07 Apr 2016, 15:57
އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ދިރާސާ ކުރާ ފަރާތްތަކަށް އެހީ ދިނުމާ ބެހޭ ސިޔާސަތު އައްމުކޮށްފި އެވެ.
މިއަދު އިސްލާމިކު ޔުނިވާސިޓީގައި ބޭއްވި ހާއްސަ ހަފްލާއެއްގައި ވާހަކަ ދައްކަވަމުން އެ ޔުނިވާސިޓީގެ ވައިސް ޗާންސަލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، އިސްލާމިކު ޔުނިވާސިޓީގެ އެންމެ މުހިއްމު އެއް މަގުސަދަކީ އިސްލާމްދީނާ ގުޅުން ހުރި ދާއިރާތަކުން ދިރަސާކޮށް އެ ދިރާސާތައް ރައްޔިތުންނާ ހިއްސާ ކުރުން ކަމަށެވެ.
"އަޅުގަނޑުމެންގެ ޓީމުގެ އަމާޒަކީ ވިހާވެސް ބޮޑު އަހައްމިޔަތުކަމެއް ދިރާސާ ކުރުމުގެ ދާއިރާ އަށް ދިނުން. އަދި ދިވެހިރާއްޖޭގެ މި ވަގުތަށް ވަރަށް ބޮޑަށް ބޭނުންވޭ އިސްލާމީ އެކިއެކި މައްސަލަތަކާ ބެހޭ ގޮތުން ރަނގަޅު ހުއްޖަތާއި ރަނގަޅު ދަލީލުތަކުގެ މައްޗަށް ބިނާވެފައި ހުރި ދިރާސާތައް،" ވައިސް ޗާންސަލާ ޑރ. ޝަހީމް ވިދާޅުވި އެވެ.
ޑރ. މުހައްމަދު ޝަހީމް ވިދާޅުވީ، އިސްލާމިކު ޔުނިވާސިޓީ އިން ހަދާ ދިރާސާތައް މި ސަރަހައްދުގެ އެހެން ގައުމުތަކަށް ފޯރުކޮށްދިނުމަކީ ވެސް ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ. އަދި މިޒަމާނުގައި ކުރިމަތިވެފައި ހުރި މައްސަލަތަކަށް ބަލާއިރު ވެސް ބޭނުންވަނީ ރަނގަޅު ދިރާސާތަކެއް ކަމަށް ޑރ. މުހައްމަދު ޝަހީމް ވިދާޅުވި އެވެ.
"އެއީ އިގްތިސާދީ މައްސަލަތައް ކަމުގައި ވިޔަސް، އިޖްތިމާއީ މައްސަލަތައް ކަމުގައި ވިޔަސްވެސް އިންސާނީ ހައްގުތަކާ ގުޅުން ހުރި ކަންތައްތަކުގައި ވިޔަސް އެކިއެކި ދާއިރާތަކުން ރަނގަޅު އުސޫލުތަކުގެ އަލީގައި ދިރާސާތައް ކުރެވި އެ ދިރަސާތައް އިލްމީ އުސޫލު ތަކުގެ މަތިން ޕްބލިޝް ކުރެވެން އެބަ ޖެހޭ،" ޑރ. މުހައްމަދު ޝަހީމް ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސެންޓާ ފޯ ރިސާޗު އެންޑް ޕަބްލިކޭޝަންގެ ހެޑް ޑރ. ދީބާ މޫސާ ވިދާޅުވީ، އިސްލާމިކު ޔުނިވާސިޓީގެ ދިރާސާތަކަށް މި އަހަރުގެ ބަޖެޓުގައި ދެ މިލިއަން ރުފިޔާ ކަނޑައެޅިފައިވާ ކަމަށެވެ.
"ފައިސާ ދިރާސާ ކުރަން މުވައްޒަފުންނަށާއި ދަރިވަރުންނަށް އެންކަރޭޖް ކުރުމަށް ޓަކައި ހޭދަ ކުރެވޭނެ ގޮތްތަކެއް އެބަ ކަނޑައެޅެން ޖެހޭ. އެގޮތުން މިހާރު ވަނީ ޕޮލިސީއާއި ސްކީމްތަކެއް އުފެދިފައި އަދި ރިސާޗް ގްރާންޓު ނަމުގައި ކޮމިޓީއެއް އުފެދި އެކަޑެމިކު ބޯޑުން ފާސްކުރެވުފައި ވަނީ،" ޑރ. ދީބާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެ ކޮމިޓީގެ ދައުރަކީ ލިބޭ ޕްރޮޕޯސަލްތައް އިވަލުއޭޓްކޮށް ދެ ފުށް ފެންނަ ގޮތަށް ކްރައިޓީރިއާތައް ކަނޑައަޅައި އެއަށް ބިނާކޮށް ފައިސާ ދޭން ޖެހޭ ފަރާތްތަކަށް ފައިސާ ދެވޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށެވެ.
