ސުލްހަވެރިކަމާ އެކު ކުރާ މުޒާހަރާތަކަށް އެއްވެސް ފަރާތަކުން ހުރަސް ނޭޅުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް ]އެޗްއާރްސީއެމް[ އިން މިއަދު ގޮވާލައިފި އެވެ.

ތަކެތީގެ އަގު އިންތިހާއަށް އުފުލުމާ ގުޅިގެން، ޒުވާނުން އިސްނަގައިގެން ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކުން ބައިވެރިވެގެން މާލޭގެ މަގުތަކުގައި ކުރާ މުޒާހަރާތަކާ ގުޅިގެން އެޗްއާރްސީއެމުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ސުލްހަވެރިކަމާ އެކު މުޒާހަރާ ކުރުމުގެ ހައްގު ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ކަމަށާއި އެ މުޒާހަރާތަކަށް އެއްވެސް ފަރާތަކުން ހުރަސް އަޅައިގެންނުވާނެ ކަމަށެވެ. އަދި ހަމަނުޖެހުން އުފެދޭނެ އެއްވެސް އަމަލެއް ނުހިންގުމަށާއިއެފަދަ މުޒާހަރާތައް ރޫޅާލުމުގައި އާންމުންނަށް ގެއްލުން ނުވާނެ ގޮތަށް ފުލުހުންގެ އަމަލުތައް ބެހެއްޓުމަށް ވެސް ހިއުމަން ރައިޓްސް ކޮމިޝަނުން ގޮވާލައިފައިވެ އެވެ.

މުޒާހަރާތަކުގެ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމަށް ހަރަކާތެރިވާ މީޑިޔާގެ ފަރާތްތަކަށް މިނިވަންކަމާއެކު ހަބަރު ގެނެސްދިނުމަށް ފުރުސަތު ދިނުމަށާއި މީޑިޔާއަށް އެއްވެސް ފަރާތަކުން ހުރަސް ނޭޅުމަށް އެޗްއާރްސީއެމްގެ ނޫސްބަޔާނުގައި އިލްތިމާސްކޮށްފައިވެ އެވެ. އަދި މީޑިއާތަކުން ހަބަރު ފެތުރުމުގައި މިހާރަށް ވުރެ، ބޮޑަށް ޒިންމާދާރުވުމަށް އެ ކޮމިޝަނުން އިލްތިމާސްކޮށްފައިވެ އެވެ.

"މުޒާހަރާ ކަވަރު ކުރުމުގައު ހަރަކާތްތެރިވާ މީޑިޔާގެ ފަރާތްތަކަށް މިނިވަންކަމާއެކު ހަބަރު ގެނެސްދިނުމަށް ހުރަސް އެޅޭ ފަދަ އަމަލުތައް އެއްވެސް ފަރާތަކުން ނުހިންގުމަށާއި، މީޑިޔާއިން ހަބަރު ކަވަރުކުރުމާއި ފެތުރުމުގައި މިހާރަށްވުރެ، ބޮޑަށް ޒިންމާދާރުވުމަށް މިކޮމިޝަނުން ގޮވާލަމެވެ،" އެޗްއާރްސީއެމުން ނޫސްވެރިންނަށް އިލްތިމާސްކޮށްފައިވެ އެވެ.

ތަކެތީގެ އަގު ތިރިކުރުމަށް ގޮވާލާ ބާއްވާ މުޒާހަރާތަކުގައި ބައެއް ތަންތަނަށް ގެއްލުންދީ ހިންގާ ނޭދެވޭ ހަރަކާތްތަކަށް އިޝާރާތްކޮށް، އެޗްއާރްސީއެމް އިން ބުނަނީ، އާންމުންގެ ކަންބޮޑުވުންތައް ސަރުކާރުގެ ސަމާލުމަށް ގެނައުމަށްޓަކައި ސުލްހަވެރިކަމާއެކު އަޑުއުފުލުމުގެ ފުރުސަތު ލިބިފައިވާ ނަމަވެސް، ދަން ގަޑިތަކުގައި އާންމުން ދިރިއުޅޭ ސަރަހައްދުތަކުގައި މީހުންނަށް އުނދަގޫވާ ގޮތަށް މުޒާހަރާތައް ކުރުމާއި މީހުންނާއި މުދަލަށް ގެއްލުންވާފަދަ އަމަލްތައް ހިންގުމަކީ އެތައް ރައްޔިތުންގެ ހައްގުތައް ގެއްލޭ ކަމެއް ކަމަށެވެ. އަދި މުޒާހަރާތަކުގައި އެފަދަ އަމަލްތައް ހިންގާ ފަރާތްތަކަށް އެ ފުރުސަތު ނުދިނުމަށް ނޫސްބަޔާނުގައި ގޮވާލައިފައިވެ އެވެ.

ތަކެތީގެ އަގު ތިރިކުރުމަށް ގޮވާލައި ރޭ ބޭއްވި ތިންވަނަ މުޒާހަރާއި ބާޒާރުމަތީ ސަރަހައްދުތަކުގައި ފަސް ފަހަރެއްގެ މަތިން ބަޔަކު އަލިފާންރޯކޮށްފައިވެ އެވެ. އަދި އެ ސަރައްހަދުގެ މަންޒަރުތަކާއި ހަބަރުތައް ރިޕޯޓް ކުރުމަށް ހަރަކާތްތެރިވި ނޫސްވެރިންނަށް އެތާނގައި ތިބި މީހުން އިންޒާރުދީފައިވެ އެވެ. އަދި އެފަދަ އަމަލްތައް ނުހިންގުމަށް އެތާނގައި ތިއްބެވި ސިޔާސީ ބޭފުޅުން ނަސޭހަތްތެރިވުމުން، އެބޭފުޅުންނާ ވެސް އެ މީހުން ޒުވާބު ކޮށްފައިވެ އެވެ.

އެންމެފަހުން ރޭ މުޒާހަރާ ނިންމާލިކަން ބައެއް ސިޔާސީ ޕާޓީތަކުން ރަސްމީކޮށް އިއުލާންކޮށްފައިވަނީ ވެސް، ބަޔަކު ހަމަނުޖެހުން ހިންގާ ތަންތަނަށް ގެއްލުންދޭން ފެށުމުންނެވެ. ފާއިތުވި ތިން ރޭ ކުރި މުޒާހަރާ ވެސް ރޫޅާލުމަށް ފުލުހުން ކުރި މަސައްކަތުގައި ގިނަ ބަޔަކަށް އަނިޔާވެ، އެކިތަންތަނަށް ވަނީ ގެއްލުން ލިބިފަ އެވެ.