އެއީ މީގެ ތިން ވަރަކަށް އަހަރު ކުރިއެވެ. ތައުލީމީ ދާއިރާގައި ނުހަނު ޝައުގުވެރިކަމާއެކު އެހާމަ ބުރަކޮށް މަސައްކަތްކުރަމުން ދަނިކޮށް، ނާޝިދަށް ކުރިމަތިލާން ޖެހުނު ސިއްހީ މައްސަލަތަކެއްގެ ސަބަބުން، ވަޒީފާ އަދާކުރުމަށާއި، ދިރިއުޅުމުގެ އެހެން ކަންތައްތަކަށް ވެސް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނެވެ. އެ ހިސާބުން އޭނާއަށް މަޖުބޫރުވީ ސިއްހީ ލަފާދޭ މާހިރެއްގެ ގާތަށް ދިއުމަށެވެ. އެގޮތުން ޑޮކްޓަރަށް ދައްކައި ޓެސްޓްތައް ހެދުމުން އެނގުނީ، ވެގެން މިއުޅޭ ގޮތަކީ، އޭނާގެ ލޭގައި ދައުރުވާ ހަކުރު (ގުލުކޯސް) ހުންނަންވީ ވަރަށްވުރެ މައްޗަށް ގޮސްފައި ހުރިކަމެވެ.

އުމުރުން 45 އަހަރުގެ މުހައްމަދު ނާޝިދަށް އޭނާއަށް ކުރިމަތިލާން ޖެހިގެން މިއުޅެނީ، ދުނިޔޭގެ އެތަކެއް މިލިޔަން މީހުން ތަހައްމަލުކުރަމުން އަންނަ ހަކުރު ބަލި (ޑައިބިޓީސް) ކަން ކަށަވަރުވިއެވެ. އެހިސާބުން ޑޮކްޓަރުގެ ލަފަ އާއި އިރުޝާދުގެ ދަށުން އޭނާ ހަކުރު ބައްޔަށް ބޭސްކުރާން ފެށިއެވެ.

"މި ބަލީގެ ސަބަބުން ބައެއް ފަހަރު ވަރަށް ބޮޑެތި އުނދަގޫތައް ތަހައްމަލުކުރާން ޖެހޭ. ދިރިއުޅުމުގައި ކުރިން ގެންގުޅުނު އެތައް އާދަތަކެއް ބަދަލުކުރާން ޖެހުނު. ވަކި ގަޑިތަކެއްގައި ބޭސް ކެއުމާއި، ކެއުމުގައި ބޭނުންކުރާ ތަކެއްޗާއި ކާ މިންވަރަށް ބަދަލުތަކެއް ގެންނަން ޖެހުނު،" ނާޝިދު ކިޔައިދިނެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި ހަކުރު ބަލީގެ މީހުން ވަރަށް ގިނަ އެވެ. އެގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން ހާމަކޮށްފައިވާ ތަފާސް ހިސާބު ތަކުން ހާމަވާ ގޮތުން، ދުނިޔޭގައި ހަކުރު ބަލި ޖެހިފައިވާ މީހުންގެ އަދަދު ގާތްގަނޑަކަށް 422 މިލިޔަނަށް އަރަ އެވެ. އަދި 2012 ވަނަ އަހަރު އެކަނި ވެސް ހަކުރު ބައްޔާއި ސީދާ ގުޅުން ހުރި ސަބަބުތަކުގައި 1.5 މިލިޔަން މީހުން ދުނިޔެ ދޫކޮށްފައިވާ ކަމަށް ތަފާސް ހިސާބުތައް ދައްކައެވެ.

ބާމިޔާތޮޅި

ނާޝިދު ބުނި ގޮތުގައި ހަކުރުބައްޔަށް އޭނާ ބޭސްކުރަން ފެށުމުން ހަށިގަނޑަށް ލުއިކަން ލިބެން ފެށިއެވެ. ނަމަވެސް ހަކުރު ބައްޔަށް ލިބެން ހުރި ޑޮކްޓަރީ ބޭހަށްވުރެ ރަނގަޅު ބޭހެއް އޭނާއަށް ތަޖުރިބާ ކުރެވުނީ ތަރުކާރީގެ ބާވަތަކުންނެވެ. އެއީ ބާމިޔާ ތޮޅިއެވެ.

