07 Apr 2016, 15:20
ހަންޓްސްވިލް (އޭޕްރިލް 7): ބާރަ އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު މަރާލުމަށްފަހު އެކުއްޖާގެ ހަށިގަނޑުން ލޭބުއި އެމެރިކާގެ ޓެކްސަސްގެ ރައްޔިތެއް ކަމަށްވާ ޕަބްލޯ ވެސްކުއޭޒްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފި އެވެ.
ފުލުސް އޮފިޝަލަކު ވިދާޅުވީ، ވެސްކުއޭޒްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރީ އިންޖެކްޝަން ދީގެން ކަމަށެވެ. އެއީ ޓެކްސަސްގައި މިއަހަރު ތެރޭގައި މަރުގެ ހުކުމް ތަންފީޒު ކުރި ހަ ވަނަ ފަހަރެވެ. އަދި މަރުގެ ހުކުމް ތަންފީޒު ކުރުން މެދުކަނޑާލުމަށް ފަހު 1976ގައި އަނެއްކާވެސް ފަށަން ނިންމި ފަހުން، މަރުގެ ހުކުމް ތަންފީޒު ކުރި 537 ވަނަ ފަހަރެވެ. ޓެކްސަސްއަކީ އެމެރިކާގައި އެންމެ ގިނައިން މަރުގެ އަދަބުދޭ ސްޓޭޓެވެ.
ވެސްކުއޭޒްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރުމުގެ ކުރިން އެމެރިކާގެ ސުޕްރީމް ކޯޓުން ވަނީ އޭނާއަށް އަދަބު ދިނުން ފަސްކޮށް ދިނުމަށް އެދި ހުށަހަޅާފައިވާ ޕެޓިޝަނެއް ބޭރު ކޮށްލާފަ އެވެ.
ބާރަ އަހަރުގެ ޑޭވިޑް ކާޑިނަސް މަރާލާފައި އޮއްވާ ފެނުނީ ޓެކްސަސްގެ ޑޮނާއިން 1998 ވަނަ އަހަރު އެވެ. ކޯޓު ލިޔުންތަކުގައިވާ ގޮތުން ކާޑިނަސްގެ ދެ އަތް ބުރިކޮށްލާފައިވާ އިރު، އެކުއްޖާއަށް ވަނީ އިތުރު އަނިޔާތައްވެސް ކޮށްފަ އެވެ.
ކާޑިނަސް މެރުމަށާއި އޭނާގެ ލޭ ބުއި ކަމަށް ވެސްކުއޭޒް ވަނީ އިއުތިރާފުވެފަ އެވެ. (ރޮއިޓާސް)