07 Apr 2016, 14:07
މިއަދަކީ ދުނިޔޭގެ ސިއްހަތު ދުވަހެވެ. ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) އިން ކޮންމެ އަހަރެއްގެ އޭޕްރީލް ހަތް ވަނަ ދުވަހު ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރެ އެވެ. މި އަހަރުގެ ދުނިޔޭގެ ސިއްހަތު ދުވަހުގެ ޝިއާރަކީ "ރައްކާތެރިވަމާ، ފަރުވާކުރަމާ، ހަކުރުބަލީގެ މައްޗަށް ކުރި ހޯދަމާ!" އެވެ.
ހަކުރުބަލި ހުންނަ މީހަކަށް އެންމެ ރަނގަޅު ފަރުވާއަކީ ކުޅިވަރެވެ. ސަބަބުތައް ގިނައެވެ. ކަސްރަތު ކުރުމުން ހަކުރުބައްޔަށް ގިނަ ލުއިތަކެއް ލިބެ އެވެ. ހަކުރުބައްޔަށް އެންމެ ރަނގަޅު ބޭހަކީ ކަސްރަތެވެ. އެންމެ ރަނގަޅު ޑޮކްޓަރަކީ ރަނގަޅު ޓްރެއިނަރެކެވެ.
ރާއްޖޭގެ ކުރީގެ އެންމެ ބާރު ދުވުންތެރިޔާ އަދި މިހާރުގެ އެތުލެޓިކްސް ކޯޗު ނަސީރު އިސްމާއިލް ބުނާ ގޮތުގައި، ބައްޔަކާ ގުޅިގެން ކަސްރަތު ކުރުމަށް ގިނަ ބަޔަކު ކަސްރަތު ކުރުމަށް އަންނަމުންދެ އެވެ. އެމީހުންނަށް އެންމެ ރަނގަޅު ފަރުވާއަކީ ރަނގަޅަށް ކަސްރަތު ކުރުން ކަމަށް ނަސީރު ބުނެ އެވެ.
ތިން މަސް ފަހުން ހެދި ޓެސްޓްތަކުން ބޮޑު ޝޮކެއް!
"މި ދުވާ މީހުންގެ ތެރޭގައި ހަކުރު ބަލީގެ މީހުން ވެސް އުޅޭ. ކުރިން ވެސް ގާތްގަނޑަކަށް 50 އަހަރުގެ ފިރިހެނެއް އަޅުގަނޑުމެން ގެންގުޅުނިން. އޭނާ ހަކުރުބަލި ހުރެގެން ކަސްރަތު ކުރަން އައީ. އައިސްފައި ގާތްގަނޑަކަށް ތިން މަސްފަހުން އޭނާ ލަންކާއަށް ގޮސް ޓެސްޓްތައް ހަދައި ބެލިއިރު، އޭނާގެ ހަށިގަނޑުގައި ހަކުރު ބަލީގެ އެއްވެސް ކަމެއް ނެތް،" ނަސީރު ބުންޏެވެ.
ނަސީރު ބުނި ގޮތުގައި، އެމީހާ ކައިރީ ބޭސްނުކައި ރަނގަޅުވީ ކިހިނެތްތޯ ޑޮކްޓަރު ސުވާލުކުރި އެވެ. މިހުރިހާ ކަމަކުން އެނގިގެންދާ ހަގީގަތަކީ ކަސްރަތަކީ ތިމާއަށް ވަރަށް މުހިންމު އެއްޗެއް ކަމެވެ. ހާއްސަކޮށް، ބަލިތަކުން ދުރުކޮށްދޭ އެއްޗެއް ކަމެވެ.
ޑޮކްޓަރުންގެ ވެސް އިރުޝާދު: ކަސްރަތަކީ އެންމެ ރަނގަޅު ފަރުވާ!
"ދެން އުޅޭނެ ހަމަ 57 އަހަރު ވަރުގެ މީހެއް. އޭނާއަށް ދިމާވި ގޮތަކީ ބައިވަރު ބޭސްތަކެއް ދީފައި ޑޮކްޓަރު ބުނަނީ ބޭސް ކާށޭ. ހަކުރު ބަލި މައްޗަށް ގޮސްގެން ޑޮކްޓަރު އަންގަނީ ބޭސްކާން. ބުނީމަ އޭނާ ބުނަނީ ކީއްކުރަންހޭ ބޭސް ކާންވީ. ބުނީމަ ޑޮކްޓަރު ބުނަނީ ބޭސްކައިގެންނޭ ރަނގަޅުވާނީ. ބޭސް ނުކައި މިކަން ކުރެވޭނެ ގޮތެއް ނޯވޭހޭ އޭނާ އެހުމުން ޑޮކްޓަރު ބުނަނީ ކަސްރަތު ކުރަން ދާށޭ. އޭނާ ބުނީ ތިމަންނަ ދާނީ ކަސްރަތު ކުރާށޭ. ދެން ޑޮކްޓަރު ބުނަނީ އަސްލު ތިމަންނަމެން ބޭސްކާން މިދެނީ ހަގީގަތުގައި ގިނަ ދިވެހިން ކަސްރަތު ކުރަން ބޭނުންނުވާތީ،" ނަސީރު ބުންޏެވެ.
