07 Apr 2016, 13:23
ރާއްޖެޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމްގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް އުފުލައިފި އެވެ.
މިދިޔަ މަހުގެ 17 ވަނަ ދުވަހު ދައުލަތުން ވިސާމްގެ މައްޗަށް ދައުވާކޮށްފައި ވަނީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅުމުގެ ތުހުމަތުގަ އެވެ. އަދި މިމަހުގެ ފަސް ވަނަ ދުވަހު ދައުލަތުން ވިސާމްގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރި ކަމުގެ ތުހުމަތުގަ އެވެ.
ދައުލަތުން ދައުވާ އުފުލާފައިވާ އެ މައްސަލައާ ގުޅިގެން މައުލޫމާތު އެރުވުމަށް މިމަހުގެ 14 ވަނަ ދުވަހު 11:00 ޖަހާއިރު ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް ކޯޓުން ވަނީ ވިސާމްއަށް އަންގާފަ އެވެ.
ވިސާމްގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައި ވަނީ ސީދާ ކޮންމައްސަލައަކާ ގުޅިގެން ކަމެއް ސާފެއް ނުވެ އެވެ. މީގެކުރިން ވެސް ބައެއް މުޒާހަރާތަކުގައި ވިސާމް ވަނީ ހައްޔަރުކޮށް ފުލުހުންގެ ބަންދުގައި ވެސް ބަހައްޓާފަ އެވެ.