ޑިފެންސް މިނިސްޓްރީ އިން އެކުލަވާލަމުންދާ ދިވެހި ރާއްޖޭގެ ގައުމީ ސަލާމަތާ ބެހޭ ބިލު އެކުލަވާލުމަށް ފަހު، މީޑިއާ ވެސް ހިމެނޭ ގޮތަށް، ބިލުގެ ހުރިހާ ހިއްސާދާރުންގެ ޚިޔާލު ހޯދުމުގެ މަސައްކަތް ކުރާނެ ކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިއަދު ވިދާޅުވީ، ދިވެހިރާއްޖޭގެ ގައުމީ ސަލާމަތާއި ބެހޭ ބިލު ޑްރާފްޓު ކުރުމުގެ މަސައްކަތަކީ މީގެ ކުރިން ފަށައިގެން ކުރެވެމުން ދިޔަ މަސައްކަތެއް ކަމަށާއި، އަންނަ ހަފްތާގައި މި ބިލުގެ ފުރަތަމަ ޑްރާފްޓް އެކުލަވާލައި ނިމޭނެ ކަމަށެވެ.

އަދި މި ބިލު އެކުލަވާލެވުމުން އެ ބިލު، ބިލާ ގުޅޭ އެކިއެކި ސްޓޭކްހޯލްޑަރުންނާ ހިއްސާ ކުރައްވާނެ ކަމަށާއި އޭގެ ތެރޭގައި މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތައް ވެސް ހިމެނޭނެ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވި އެވެ.

"ރާއްޖޭގައި މިކަމާ ގުޅުން ހުރި ހުރިހާ ހިއްސާދާރުންނާއި އޭގެ ތެރޭގައި މީޑިއާ ވެސް ހިމެނޭ ގޮތަށް، ބިލު ހިއްސާކޮށް، ބިލު ފުރިހަމަކޮށް ފިއިނަލް ކުރުމަށް މަސައްކަތް ކުރާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ގައުމީ ސަލާމަތާ ބެހޭ ގޮތުން ގިނަ މަސައްކަތްތަކެއް މިހާރު ވެސް ކުރެވޭ ކަމަށެވެ. އެހެން ނަމަވެސް މިހާރަށް ވުރެ ކަންކަން ހަރުދަނާ ކުރުމަށް އެކަމަށް ޚާއްސަ ގާނޫނެއް ބޭނުންވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ރާއްޖޭގެ ގައުމީ ސަލާމަތާ ބެހޭ ގޮތުން ގިނަ މަސައްކަތްތަކަކީ މިހާރު ވެސް ގާނޫނީ ބާރުވެރިކަން ލިބިގެން. ފުލުހުންގެ ގާނޫނާއި ދިވެހި އަސްކަރިއްޔާގެ ގާނޫނުން ބާރު ލިބިގެން ކުރަމުންދާ މަސައްކަތްތައް މިހާރަށް ވުރެ ބޮޑަށް ހަރުދަނާ ކުރުމަށް މިކަހަލަ ބިލެއްގެ ބޭނުންތެރިކަން ވަރަށް ބޮޑު،" ޑިފެންސް މިނިސްޓަރު ޝަރީފު ވިދާޅުވި އެވެ.