07 Apr 2016, 19:43
ނޫސްވެެރިންގެ ކަންބޮޑުވުންތައް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން ހޯމް މިނިސްޓަރު އުމަރު ނަސީރާ ހިއްސާކޮށްފި އެވެ.
ނޫސްމަޖައްލާ ރަޖިސްޓްރީ ކުރުމާއި މީޑިއާއާ ގުޅޭ ބައެއް ކަންކަން ބަލަހައްޓަމުންދާ ހޯމް މިނިސްޓަރު އުމަރާއެކު އެމްއެމްސީން މިއަދު ބޭއްވި ބައްދަލުވުމާ ގުޅޭ ގޮތުން އެ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ނޫސްވެރިކަމަށް ދެރަގޮތެއް މެދުވެރިނުވާނެ ގޮތެއް ހޯއްދަވައި ދެއްވުމުގައި އިސް ދައުރެއް އަދާކޮށްދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށެވެ.
ނޫސްވެރިންގެ ކަންބޮޑުވުންތައް އަޑުއެހުމަށް މިދިޔަ ހޯމަ ދުވަހު އެމްއެމްސީ އިން ވަނީ ނޫސްވެރިންގެ ފޯރަމެެއް ބާއްވާފަ އެވެ. އެ ފޯރަމްގައި ނޫސްވެރިން ވަނީ ފަހަކަށް އައިސް ނޫސްވެރިންކަން ކުރުމަށާއި ނޫސްވެރިން އަމަލީ މައިދާނުގައި މަސައްކަތް ކުރާއިރު ދިމާވާ ގޮންޖެހުންތަކާ ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ.
މިނިސްޓަރު އުމަރު އެދިވަޑައިގަތުމުގެ މަތީން އެމްއެމްސީއާއެކު މިއަދު ބޭއްވި މަޝްވަރާގައި، މަޖިލީހަށް ހުށަހަޅާފައިވާ "އަބުރާ ބެހުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލާ" ގުޅޭ ގޮތުން އެމްއެމްސީ އިން ފާޅުކުރި ކަންބޮޑުވުންތައް މިނިސްޓަރު ގަބޫލުފުޅު ކުރެއްވި ކަމަށް އެމްއެމްސީން ބުންޏެވެ.
އެ ބިލް، އިތުރު މަރުހަލާއަކަށް ދިއުމުގެ ކުރިން ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރައްވާނެ ކަމުގެ ޔަގީންކަން ވެސް މިނިސްޓަރު ދެއްވި ކަމަށް އެމްއެމްސީން ބުންޏެވެ.
މިއަދު ކުރިއަށް ދިޔަ މަޝްވަރާގައި އެމްއެމްސީ އިން ވަނީ ސަރުކާރުގެ އެކި އިވެންޓުތަކަށް މީޑިއާތައް ވެއްދުމުގައި ތަފާތުކުރުން ގެންގުޅޭ ކަމަށް ބުނެ އެކި މީޑިއާތަކުން ކުރަމުން އަންނަ ޝަކުވާތައް މިނިސްޓަރާ ހިއްސާކޮށްފަ އެވެ. އެކަމާ ގުޅިގެން މިނިސްޓަރު ވިދާޅުވީ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރައްވައި ހަމަހަމަ އުސޫލަކުން އެކަންކަން ހިންގޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށެވެ.
އޭގެ އިތުރުން ފުލުހުންގެ ތަހުގީގަށް ގެންގޮސްފައިވާ "ސަންގު ޓީވީ"ގެ ބައެއް އިކުއިޕްމަންޓުތައް އަދިވެސް ލިބިފައިނުވާތި އެކަން ލަސްވާ ސަބަބު ބައްލަވައިދެއްވައި އެކަން އަވަސްކުރުމަށް ބާރު އަޅުއްވާނެ ކަމަށާއި، ސޯޝަލް މީޑިއާގައި ނޫސްވެރިންނަށް މަރުގެ އިންޒާރު ދިނުން ފަދަ މައްސަލަތައްވެސް ފުލުހުންނަށް ހުށަހެޅުމުން ތަހުގީގުކޮށްދެއްވާނެ ކަމަށް އުމަރު ވަނީ ވިދާޅުވެފަ އެވެ.
ހަމައެއާއެކު ކޯޓުތަކަށް ބައެއް މީޑިއާތައް ނުވައްދާ މައްސަލައާ ގުޅިގެންވެސް މިއަދު މަޝްވަރާ ކުރި އިރު، އުމަރު ވިދާޅުވީ ޖުޑީޝަރީގެ އިސް ފަރާތްތަކާ މަޝްވަރާކޮށް، އެ މައްސަލައަށް ހައްލު ހޯއްދަވައިދެއްވުމަށް އިލްތިމާސްކުރައްވާނެ ކަމަށެވެ.