މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އެންގި ކަމުގައި ވިޔަސް ބޭސްފަރުވާގެ ކަންކަން ނިމުމުން ނޫނީ އެނބުރި ރާއްޖެ ވަޑައިނުގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ނާޒިމް މިހެން ވިދާޅުވީ އޭނާ ރާއްޖެ ވަޑައިގަތުމަށް ކަރެކްޝަނަލް ސާވިސް އިން އަންގާފައި ވަނިކޮށް، ގާނޫނީ ވަކީލު ފަރީޝާ އަބްދުﷲ މެދުވެރިކޮށް ކަރެކްޝަންސް އަށް ފޮނުވި ސިޓީއެއްގަ އެވެ.

ނާޒިމްގެ ވަކީލު ކަރެކްޝަންސް އަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ނާޒިމް ރާއްޖެ އިން ބޭރަށް ބޭސްފަރުވާ އަށް ވަޑައިގަތީ ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ހުންނެވި ދުވަސްވަރު އެކަށީގެންވާ ސިއްހީ ފަރުވާ ނުދިނުމުގެ ސަބަބުން ހާލު ސީރިއަސްވެ، ހޮސްޕިޓަލުގައި އެޑްމިޓް ކުރިތާ އެތައް ދުވަހެއް ފަހުން ކަމަށެވެ.

ނާޒިމް ރާއްޖެ އިން ބޭރަށް ވަޑައިގަތީ ތިން އޮޕަރޭޝަނެއް ކުރައްވަން ކަމަށާއި އަދި ކުރެވިފައި ވަނީ ދެ އޮޕަރޭޝަން ކަމަށް ވަކީލުގެ ސިޓީގައިވެ އެވެ. އަދި ދިމާވެފައިވާ ސިއްހީ ސީރިއަސް މައްސަލައަކަށް ފަރުވާ ހޯދަމުން ދަނިކޮށް ފަރުވާ މެދު ކަނޑާލާފައި ރާއްޖެ އަންނަން އެންގުމަކީ ކަރެކްޝަންސް އިން ނާޒިމްއާ މެދު އަމަލުކުރަނީ "ރަހުމު ކުޑަ ލާއިންސާނީ އިހާނެތި" ގޮތަށް ކަން ދޭހަވާ ކަމެއް ކަމަށެވެ.

އެ ސިޓީގައި ބުނެފައި ވަނީ ނާޒިމްގެ ބޭސްފަރުވާގެ ކަންކަން ނިމުމުން ނޫނީ ރާއްޖެ ވަޑައިނުގަންނަވާނެ ކަމަށެވެ.

ނާޒިމް އުމުރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައި ވަނީ އެޓޯލްސް މިނިސްޓްރީ އަށް 15،000 ގައުމީ ދިދަ ގަތުމަށް އެ މިނިސްޓްރީ އިން 31 ޑިސެމްބަރު 2003 ވަނަ ދުވަހު ކުރި އިއުލާނާ ގުޅިގެން ނާޒިމްގެ ހިއްސާ އޮންނަ ނަމީރާ އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑުގެ މުވައްޒަފުން ބޭނުންކޮށްގެން ވުޖޫދުގައި ނެތް ހަތަރު ކުންފުންޏެއްގެ ނަމުގައި އެސްޓިމޭޓް ހުށަހަޅައި މަކަރާއި ހީލަތުން އެ ބިޑު ކާމިޔާބު ކުރި މައްސަލައާ ގުޅިގެންނެވެ.