"ސިއްހީ މައުލޫމާތު ފޯރުކޮށްދޭ ވެބްސައިޓަކުން އަޅުގަނޑަށް އެ މައުލޫމާތު ފުރަތަމަ ފެނުނީ. އެއީ ބާމިޔާ ތޮޅީގައި ތައްޔާރުކުރާ ފެނެއް. އެ ފެން ބޯން ފެށުމުން ވަރަށް އަވަހަށް ހަކުރު ކޮންޓްރޯލްވާން ފެށި،" ނާޝިދު ބުންޏެވެ.

"އަޅުގަނޑު ބުނާނީ، ބޭސްކެއުމަށްވުރެ އަސްލު މާ ރަނގަޅޭ ބާމިޔާތޮޅިން ފެން ތައްޔާރުކޮށްގެން ބުއިން،"

ނާޝިދު ބުނާ ގޮތުން ނަމަ، ޑޮކްޓަރު ދިން ބޭސްވެސް ބޭނުން ކުރަމުން ބާމިޔާތޮޅީގެ ފެން ބޭނުންކުރާން ފެށުމުން ކުޑަދުވަސްކޮޅެއްގެ ތެރޭގައި ވަރަށް ބޮޑުތަން ރަނގަޅުވެގެން ދިޔައެވެ.

އެއީ ހަމައެކަނި ނާޝިދުގެ ވާހަކައެއް ނޫނެވެ. އެތަކެއް ބަޔަކު މިހާރުވެސް މީގެ ތަޖްރިބާ ކުރަމުން އެބަދެއެވެ. އަދި ބައެއް މީހުން ހަމައެކަނި، ބާމިޔާ ތޮޅީގައި ފެން ތައްޔާރުކޮށްގެން އޭގެ ބޭނުން ހިފައިގެން ހަކުރުބަލި އެއްކޮށް ކޮންޓްރޯލް ކޮށްފައިވެސް އެބަހުއްޓެވެ.

"އަޅުގަނޑުގެ ލޭގައި ހަކުރުގެ މިންވަރު މައްޗަށް ގޮސްފައި ހުރިކަން އެނގުމުން ޑޮކްޓަރު ލަފާދެއްވީ، ބޭސްކެއުމަށްވުރެ ބާމިޔާ ތޮޅިން ފެން ތައްޔާރުކޮށްގެން ބުއިން މާ ރަނގަޅުކަމަށް. އެގޮތަށް އެ ފެން ބޯންފެށިތާ ދެތިން މަސްދުވަހުގެ ތެރޭގައި ﷲގެ އިރާދަފުޅުން މިހާރު ހަމަ މުޅިން ރަނގަޅޭ ބުންޏަސް ދޮގަކަށް ނުވާނެ،" މީގެ ކުރީން ހަކުރުބަލީގެ ވޭން ތަހައްމަލުކޮށްފައިވާ އުމުރުން 55 އަހަރުގެ ހުސެން ބުންޏެވެ.

ބާމިޔާތޮޅި ނުވަތަ ލޭޑީސް ފިންގާ ފެން ތައްޔާރުކުރުމަށް އޭގެ ތޮޅި ކޮށަނީ. މެދުން ރޮނގެއްވާ ގޮތަށް ފަޅާލިޔަސް ރަނގަޅުވާނެ --

މިއަހަރަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ ޝިއާރަކީ "ރައްކާތެރިވަމާ! ފަރުވާކުރަމާ! ހަކުރު ބަލީގެ މައްޗަށް ކުރި ހޯދަމާ!" މިއެވެ.

