07 Apr 2016, 16:49
ތ. އަތޮޅު (ކޮޅުމަޑުލު) ކައުންސިލުގެ ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ސެމީ ފައިނަލުގެ ޖާގައެއް ހިރިލަންދޫ އިން ހޯދައިފި އެވެ.
ހިރިލަންދޫ އިން ސެމީގެ ޖާގައެއް ކަށަވަރުކުރީ އިއްޔެ ހަވީރު ދިޔަމިގިލި ޓީމު އަތުން 3-1 ސެޓުން މޮޅުވެގެންނެވެ.
އިއްޔެ ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ސެޓު 25-12 އިން ހިރިލަންދޫ ގެންދިޔައިރު، ދެވަނަ ސެޓު 25-23 އިން ގެންދިޔައީ ދިޔަމިގިއްޔެވެ. ތިންވަނަ ސެޓާއި ހަތަރު ވަނަ ސެޓު ހިރިލަންދޫ ގެންދިޔައީ 25-21 އަދި 25-12 އިންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ހިރިލަންދޫގެ ގައުމީ ޓީމު ކުޅުންތެރިޔާ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އެވެ.

ކޮޅުމަޑުލު ވޮލީ މުބާރާތުގެ ފިރިހެން ޑިވިޝަނުގައި އިއްޔެ ހަވީރު ހިރިލަންދޫ އާއި ދިޔަމިގިލި ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މޮޅުވެ، ހިރިލަންދޫ ވަނީ ސެމީގެ ޖާގައެއް ހޯދާފައި --
ފިރިހެން ޑިވިޝަނުގެ ސެމީގެ ފުރަތަމަ މެޗު، އަންނަ ހޮނިހިރު ދުވަހު ކުޅުމަށް ހަމަޖެހިފައިވާ އިރު، ސެމީގެ ދެވަނަ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ އާދީއްތަ ދުވަހު އެވެ.
ކޮޅުމަޑުލު އަތޮޅު ކައުންސިލުން ބާއްވާ ވޮލީ މުބާރާތް، "ކޮޅުމަޑުލު ވޮލީ ޓޯނަމެންޓް 2016" ފެށިފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެ މުބާރާތުގައި އެ އަތޮޅުގެ ހަތަރު ރަށަކުން ބައިވެރިވެފައިވެ އެވެ. އެއީ ވިލުފުށްޓާއި، މަޑިފުށްޓާއި، ދިޔަމިގިލި އަދި ހިރިލަންދޫ އެވެ.
ދެ ޑިވިޝަން ހިމެނޭ އެ މުބާރާތުގައި ޖުމްލަ ހަތް ޓީމު ބައިވެރިވި އެވެ. އެއީ އަންހެން ތިން ޓީމާއި ފިރިހެން ހަތަރު ޓީމެވެ. އަންހެން ޑިވިޝަނުގައި ބައިވެރިވެފައިވަނީ ވިލުފުށްޓާއި، މަޑިފުށި އަދި ދިޔަމިގިއްޔެވެ. މުބާރާތުގައި ބައިވެރިވި ކޮންމެ ރަށަކުން ވެސް ފިރިހެން ޓީމެއް ބައިވެރިވެފައިވެ އެވެ.
އެގާރަ ދުވަހުގެ މުއްދަތަށް ކުރިއަށްދާ އެ މުބާރާތް މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.
ދިޔަމިގިލީގައި ކުރިއަށްދާ އެ މުބާރާތުގެ ފިރިހެން އަދި އަންހެން ޑިވިޝަނުގައި ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމުގެ ބައެއް ކުޅުންތެރިންނާއި، އެއް ވަނަ ޑިވިޝަނަށް ކުޅޭ ކުޅުންތެރިން އަދި ބިދޭސީ ކުޅުންތެރިންވެސް ކުޅެމުންދެ އެވެ.
ފިރިހެން ޑިވިޝަނަށް ބަލައިލާއިރު، ދިޔަމިގިލީ ޓީމަށް ކުޅެމުންދާ އިޝާން މުހައްމަދު (ބަޓިސް) އާއި އެޓީމުގެ އަހްމަދު އަބްދުލް ކަރީމް (ލޯންގޭ)، ހިރިލަންދޫ ޓީމުގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ)އާއި ހަމަ އެޓީމުގެ އަޝްފާގު އާދަމް (އައްކެޅޭ)، މަޑިފުށި ޓީމުގެ އަހުމަދު ފާޒިލް އާއި ސްރީލަންކާ ކުޅުންތެރިޔާ ޕްރަމޭޝް ސިންގް، ވިލުފުށި ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ހަޝިނީ ހަކްޝިކާ ސެނަރަތުނާ އާއި އެޓީމުގެ އަލީ ހުޒާމް އަދި ހަމަ އެޓީމުގެ މުހައްމަދު ޝާއިން ފާހަގަކޮށްލެވެ އެވެ.
އަންހެން ޑިވިޝަނުން މަޑިފުށި ޓީމުގެ ހައްވާ ރަޝީދާއާއި، އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ ތިލިނީ ވަސަން ޕެރޭރާ އާއި، ދިޔަމިގިލި ޓީމުގެ އައިޝަތު ޝައްފަ އަދި ހަމަ އެޓީމަށް ކުޅޭ ބިދޭސީ ކުޅުންތެރިޔާ ދިނޭޝާ ޕްރަސަދަނީ ފާހަގަކޮށްލެވެ އެވެ.