހަދިޔާ ކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

ޗައިނާގެ މިނިސްޓްރީ އޮފް ޑިފެންސްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ދިވެހިރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ފައިސަލް އެވެ. އަދި ޗައިނާގެ ފަރާތުން ސޮއި ކުރެއްވީ އެގައުމުގެ މިނިސްޓްރީ އޮފް ޑިފެންސްގެ، އޮފީސް ފޮރ އިންޓަނޭޝަނަލް މިލިޓަރީ ކޯޕަރޭޝަންގެ ޑެޕިއުޓީ ޗީފް، މޭޖަރ ޖެނެރަލް ސީ ގުއޮވެއި އެވެ.

އެއީ "ޕްރޮޓޮކޯލް ބިޓްވީން ދަ މިނިސްޓްރީ އޮފް ނޭޝަނަލް ޑިފެންސް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް ދަ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮފް ދަ ރިޕްބްލިކް އޮފް މޯލްޑިވްސް އޮން ޗައިނާ ޕްރޮވިޜަން އޮފް މިލިޓަރީ އެސިސްޓެންސް ގްރާޓިސް ޓު ދަ މޯލްޑިވްސް" ގެ ދަށުން ސޮއުކުރި އެއްބަސްވުމެކެވެ.

އެރަސްމިއްޔާތުގައި މޭޖާ ޖެނެރަލް ސީ ވިދާޅުވީ ސީ އެމްބިއުލެންސް ހެދުމުގެ މަސައްކަތް މި އަހަރުގެ ޖަނަވަރީ އިން ފެށިގެން ކުރިއަށްދާ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ސަފީރު ވިދާޅުވީ ދިވެހިރާއްޖެ ތަރައްގީގެ މަގުގައި ހަލުވި ފިޔަވަޅުތަކެއް އަޅަމުންދާއިރު، ޗައިނާއަކީ ވަރަށް ބޮޑައް އެހީތެރިވާ އަދި ތަރައްގީގެ ހާއްސަ ބައިވެރިއެއް ކަމަށެވެ.

އަދި ޗައިނާ ސަރުކާރުން ދިވެހި ރާއްޖެއަށް ހަދިޔާކުރާ ސީ އެމްބިއުލެންސްގެ ސަަބަބުން ރާއްޖޭގެ ރައްޔިތުންނަށް، ހާއްސަކޮށް އަތޮޅުތެރޭގެ ރައްޔިތުންނަށް ވަރަށް ގިނަ ފަސޭހަތަކެއް ލިބިގެން ގޮސް ސިއްހީ ދިދުމަތް ދިނުމުގައި ކުރިއެރުންތަކެއް ލިބިގެންދާނެކަން ފާހަގަ ކުރެއްވި އެވެ.