ބާމިޔާ ތޮޅިއަކީ ހަގީގަތުގައިވެސް ހަކުރުބައްޔަށް ފަރުވާއެއްގެ ގޮތުގައި ބޭނުން ކުރެވިދާނެ ތަރުކާރީގެ ބާވަތެކެވެ. އެހެންކަމުން ދެން މި ލިޔުމުގައި ބަލައިލާނީ ބާމިޔާ ތޮޅި ބޭނުންކޮށްގެން ހަކުރު ބައްޔަށް ފަރުވާ ކުރާނޭ ގޮތެވެ.

"ބާމިޔާ ތޮޅީގައި އެކުލެވޭ ފައިބަރަކީ ލޭގައި ހަކުރުގެ މިންވަރު ހަމައަކަށް އެޅުމަށް އެހީތެރިވެދޭ މާއްދާ އެކެވެ. ފައިބަރުގެ ސަބަބުން ކުޑަގޮހޮރުގެ ތެރޭގައި، ހަކުރު ހަށިގަނޑަށް ނެގުން ލަސްކޮށް، ދަށްކޮށް ދެއެވެ. އެހެންކަމުން މިއީ ހަކުރު ބަލީގެ މީހުންނަށް ރައްކާތެރިކަމާއެކު ބޭނުންކުރެވިދާނެ ފައިދާހުރި ބާވަތެކެވެ." ޑރ ޢަބުދުލް ޢަޒީޒު ޙަމީދު އޭނާގެ ސިއްހަތު ބްލޮގްގައި ލިޔުއްވާފައި ވެއެވެ.

ހަކުރުބަލީގެ ފަރުވާއެއްގެ ގޮތުގައި ބާމިޔާ ތޮޅި ބޭނުންކުރާނެ ގޮތް:

ބޭނުނަވާނެ ތަކެތި:

  • 2-1 ބާމިޔާތޮޅި،

  • ފެން ތަށްޓެއް،

ތައްޔާރު ކުރާނެ ގޮތް:

ރޭގަނޑު ނިދުމުގެ ކުރިން ބާމިޔާ ތޮޅި މެދުން ފަޅާލުމަށް ފަހު ފެންތައްޓަކަށްލާ، މަތި ޖަހާފައި ބަހައްޓާށެވެ. ބައެއް މީހުން ފެން ތައްޓެއްގެ ތެރެއަށް ވަށް ފޮއްޗަށް ވާގޮތަށް ވެސް ބާމިޔާ ތޮޅި ކޮށައެވެ. ހެނދުނުވުމުން ހުސް ބަނޑާހުރެ ބާމިޔާތޮޅިތައް ނެގުމަށް ފަހު ފެންތަށި ބޯލާށެވެ. ކޮންމެ ދުވަހަކު ހެނދުނު މީގެ ފެންތަށްޓެއް ބޯލުމުން ހަށިގަނޑުން ހަކުރުގެ މިންވަރު ދަށްކޮށްލާނެ އެވެ.

ބާމިޔާތޮޅީގެ ފެން --

ބާމިޔާތޮޅި ކީއްވެ؟

ބާމިޔާ ތޮޅިއަކީ ގްލައިސެމިކް އިންޑެކްސް ދަށް ކާނާއެއް:

ހަށިގަނޑަށް ހަކުރު ލިއްބައިދެނީ ކާބޯހައިޑްރޭޓް އެކުލެވޭ ކާނާގެ ބާވަތްތަކުންނެވެ. ކާބޯހައިޑްރޭޓް އެކުލެވޭ ތަފާތު ވައްތަރުގެ ކާނާއިން ހަށިގަނޑަށް ހަކުރު ލިއްބައިދޭނީ ތަފާތު މިންވަރަށެވެ. ގްލައިސެމިކް އިންޑެކްސްއަކީ ކާނާގެ ބާވަތްތަކުން ހަށިގަނޑުގެ ލޭގައިވާ ހަކުރުގެ މިންވަރަށް އަންނަ ބަދަލު ދެނެގަތުމަށްޓަކައި ބޭނުންކުރާ މިންގަޑެކެވެ.

