މިދުވަސް ވަރަކީ ސްކޫލްތަކުގެ ފުރަތަމަ ޓާމާއި އޭލެވެލް އިމްތިހާނު ފެށޭ ދުވަސް ވަރު ކަމަށާއި މިދުވަސްވަރު މަގުމަތީގައި ލަވަ ޖަހައި އަޑުގަދަ ކުރަމުންގެންދިއުމުން ކުދިންނަށް ފިލާވަޅު ދަސްކުރުމަށް ދަތިވާ ކަމަށް ބެލެނިވެރިން ޝަކުވާ ކުރަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެޑިއުކޭޝަނުން މިއަދު ނެރެފައިވާ ދެންނެވުމެއްގައި ބުނެފައި ވަނީ މާލޭގެ މަގުތަކުގައި އަމިއްލަ ފަރާތްތަކާއި ބައެއް ސިޔާސީ ޕާޓީތައް ހިމެނޭ ގޮތަށް މާލޭގެ މަގުތަކުގައި މިދުވަސްވަރު ބާރަށް ލަވަޖަހައި އަޑުގަދަކުރަމުންދާތީ ކިޔަވާ ކުދިންނަށް ފިލާވަޅު ދަސްކުރުމަށް ދަތިވަމުންދާ ކަމަށާއި އަދި ބެލެނިވެރިން ޝަކުވާ ކުރަމުންދާ ކަމަށެވެ.

"ވީމާ މިކަމުގައި ހަރަކާތްތެރިވާ ޒުވާނުންނާއި ސިޔާސީ ޕާޓީތަކުން ކިޔަވާ ކުދިންގެ ޓެސްޓް ދުވަސްވަރުކަން ހަނދުމަކޮށް އެކުދިންނަށް ދަތިނުވާ ގޮތަށް ޢަމަލުތައް ބެހެއްޓުމަށް އެދި ދެންނެވީމެވެ،" ޒުވާނުންތަކެއް މާލޭގެ މަގުތަކުގައި ކުރަމުން އަންނަ މުޒާހަރާ އަށް އިޝާރަތްކޮށް އެޑިޔުކޭޝަނުން ބުންޏެވެ.

އެ މިނިސްޓްރީން ބުނީ އޭލެވެލް ކުދިންގެ ޓެސްޓު ފެށުމަށް ހަފްތާ އަކަށް ވެފައިވާ އިރު ސެކަންޑްރީ ސްކޫލްތަކުގެ ޓެސްޓު ފެށުމަށް ވެސް ކައިރިވެފައިވާ ކަމަށެވެ.

ފާއިތުވި ތިން ރޭ މާލޭގެ މަގު ތަކުގައި ވަނީ ތަކެތީގެ އަގު އަތްފޯރާ ފަށަށް ގެނައުމަށް ގޮވާލާ މުޒާހަރާ ކޮށްފަ އެވެ. އަދި ރޭ ގަނޑު ދަންވަންދެން ކުރަމުންދާ މުޒާހަރާ އާ ގުޅިގެން އާންމު ރައްޔިތުންނަށް އުނދަގޫ ވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ޝަކުވާ ކޮށްފަ އެވެ.