07 Apr 2016, 18:41
ގާނޫނާ ޚިލާފަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހައްޔަރުކުރަން އުޅުނު ކަމަށް ބުނެ ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) މުހުތާޒު މުހުސިންގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ އަށް އޭނާ މިއަދު އިންކާރު ކުރައްވައިފި އެވެ.
މުހުތާޒު އެކަމަށް އިންކާރު ކުރެއްވީ މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައެވެ.
ރައީސް ޔާމީން ހައްޔަރުކުރާކަމަށް ދެއްކުމަށްޓަކައި މާފުށީ ކޯޓުގެ ނަމުގައި އޭނާ ކޯޓު އަމުރެއް ތައްޔާރުކުރި ކަމަށް ދައުލަތުން ބުނާއިރު، މާމިގިލީ ކޯޓަށް ގޮސް އެ ކޯޓުގެ ތައްގަނޑު އޮއްވައި މާފުށީ ކޯޓުގެ ނަމުގައި ކޯޓުގެ އަމުރެއް ނެރެންވީ ކީއްވެތޯ ވިދާޅުވެ މުހުތާޒު ވަނީ ސުވާލު އުފައްދަވާފައެވެ.
މުހުތާޒު ވިދާޅުވީ ސައްޚަ ނޫން ކޯޓު އަމުރެއް ތައްޔާރުކުރި ކަމަށް ބުނައިރު، އެފަދަ ލިޔުމެއް ދައުލަތުން ޝަރީއަތަށް ހުށަހަޅާފައިނުވާ ކަމަށާއި، އެހެންކަމުން ހެކި އުފެއްދުމުގެ ފުރުސަތު ދައުލަތަށް އޮންނާނެ ކަމަށެވެ.
މުހުތާޒުގެ މައްޗަށް ދައުލަތުން އުފުލި ދައުވާގައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހުގެ ރޭ ދަންވަރު 2:45 އެހާކަންހާއިރު، އޭނާ އިތުރު ބަޔަކާ އެކު ލޯންޗެއްގައި މާމިގިއްޔަށް ގޮސް އެރަށު ކޯޓުގެ އިސް މެޖިސްޓްރޭޓް އަހްމަދު ނިހާނާ ބައްދަލުކޮށްފައިވާ ކަމަށެވެ.
އެމީހުންނާ ބައްދަލުކޮށް މާމިގިލީ ކޯޓު ހުޅުވައިގެންތިބެ އީ-މެއިލް އެޑްރެހަކާއި އެއަށް ވަނުމަށް ބޭނުންވާ ޕާސްވޯޑް މުހުތާޒު ދިނުމުން، ނިހާން އެކޯޓުގެ ލެޕްޓޮޕުން އެ އީ-މެއިލް އެޑްރެހަށް ވަދެ "މާފުށީ އަމުރު" މިނަމުގައިވާ ކޯޓު އަމުރެއް ކަމަށް ދައްކުވައި ދޭ ގޮތަށް ތައްޔާރުކޮށްފައިވާ ލިޔުމެއް ޑައުންލޯޑްކޮށް، އެލިޔުމަށް ގެންނަން ބޭނުންވާ ބަދަލުތައް ގެނެސްފައިވާ ކަމަށް ވެސް ދައުވާގައިވެ އެވެ.
އެ ދައުވާ މައްޗަށް ކޮށްފައި ވަނީ ޓެރަރިޒަމް މަނާކުރުމާ ބެހޭ ގާނޫނުގެ ހަތަރު ވަނަ މާއްދާގެ (ހ)ގެ އެއް ވަނަ ނަންބަރާއި ދެ ވަނަ ނަންބަރާއި، ފަސް ވަނަ މާއްދާގެ (ހ)ގެ ދެ ވަނަ ނަންބަރާއި، ހަ ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެމާއްދާގެ (ނ) ގެ ދަށުންނެވެ.
މުހުތާޒުގެ މައްޗަށް ދައުލަތުން އުފުލާފައިވާ އަނެއް ދެ ދައުވާ ކަމުގައިވާ ވަކި އަސްލެއް އޮތް އެއްޗެއް ސައްޚަނޫން ގޮތުގައި ދެއްކުމަށްޓަކައި ލިޔުމެ ތައްޔާރުކުރުމުގެ ކުށުގެ ދައުވާ އާއި ވަކި އުސޫލަކުން ދޫކޮށްފައިވާ ލިޔުމެއްގައި ސައްޚަ ނޫން ގޮތުގައި ދެއްކުމުގެ ދައުވާގެ ޝަރީއަތް ވެސް މިއަދު ވަނީ ކުރިއަށް ގެންގޮސްފައެވެ.
އޭނާގެ ގާނޫނީ ވަކީލު ހުސްނުއްސުއޫދު ވިދާޅުވީ އެ މައްސަލައާ ގުޅޭ ހެކި ދައުލަތުން ހުށަހެޅުމުން ނޫނީ ދައުވާ އަށް ތަފްސީލީ ގޮތެއްގައި ޖަވާބުދާރީވެވެން ނެތް ކަމަށެވެ.