ދިވެހިރާއްޖޭގެ އާބާދީ އާއި ރައްޔިތުންގެ ސިއްހަތާ ބެހޭ ސާވޭ، ނުވަތަ ހެލްތް އެންޑް ޑިމޮގްރެފިކް ސާވޭ ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށާއި މި އަހަރުގެ ސެޕްޓެމްބަރު މަހަށް އެ ސާވޭ ނިންމައި މައުލޫމާތު އާންމު ކުރާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ހެލްތު މިނިސްޓްރީގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި، މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ ދުޅަހެޔޮ ކަމާއި، ސިއްހަތާއި، ސިއްހީ ދާއިރާގައި ރައްޔިތުންނަށް ދޭ ޚިދުމަތް ރަނގަޅު ކުރުމާއި، ރައްޔިތުންނަށް ދިމާވާ ބަލިތައް މި ސާވޭއިން ފާހަގަ ކުރެވޭނެ ކަމަށާއި ޚިދުމަތް ރަނގަޅު ކުރުމަށް އެޅާނެ ފިޔަވަޅުތައް ހޯދުމަށް އެ ސާވޭއިން އެހީތެރިވެދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ހެލްތު އެންޑް ޑިމޮގްރަފިކް ސާވޭ އަކީ ދުނިޔޭގެ ގިނަ ގައުމުތަކެއްގައި، ކޮންމެ ފަސް އަހަރަކުން އެއް އަހަރު ކުރިޔަށް ގެންދާ ސާވޭއެކެވެ. މި ސާވޭ ރާއްޖޭގައި އެންމެ ފަހުން ހަދާފައި ވަނީ 2009 ވަނަ އަހަރު އެވެ.

ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އާއިޝަތު ސާމިޔާ ވިދާޅުވީ، މިއީ ބޯހިމެނުން ނަގާފައި، ރާއްޖޭގައި ކުރެވޭނެ އެންމެ ބޮޑު ސާވޭ ކަމަށާއި، މި ސާވޭއަކީ އާބާދީ އާއި ސިއްހަތާ ގުޅުން ހުރި އެންމެ ގިނަ މައުލޫމާތު އެއްކުރަން ގެންގުޅޭ ވަސީލަތް ކަމަށެވެ.

ސާމިޔާ ވިދާޅުވީ، މި އަހަރު މި ސާވޭ ރާއްޖެއިން ކުރިއަށް ގެންދަނީ އެމެރިކާގެ އައިސީއެފް ކިޔާ ކުންފުންޏަކާ އެކުގައި ކަމަށެވެ.

"އައިސީއެފް އަކީ މުޅި ދުނިޔޭގައި ވެސް މި ސާވޭ ކުރިޔަށް ގެންދާ ބައެއް. މިއީ އިންޓަނޭޝަނަން މިންގަނޑުތަކަށް ފެތޭ ސާވޭއަކަށް ވެގެން ދާނެ،" ސާމިޔާ ވިދާޅުވި އެވެ.