07 Apr 2016, 20:16
ގާނޫނާ ޚިލާފަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫޟް ހައްޔަރުކުރަން އުޅުނު ކަމަށް ބުނެ، އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިންގެ ބުރަކަށީގެ ތިން ނާރު ފިތިފައިވާ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި މުހުތާޒު ވިދާޅުވީ ހައިކޯޓުން ކުރި ހުކުމާ އެއްގޮތަށް އޭނާ ބަންދުގައި ބެހެއްޓުމުގެ ކަންތައް ފުލުހުން ކުރިއަށް ގެންގޮސްފައި ނުވާތީ އެންމެ ފަހުން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެކަން ގާޒީގެ ސަމާލު ކަމަށް އޭނާ ގެންނެވި ކަމަށެވެ. ނަމަވެސް ގާޒީ މިހާތަނަށް އެކަމާ ގުޅޭ ގޮތުން އެއްވެސް ކަމެއް ކުރައްވާފައިނުވާ ކަމަށް މުހުތާޒު ވިދާޅުވިއެވެ.
އެކަމާ ގުޅޭ ގޮތުން ފުލުހުންނާ ސުވާލުކުރުމުން މިހާރު އޭނާ ހުރީ ޝަރުއީ ބަންދެއްގައި ކަމަށާއި އެހެންކަމުން ގާޒީ ވަކިގޮތެއް ނާންގަނީސް ކުރެވޭނެ ކަމެއް ނެތް ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ވެސް މުހުތާޒު ވިދާޅުވިއެވެ.
ނާރުގެ ޑޮކްޓަރު އަލީ ނިޔާފަށް ދެއްކުމުން މުހުތާޒުގެ ބުރަކަށީގެ ތިން ނާރެއް ފިތިފައިވާކަން ބަޔާންކޮށް ދެއްވާފައިވާ ލިޔުމާއި ޑޮކްޓަރުގެ އެހެނިހެން ލިޔުންތައް މުހުތާޒު މިއަދު ވަނީ ގާޒީއަށް ވެސް ދައްކަވާފައެވެ.
މުހުތާޒު ވިދާޅުވީ ދޫނިދޫ ގޮޅީގައި ހުރި ފާޚާނާގައި ފްލެޝް ކުރެވޭނެ ގޮތެއް ނެތުމުން އަމިއްލައަށް ފެންއަޅަންޖެހޭ ކަމަށާއި ހަށިގަނޑަށް ބުރަވާފަދަ އެފަދަ މަސައްކަތް ނުކުރުމަށް ޑޮކްޓަރު ލަފާދެއްވާފައިވާ ކަމަށެވެ. އަދި މިހާރު ސިއްހީ ހާލަތު ބޮޑަށް ގޯސްވެފައި ވަނީ އެކަމުގެ ސަބަބުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ގާޒީ އިބްރާހީމް އަލީ އާއި ތަހުގީގީ އިދާރާ ގުޅިގެން އޭނާ އަށް އަނިޔާކުރަމުން އަންނަ ކަމަށް ވަރަށް ހިތާމަޔާއެކު ދަންނަވާ ކަމަށް ވެސް މުހުތާޒު މިއަދު ވިދާޅުވިއެވެ.
އެވާހަކަތަކާ ގުޅިގެން ގާޒީ ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ. ގާޒީ ވިދާޅުވީ ކަރެކްޝަނަލް ސާވިސްގެ ބޭފުޅުން ހާޒިރުކޮށް އަންނަ އާދީއްތަ ދުވަހު މުހުތާޒުގެ ބަންދާ ބެހޭގޮތުން ވާހަކަދައްކައި ގޮތެއް ނިންމުމަށްޓަކައި އަޑުއެހުމެއް ބާއްވާނެ ކަމަށެވެ.