ކާނާގައި ގްލައިސެމިކް އިންޑެކްސް މަތިވި ވަރަކަށް ލޭގައިވާ ހަކުރުގެ މިންވަރުވެސް މަތި ކޮށްލައެވެ. ބާމިޔާ ތޮޅިއަކީ ގްލައިސެމިކް އިންޑެކްސް ދަށް ކާނާ އަކަށްވުމުން، ކެއުމުގައި ބާމިޔާ ތޮޅި ބޭނުން ކުރާނަމަ ހަށިގަނޑުން ހަކުރުގެ މިންވަރު ކޮންޓްރޯލް ކުރުމަށް އެހީތެރިވެއެވެ.

ކިޑްނީގެ ތަފާތު ބަލިތަކުން ރައްކާތެރި ވުމަށްޓަކައިވެސް ބާމިޔާ ތޮޅިއަކީ ވަރަށް ރަނގަޅު ތަރުކާރީއެކެވެ. ލޭގައި ހަކުރުގެ މިންވަރު މަތިވުމަކީ ދެ ކިޑްނީއަށް ވެސް ނުރައްކާތެރި ކަމަކަށްވީ ހިނދު، ކެއުމުގައި ގަވާއިދުން ބާމިޔާތޮޅި ހިމެނުމުން ކިޑްނީގެ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެ އެވެ.

ބާމިޔާ ތޮޅީގައި ސޮލިއުބަލް ފައިބާ ހިމެނޭ:

ސޮލިއުބަލް ފައިބާ ހުންނަ ކާނާގެ ބާވަތްތަކަކީ ދުޅަހެޔޮ ކިޑްނީއަކަށް ވަރަށް މުހިންމު ކާނާގެ ބާވަތެކެވެ. ކާބޯހައިޑްރޭޓް އެކުލެވޭ ކާނާގެ ބާވަތްތައް ހަޖަމުކުރުމަށް ސޮލިއުބަލް ފައިބަރގެ އެހީތެރިވެއެވެ. ބާމިޔާތޮޅި އަކީ އޭގެ ޒާތުގައި ސޮލިއުބަލް ފައިބާ ހިމެނޭ ތަރުކާރީއެކެވެ. ސޮލިއުބަލް ފައިބަރގެ ސަބަބުން ކާ އެއްޗެހި ހަޖަމު ކުރުން ލަސްކޮށްދެއެވެ. އެހެންކަމުން ލެއަށް ހަކުރުނަގާ މިންވަރުވެސް ދަށްކޮށްދެއެވެ.

ހަކުރު ބައްޔަކީ ގައިންގަޔަށް އަރާ ބައްޔެއް ނޫނެވެ. އަދި ޖަރާސީމަކުން ވެސް ފެތުރޭ ބައްޔެއް ނޫނެވެ. ހަކުރު ބައްޔަކީ މުޅިން ރަނގަޅު ނުކުރެވުނު ނަމަވެސް ކޮންޓްރޯލް ކުރެވިދާނެ ބައްޔެކެވެ. އެގޮތުން ބާމިޔާތޮޅީގައި ތައްޔާރުކުރާ ފެން، ގަވާއިދުން ބޭނުންކުރުމުން ހަކުރުބަލި ކޮންޓްރޯލް ކުރެވެއެވެ.

ބާމިޔާ ތޮޅިއަކީ ހަމައެކަނި، ހަކުރުބައްޔަށް ހުރި ފަރުވާއެއް ނޫނެވެ. އޭގެ އިތުރުން ވެސް ވަރުބަލިކަމާއި ކަންނެތްކަން ފިލުވައިލުން، ބަނޑުހިކުމުން ރައްކާތެރިކޮށްދިނުން، ކަރުތެރެ ފާރުވުމަށް ފަރުވާކުރުން، އޮށާޅައާއި ބިހިނެގުން ކުޑަކޮށްދިނުމާއި ހިމަ ލޭހޮޅިތަކުގެ އޮނިގަނޑު ރަގަޅަށް ހިފަހައްޓައިދިނުމުގެ އިތުރުން ގޮހޮރުގެ ކެންސަރު ފެތުރުން ހުއްޓުވުން ފަދަ ފައިދާތައް ހިމެނެއެވެ.