ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އަސާސީ ގަވާއިދު އަލުން އިސްލާހު ކުރުމަށް ބާއްވާ ކޮންގްރެސް، އަންނަ މަހުގެ ހަތް ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.

އެފްއޭއެމް ނެރުނު ބަޔާނެއްގައި ބުނީ، އަންނަ މަހުގެ ހަތްވަނަ ދުވަހު އެފްއޭއެމްގެ ކޮންގްރެސް ދަރުބާރުގޭ ފާށަނާ މާލަމުގައި ބާއްވާ ގޮތަށް ނިންމާފައިވާ ކަމަށެވެ.

އެފްއޭއެމްގެ ކޮންގްރެސް މިދިޔަ މަހުގެ 6 ވަނަ ދުވަހު ބާއްވައި އަސާސީ ގަވާއިދު ފާސް ކުރި ނަމަވެސް ފީފާގެ ރިފޯމް އެޖެންޑާއާ ހިލާފު ގިނަ ކަންތައްތަކެއް ހުރުމުން ފީފާއިން ވަނީ އަސާސީ ގަވާއިދު ބަލައިނުގަންނާނެ ކަމަށް ބުނެފަ އެވެ.

މިދިޔަ މަހު ބޭއްވި ކޮންގްރެސްގައި އަސާސީ ގަވާއިދަށް ގެނެވުނު އެންމެ ބޮޑު ބަދަލަކީ ރާއްޖޭގެ ނުވަ ޒޯނަކުން، ކޮންމެ ޒޯނަކަށް އެއް ކުލަބަށް އެފްއޭއެމްގެ އިންތިހާބުގައި ވޯޓުދެވޭ އުސޫލު އުވާލުމެވެ. އަސާސީ ގަވާއިދަށް ނުވަ ޒޯނަކުން، ކޮންމެ ޒޯނަކަށް އެއް ކުލަބަށް ވޯޓުދެވޭ ގޮތަށް އަސާސީ ގަވާއިދު އިސްލާހުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި ކޮންގްރެސްގަ އެވެ.

އެންމެ ފަހުން އިސްލާހުކުރި އަސާސީ ގަވާއިދުގައިވާ ގޮތުން، އެފްއޭއެމްގެ އިންތިހާބުގައި ވޯޓުދެވޭނީ އެއް ވަނަ ޑިވިޝަނުގެ އަށް ކުލަބަށާއި، ދެ ވަނަ ޑިވިޝަނުން 10 ކުލަބު އަދި ތިން ވަނަ ޑިވިޝަނުން ތިން ކުލަބަށެވެ. އޭގެ ތެރެއިން އެއް ވަނަ ޑިވިޝަނުން ކޮންމެ ކުލަބަކަށް ދެ މެންބަރުންނަށް ވޯޓުދެވޭ ގޮތަށް އިސްލާހު ގެނެސްފައިވެއެވެ.

އޭގެ އިތުރުން ފުޓްސަލް އެސޯސިއޭޝަން، ބީޗް ފުޓްބޯލް އެސޯސިއޭޝަން، ޔޫތު ފުޓްބޯލް އެސޯސިއޭޝަން، ޕްލޭޔާސް އެސޯސިއޭޝަން، ރެފްރީޒް އެސޯސިއޭޝަން އަދި ވިމެންސް ފުޓްބޯލް އެސޯސިއޭޝަނެއް އެފްއޭއެމްގެ ދަށުން އުފައްދައި، ވޯޓުދެވޭ އުސޫލު ވެސް މިދިޔަ މަހުގެ ކޮންގްރެސްގައި އުވާލާފައިވެ އެވެ.