07 Apr 2016, 15:27
ތ. އަތޮޅު (ކޮޅުމަޑުލު) ކައުންސިލުގެ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލަށް ދިޔަމިގިއްޔާއި މަޑިފުށި ދަތުރުކޮށްފި އެވެ.
އަންހެން ޑިވިޒަންގެ ފައިނަލްގެ ޖާގައެއް ދިޔަމިގިލި ކަށަވަރުކުރީ އިއްޔެ ހެނދުނު ކުޅުނު މެޗުގައި ވިލުފުށި އަތުން މޮޅުވެގެންނެވެ.
ދިޔަމިގިލީގައި ކުރިއަށްދާ އެ މުބާރާތުގައި އިއްޔެ ހެދުނު ކުޅުނު މެޗުގައި ވިލުފުށި ޓީމުގެ މައްޗަށް ދިޔަމިގިލި ކުރިހޯދީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ދިޔަމިގިލިން ކާމިޔާބުކުރީ 25-14، 25-12 އަދި 25-13 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ދިޔަމިގިލީ ޓީމަށް ކުޅޭ ގައުމީ ޓީމު ކުޅުންތެރިޔާ އައިޝަތު ޝައްފަ އެވެ.

ކޮޅުމަޑުލު ވޮލީ މުބާރާތުގެ އަންހެން ޑިވިޝަނުގައި އިއްޔެ ހެނދުނު ދިޔަމިގިއްޔާއި ވިލުފުށި ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މޮޅުވެ، ދިޔަމިގިލިން ވަނީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފައި --
މަޑިފުށިން ފައިނަލުގެ ޖާގައެއް ހޯދީ މިދިޔަ އަންގާރަ ދުވަހު ހެނދުނު ކުޅުނު މެޗުގައި ވިލުފުށްޓާ ވާދަކޮށް ސީދާ ތިން ސެޓުން މެޗު ކާމިޔާބުކޮށްގެނެވެ. މެޗުގެ ސެޓުތައް މަޑިފުށިން ގެންދިޔައީ 25-13، 25-15 އަދި 25-15 އިންނެވެ.
އަންހެން ޑިވިޝަނުގެ ފައިނަލުގައި ދިޔަމިގިއްޔާއި މަޑިފުށި ބައްދަލުކުރާނީ މި މަހުގެ 11 ވަނަ ދުވަހުގެ ހަވީރެވެ.
ކޮޅުމަޑުލު އަތޮޅު ކައުންސިލުން ބާއްވާ ވޮލީ މުބާރާތް، "ކޮޅުމަޑުލު ވޮލީ ޓޯނަމެންޓް 2016" ފެށިފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެ މުބާރާތުގައި އެ އަތޮޅުގެ ހަތަރު ރަށަކުން ބައިވެރިވެފައިވެ އެވެ. އެއީ ވިލުފުށްޓާއި، މަޑިފުށްޓާއި، ދިޔަމިގިލި އަދި ހިރިލަންދޫ އެވެ.
ދެ ޑިވިޝަން ހިމެނޭ އެ މުބާރާތުގައި ޖުމްލަ ހަތް ޓީމު ބައިވެރިވި އެވެ. އެއީ އަންހެން ތިން ޓީމާއި ފިރިހެން ހަތަރު ޓީމެވެ. އަންހެން ޑިވިޝަނުގައި ބައިވެރިވެފައިވަނީ ވިލުފުށްޓާއި، މަޑިފުށި އަދި ދިޔަމިގިއްޔެވެ. މުބާރާތުގައި ބައިވެރިވި ކޮންމެ ރަށަކުން ވެސް ފިރިހެން ޓީމެއް ބައިވެރިވެފައިވެ އެވެ.
އެގާރަ ދުވަހުގެ މުއްދަތަށް ކުރިއަށްދާ އެ މުބާރާތް މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.
ދިޔަމިގިލީގައި ކުރިއަށްދާ އެ މުބާރާތުގެ ފިރިހެން އަދި އަންހެން ޑިވިޝަނުގައި ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމުގެ ބައެއް ކުޅުންތެރިންނާއި، އެއް ވަނަ ޑިވިޝަނަށް ކުޅޭ ކުޅުންތެރިން އަދި ބިދޭސީ ކުޅުންތެރިންވެސް ކުޅެމުންދެ އެވެ.
ފިރިހެން ޑިވިޝަނަށް ބަލައިލާއިރު، ދިޔަމިގިލީ ޓީމަށް ކުޅެމުންދާ އިޝާން މުހައްމަދު (ބަޓިސް) އާއި އެޓީމުގެ އަހްމަދު އަބްދުލް ކަރީމް (ލޯންގޭ)، ހިރިލަންދޫ ޓީމުގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ)އާއި ހަމަ އެޓީމުގެ އަޝްފާގު އާދަމް (އައްކެޅޭ)، މަޑިފުށި ޓީމުގެ އަހުމަދު ފާޒިލް އާއި ސްރީލަންކާ ކުޅުންތެރިޔާ ޕްރަމޭޝް ސިންގް، ވިލުފުށި ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ހަޝިނީ ހަކްޝިކާ ސެނަރަތުނާ އާއި އެޓީމުގެ އަލީ ހުޒާމް އަދި ހަމަ އެޓީމުގެ މުހައްމަދު ޝާއިން ފާހަގަކޮށްލެވެ އެވެ.
އަންހެން ޑިވިޝަނުން މަޑިފުށި ޓީމުގެ ހައްވާ ރަޝީދާއާއި، އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ ތިލިނީ ވަސަން ޕެރޭރާ އާއި، ދިޔަމިގިލި ޓީމުގެ އައިޝަތު ޝައްފަ އަދި ހަމަ އެޓީމަށް ކުޅޭ ބިދޭސީ ކުޅުންތެރިޔާ ދިނޭޝާ ޕްރަސަދަނީ ފާހަގަކޮށްލެވެ އެވެ.