07 Apr 2016, 15:33
ކުޑަ އަންހެންކުއްޖަކާ ގަދަކަމުން ބަދު އަހުލާގީ އަމަލު ހިންގި މައްސަލައަކާ ގުޅިގެން ޏ. ފުވައްމުލަކު ދޫޑިގަން ކައުންސިލްގެ މެމްބަރު އަލީ ޝަޒީމް ސަސްޕެންޑްކޮށްފި އެވެ.
ޝަޒީމް ސަސްޕެންޑުކޮށްފައި ވަނީ ތިން މަސް ދުވަހަށް، މުސާރައާ އިނާޔަތްތައް ނުލިބޭ ގޮތަށެވެ.
އެލްޖީއޭ އިން ބުނީ އޭނާ ސަސްޕެންޑު ކުރީ މިދިޔަ އަހަރު ކުޑަ އަންހެން ކުއްޖަކާއެކު ފަޅު ގެއެއްގެ ތެރޭގައި ޝަޒީމް ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގާފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސްގެ ތަހުގީގަށް އެނގި އެކަން އެ އޮތޯރިޓީ އަށް އެންގުމުން ކަމަށެވެ.
ޝަޒީމްގެ މައްޗަށް ތުހުމަތު ކުރެވެނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހުގެ ރޭ 22:45 ހާއިރު، އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކު ގޮވައިގެން ގޮސް ފަޅު ގެއަކަށް ވެއްދުމަށްފަހު އެކުއްޖާއާ ގަދަކަމުން ބަދު އަހުލާގީ އަމަލު ހިންގާފައިވާ ކަމަށް ބެލެވޭ މައްސަލައެއްގަ އެވެ.
އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ އަންހެން ކުއްޖާގެ މަންމަ އެވެ. ފުލުހުން ބުނީ ޝަޒީމް އެކުއްޖާއާ މެދު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގާފައިވާކަން ތަހުގީގަށް ލިބިފައިވާ ހެއްކާ ގަރީނާއިން އެނގޭ ކަމަށެވެ.
އެ މައްސަލަ ބެލުމަށްފަހު މިދިޔަ މާރިޗު މަހުގެ ހަ ވަނަ ދުވަހުން ފުލުހުން ވަނީ އޭނާގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފަ އެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކުން އަމަލު ކުރުމުގެ ގާނޫނުގައިވާ ގޮތުން ކުޑަކުއްޖެއްގެ ހަށިގަނޑުގައި، ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލައިފި ނަމަ އެކުރަނީ ކުށެއް ކަމަށް ބަޔާންކޮށްފައިވެ އެވެ. އަދި އެހެންގޮތަކަށް ސާބިތު ނުވާނަމަ، އުމުރުން 13 އަހަރާ 18 އަހަރާ ދެމެދުގެ ކުއްޖަކު ޖިންސީ އަމަލެއް ހިންގަން ރުހުނު ކަމަށްވެސް ނުބެލެވޭނެ ކަމަށްވެސް ބުނެފައިވެ އެވެ.