ސްރީލަންކާގެ ދެމަނަވަރެއް ކަމަށްވާ "ސްރީލަންކަން ނޭވީ ޝިޕް ޝަކްތީ" އަދި "ސްރީލަންކަން ނޭވީ ޝިޕް ސްރަނިމިލަ" މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ ސްރީލަންކާގެ ދެ މަނަވަރު ރާއްޖެ އައިސްފައިވަނީ އެކުވެރިކަމުގެ ދަތުރެއްގައި ކަމަށެވެ. އެ ދެ މަނަވަރު ރާއްޖެ އައުމާ ގުޅިގެން މަނަވަރުތަކުގެ ސެއިލަރުންނަށް އެމްއެންޑީއެފްގެ އިސް އޮފިސަރުންނާއި ސިފައިން ހޫނު މަރުހަބާއެއް ކީކަމަށްވެސް އެމްއެންޑީއެފުން ބުނެ އެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް އާއި އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމާންޑަރ ކާނަލް މުޙައްމަދު އިބްރާހީމްއާ މިއަދު މަނަވަރުތަކުގެ އިސްވެރިންނާއި ބަންޑާރަކޮށީގައި ބައްދަލުކުރައްވާފައިވާ ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

"މިދަތުރުގައި، މި ދެ މަނަވަރުގެ ސެއިލަރުން މާދަމާ ގިރިފުށީ ޓްރޭނިންގ ސެންޓަރުގެ އެންސީއޯ އެކަޑަމީގެ މަސައްކަތްތައް ބަލާލުމަށް ޒިޔާރަތެއް ކުރުމަށް ހަމަޖެހިފައިވާއިރު، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އަށާއި، ދިވެހިރާއްޖޭގެ ޤައުމީ ދާރުލްއާސާރަށް އަދި ހުޅުމާލޭއަށް މި ދެ މަނަވަރުގެ ސެއިލަރުން ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވޭ،" އެމްއެންޑީއެފުން ބުންޏެވެ.

ދެ މަނަވަރުގައި މަސައްކަތްކުރާ ސެއިލަރުންނާއެކު ދިވެހި ސިފައިން އެކުވެރިކަމުގެ ކުޅިވަރު ހަރަކާތްތަކެއްވެސް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށާއި ދެ މަނަވަރުވެސް ފުރާނީ މިމަހުގެ 10 ވަނަ ދުވަހު ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.