07 Apr 2016, 19:46
ރާއްޖެޓީވީގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރުގެ މައްޗަށް ދައުލަތުން ދައުވާ އުފުލައިފި އެވެ.
މިދިޔަ މަހުގެ 17 ވަނަ ދުވަހު ދައުލަތުން ލީވާންގެ މައްޗަށް ދައުވާކޮށްފައި ވަނީ، ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅުމުގެ ތުހުމަތުގަ އެވެ.
ދައުލަތުން ދައުވާ އުފުލާފައިވާ އެ މައްސަލައާ ގުޅިގެން މައުލޫމާތު އެރުވުމަށް މިމަހުގެ 14 ވަނަ ދުވަހު 11:00 ޖަހާއިރު ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް ލީވާން އަށް ކްރިމިނަލް ކޯޓުން ވަނީ އަންގާފަ އެވެ.
ލީވާންގެ އިތުރުން ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމްގެ މައްޗަށްވެސް ދައުލަތުން ވަނީ ދެ ދައުވާއެއް އުފުލާފަ އެވެ. ވިސާމްގެ މައްޗަށް ދައުވާކޮށްފައި ވަނީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅުމުގެ ތުހުމަތާ ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރި ކަމުގެ ތުހުމަތުގަ އެވެ.
ވިސާމް އަދި ލީވާން އަކީވެސް މީގެ ކުރިން ބޭއްވި ބައެއް މުޒާހަރާތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ބަންދުގައިވެސް ބައިތިއްބާފައިވާ ދެ ނޫސްވެރިންނެވެ.
އެ ދެ ނޫސްވެރިންގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައި ވަނީ ސީދާ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ސާފެއް ނުވެ އެވެ.