03 May 2011, 13:07
ރާއްޖޭގެ އެންމެ ދެކުނުގެ ތިން އަތޮޅުގެ ގާތްގަނޑަކަށް ހުރިހާ ރަށްރަށަކުންނާއި އައްޑޫ ސިޓީން ބައިވެރިވާ ބޮޑު މުޒާހަރާއެއް އަންނަ ބުރާސްފަތި ދުވަހުގެ ރޭ ފުވައްމުލަކުގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަ ކަމަށް ޏ. ފުވައްމުލަކު ދަނޑިމަގު ރަށު ކައުންސިލްގެ ރައީސް އަހުމަދު ނަޖާހު އިބުރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ނަޖާހު ވިދާޅުވީ މުޒާހަރާގެ އިންތިޒާމްތައް ހަމަޖެއްސުމަށް މިއަދު ފުވައްމުލަކުގެ މަދަނީ ޖަމިއްޔާތަކާއި ރަށުގެ ގިނަ އަދެއްގެ އަންހެނުންގެ އިތުރުން ކައުންސިލްތަކުގެ މެމްބަރުން ވަނީ ބައްދަލުވުމެއް ބާއްވާފަ އެވެ. އަދި އެ ބައްދަލުވުމުގައި ފުވައްމުލަކުގެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ، ޑީއާރްޕީގެ 11 ކައުންސިލަރުންގެ ތެރެއިން ގިނަ ބޭފުޅުންތަކެއް ބައިވެރިވެވަޑައިގެންނެވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޑޮލަރުގެ އަގު ބޮޑުވުމާއި ތަކެތީގެ އަގު އުފުލުމުގެ ސަބަބުން ރައްތުންނަށް އިންތިހާއަށް ދަތިވެފައިވާތީ އަޅުގަނޑުމެން މިހާރު މި ވަނީ ސިލްސިލާ މުޒާހަރާއެއް ފަށާފައި، މި ސިލްސިލާގެ ތެރޭގައި ހިމެނޭ ދެކުނުގެ ހުރިހާ އަތޮޅަކުން ބައިވެރިވާ މުޒާހަރާއެއް ބުރާސްފަތި ދުވަހުގެ ރޭ ބޭއްވުމަށް މިހާރު ވަނީ އެއްބަސްވެވިފައި،" ނަޖާހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދެކުނުގެ ބޮޑު ތިން އަތޮޅާއި އައްޑޫ ސިޓީން މިހާރު ވަނީ ގިނަ ބަޔަކު ފުވައްމުލަކަށް އައުމަށް އެއްބަސްވެފައި ކަމަށެވެ. އަދި އެކަމުގައި ވަކި ޕާޓީއެއް ވަކި ކުލައެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެގޮތުން 5000 މީހުންނަށް ވުރެ މަދު ނޫން އަދަދެއްގެ މީހުން ބުރާސްފަތި ދުވަހުގެ ރޭ އޮންނަ ބޮޑު މުޒާހަރާގައި ބައިވެރިވާނެ ކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނަޖާހު ވިދާޅުވީ މިއަދު ބޭއްވި ބައްދަލުވުމަށް ފަހު މުޒާހަރާއަށް ތައްޔާރުވުމުގެ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް މިހާރު ފެށިފައިވާ ކަމަށެވެ. އަދި މިރޭ ވެސް ގިނަބަޔަކު ގުޅިގެން ކުރާނީ އެ މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ.
"މުޒާހަރާ އަށް ތައްޔާރުވުމުގެ ގޮތުން ގިނަ އަދަދެއްގެ ދިވެހި ދިދަ ގެނައުމަށް މިހާރު ވަނީ މާލެއަށް އޯޑަރުކޮށްފައި. ބެނާތަކާއި ބޯޑްތަކުގައި ތައްގަނޑު ޖެހުމުގެ މަސައްކަތް މިރޭ ކުރިއަށްދާނެ." ނަޖާހު ވިދާޅުވި އެވެ.
ފުވައްމުލަކުގައި ބުރާސްފަތި ދުވަހު ބާއްވާ މުޒާހަރާގައި ބައިވެރިވާ މަދަނީ ޖަމިއްޔާތަކުގެ ތެރޭގައި ރަށްވެހި ދަނޑިމަގު ޒުވާނުންގެ ޖަމިއްޔާ އަދި އައިލެންޑް ރެކްރިއޭޝަން ކުލަބުން ބައިވެރިވާ ކަމަށް މުޒާހަރާ އިންތިޒާމް ކުރާ މީހުންގެ ސްޕޯކްސް ޕާސަންއެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާ ކައުންސިލަރު ނަޖާހު ވިދާޅުވި އެވެ.