ހަމައެއާ އެކު، އެ ޕޮލިސީގައި ތިން ސްކީމެއް ހިމެނޭ ކަމަށްވެސް ޑރ. ދީބާ ވިދާޅުވި އެވެ.
އައިޔޫއެމް ރިސާޗް ޕްރޮމޯޝަން ސުކީމް:
އެ ސްކީމަކީ ރިސާޗު ހެދުމަށް އިސްލާމިކު ޔުނިވާސިޓީގެ މުވައްޒަފުންނަށް ބާރުއެޅުމަށް ހާއްސަކޮށްފައިވާ ސްކީމެކެވެ. އަދި ރިސާޗު ހެދުމަށް އެ ސުކީމަށް ހުށައެޅޭ ޕްރޮޕޯސަލްތަކަކީ ފެންވަރު ރަނގަޅު އަދި މުޖުތަމައުއަށް ފައިދާ ހުރި ރިސާޗު ތަކަށް ވާން ޖެހެ އެވެ.
ޕީޖީ ރިސާޗު ގްރާންޓު ސުކީމް:
އެއީ ޕޯސްޓު ގުރަޖުއޭޓު ރިސާޗު ގްރާންޓް ސުކީމް އެވެ. ޖޫން މަހުގައި ޕޯސްޓު ގުރަޖުއޭޓު ކޯސްތައް ފެށިގެންދާ އިރު، އެ ދަރުވަރުން ހަދާ ރިސާޗުތަކަކީ ފެންވަރު ރަނގަޅު އަދި މުޖުތަމައުއަށް ފައިދާ ހުރި ރިސާޗުތަކަށް ހެދުމަށް އެ ސްކީމްގެ ދަށުން އެހީތެރިކަން ލިބޭނެ އެވެ. ހަމައެއާ އެކު އެ ދަރިވަރުންގެ ތީސީސް ނެރުމަށާއި، ތީސީސް ޝާއިއު ކުރުމަށް އެ ސްކީމްގެ ދަށުން އެހީތެރިކަން ލިބިގެންދާނެ އެވެ.
އައިއޫއެމް އިނޮވޭޝަން ޕްރޮޖެކްޓު:
އެ ސްކީމަކީ ދަރިވަރުންނާއި މުވައްޒަފުންނަށް ހުޅުވާލެވިފައިވާ ސުކީމެކެވެ. އެގޮތުން ޕޯސްޓު ގުރަޖުއޭޓު، އަންޑާ ގުރަޖުއޭޓް ދަރިވަރުންނަށް ވެސް އެ ސުކީމްގައި ބައިވެރިވެވޭނެ އެވެ. އެ ސުކީމުގެ މަގުސަދަކީ ވަރަށް ފަންނުވެރި ޕްރޮޖެކްޓުތަކެއް ނެރުމެވެ.
ޑރ.ދީބާ ވިދާޅުވީ، ކުރެވޭ ދިރާސާތައް އިންޓަނޭޝަނަލް އަދި ނޭޝަނަލް ކޮންފަރެންސްތަކުގައި ހުށައެޅުމުގެ ފުރުސަތު ދަރިވަރުންނާއި މުވައްޒަފުންނަށް ދިނުމަށް ފަންޑުން އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށެވެ.
ހަމައެއާ އެކު، އިލްމީ ދިރާސާތަކާއި ލިޔުންތައް ލިޔުމަށް ދަރިވަރުންނަށާއި މުވައްޒަފުންނަށް ބާރު އެޅުވުމުގެ ގޮތުން އަންނަ ޖޫން މަހު ބުލެޓިން އެއް ނެރުމަށް ނިންމާފައިވާ ކަމަށް ވެސް ޑރ.ދީބާ ވިދާޅުވި އެވެ.