07 Apr 2016, 14:54
އޭޝިއަން ކަޕް 2019 ކޮލިފައިންގެ ޕްލޭއޯފްގައި ޔަމަނާ ދެކޮޅަށް ރާއްޖެ ނުކުންނަން ޖެހިއްޖެ އެވެ.
ކޮލިފައިންގެ ޕްލޭއޯފްގެ ފުރަތަމަ ލެގުގައި ޔަމަނާ ދެކޮޅަށް ރާއްޖެ ނުކުންނާނީ ޖޫން މަހުގެ ދެވަނަ ދުވަހު އަމިއްލަ ދަނޑުގައެވެ. ޔަމަނުގައި ކުޅޭ ދެވަނަ ލެގު މެޗަށް ރާއްޖެ ނުކުންނަން ޖެހޭނީ ޖޫން މަހުގެ ހަތްވަނަ ދުވަހު އެވެ.
އޭޝިއަން ކަޕް ކޮލިފައިން ބުރު އަދި އޭޝިއަން ކަޕްގެ ފައިނަލް ބުރަށް ޓީމުތައް ދިޔައީ ވޯލްޑް ކަޕްގައި ހޯދި ނަތީޖާތަކަށް ބެލުމަށްފަހު އެވެ.
ރާއްޖެއިން ޕްލޭއޯފް ކުޅެން ޖެހުނީ އޭޝިއާގެ ވޯލްޑް ކަޕް ކޮލިފައިން ގްރޫޕް ސީގެ ހަތަރު ވަނައަށް ދިއުމުންނެވެ. ދެން ޕްލޭ އޯފްގައި އެ ގްރޫޕުން ކުޅެން ޖެހެނީ ގްރޫޕްގެ ފުލުގައި އޮތް ބޫޓާން އެވެ. ގްރޫޕް ސީއިން ގަތަރާއި ޗައިނާ، އޭޝިއަން ކަޕަށް ކޮލިފައިވެފައިވާއިރު، ކޮލިފައިން ބުރުން ހޮންކޮންއަށް ވަނީ ފުރުސަތު ލިބިފަ އެވެ.
ރާއްޖެއާ ވާދަވެރި އިންޑިއާއިން ޕްލޭއޯފްގައި ވާދަކުރަން ޖެހޭނީ ލާއޯސްއާ ދެކޮޅަށެވެ. ޗައިނީސް ޓައިޕޭއާ ދެކޮޅަށް ކެމްބޯޑިއާ ނުކުންނަން ޖެހޭއިރު، ބަންގްލަދޭޝް ނުކުންނަން ޖެހޭނީ ތަޖިކިސްތާނާ ދެކޮޅަށެވެ. ޕްލޭއޯފްގައި މެލޭޝިއާ ނުކުންނަން ޖެހޭނީ ޓިމޯ ލެސްތޭއާ ދެކޮޅަށެވެ.
ބޫޓާން ނުކުންނަން ޖެހޭނީ ޕްލޭއޯފްގެ ދެވަނަ ބުރުގައެވެ. ދެވަނަ ބުރުގައި ބޫޓާންއާއެކު ދެން ވާދަކުރާނީ ޕްލޭއޯފްގެ ފުރަތަމަ ބުރު މެޗުތަކުން ބަލިވާ ޓީމުތަކެވެ.