އެތުލެޓިކްސް ނުވަތަ ކަސްރަތު ކޯޗު ނަސީރު ބުނާ ގޮތުގައި، ބައެއް މީހުން ކަސްރަތު ކުރަން ބޭނުންނުވާތީ ޑޮކްޓަރުން ބޭސް ދިނަސް، އަސްލު ޑޮކްޓަރުން ވެސް ބޭނުންވަނީ ކަސްރަތު ކޮށްގެން ފަރުވާ ހޯދުމެވެ.
ހަކުރުބަލީގެ މީހަކަށް ވަކި ހާއްސަ ކަސްރަތު ޕްރޮގްރާމްތަކެއް އޮވޭތަ؟
ހަކުރުބަލި ޖެހިފައިވާ މީހަކަށް ވަކި ހާއްސަ ޓްރެއިނިން ނުވަތަ ކަސްރަތު ޕްރޮގްރާމްތަކެއް އޮވެ އެވެ. ނަމަވެސް އެއީ ކަސްރަތު ރަނގަޅަށް ދަންނަ ޓްރެއިނަރެއްގެ ކައިރިއަށް ގޮސްގެންނެވެ. އެ ޓްރެއިނަރުންގެ އިރުޝާދަކީ މަޑުމަޑުން ކަސްރަތުތައް ކުރިއަށްގެންދިއުމެވެ.
"ގިނައިން ހަކުރު ބަލި ޖެހިފައިވާ ދުވަސްވީ މީހުން ޓްރެއިނިން ޕްރޮގްރާމްތަކަށް ކަސްރަތުކުރަން އަންނަނީ. އެހެންވީމަ އެމީހުންނަށް އެހާ ޕްރޮފެޝަނަލް ޕްރޮގްރާމްތަކެއް ނުދެވޭ. ދެން އެމީހުންނަށް ވާވަރަކުން އެމީހުން ލައްވާ ކަސްރަތު ކުރުވަނީ. އެކަމަކު ވެސް ކަސްރަތަކީ އެމީހުންނަށް ސީދާ ބައްޔަށް ބަލާފައިދޭ ކަސްރަތުތަކެއް. އެ މީހާގެ އެ އިންނަ ފިޒިކަލީ ފިޓްނަސްއަށް ބަލާފައި އެ މީހާއަށް ކުރެވޭ ވަރުވީމަ،" ނަސީރު ބުންޏެވެ.
ރަނގަޅު ޓްރެއިނަރެއް ނަމަ، ހަކުރު ބަލީގެ މީހަކަށް ފުރަތަމަ ނުދުވެވެންޏާ ފުރަތަމަ އެމީހެއް ލައްވާ ހިންގުވަނީ އެވެ. އެއަށް ފަހު އެމީހާއަށް ދުވެވޭވަރުވީމަ، ހިނގާފަ ދުއްވުމަށް ފަހު، ދެން އޭނާ ލައްވާ ދުއްވަނީ އެވެ.
"އެގޮތަށް ޓްރެއިނިންތައް ގެންދިއުމުން ގާތްގަނޑަކަށް ދެ ތިން މަސްފަހުން އޭނާ އަށް މާލެ ވަށައި ހުއްޓުމެއް ނެތި ދުވެވޭނެ. އެހެންވާއިރު އެމީހާގެ ހަކުރުބަލި ވަރަށް ބޮޑަށް ނޯމަލް ވެގެންދޭ. މިހާރު ވެސް ގާތްގަނޑަކަށް 60 އަހަރާ ގާތްކުރާ ހަކުރުބަލީގެ މީހެއް އުޅޭނެ. އެމީސް މީހުން މިހާރު ވެސް މާލެ ވަށާ، ގާތްގަނޑަކަށް ހަތް ބުރު. މިފަހަރު މެރަތަން ވެސް ދުވޭ އެބަ. އަޅުގަނޑު ކައިރިން ޓްރެއިނިން ހަދައިގެން ދުވަނީ. ހުޅުމާލޭގައި އޭނާ ގިނައިން ދުވަނީ،" ނަސީރު ބުންޏެވެ.
ނަސީރު ބުނާ ގޮތުގައި، ކޮންމެ މީހަކު ވެސް ކަސްރަތު ކުރުން ރަނގަޅީ ކަސްރަތަކީ ކޮން އެއްޗެއްކަން އެނގިގެން އެކަން ދަންނަ މީހެއް ކައިރިއަށް ޓްރެއިނިންތަކަށް ގޮސްގެންނެވެ. ހަމައެކަނި ޓްރެކް ވަށާ ހިނގިއަކަސް ނުވަތަ ދުވިޔަސް އެއީ ކަސްރަތު ނޫން ކަމަށް ނަސީރު ބުނެއެވެ.
"ބައެއް މީހުން ހިތަށްއަރާނެ މިރޭ ތިމަންނަ ގޮސް ޓްރެކް ވަށާ ދިހަ ބުރު ޖަހާނަމޭ، ދުވެފައި، ގެއަށް ގޮސް ހިތަށްއެރި އެއްޗެއް ކާނީއޭ. އަޅުގަނޑުމެން ޓްރެއިނިން ދޭ އިރު، އެމީހެއް ކައިރީ ކާން ޖެހޭނެ އެއްޗެއް ވެސް ބުނަން. އޭނާގެ ކެއުމުގެ ވައްޓަފާޅި ހުންނަން ޖެހޭނެ ގޮތް ވެސް ކިޔައިދެން. އޭނާ ބޭނުންކުރަން ޖެހޭ އެއްޗެއް ވެސް އެބަ ކިޔައިދެން. ސިއްހަތެއް ބޭނުންމިއްޔާ އެންމެ ރަނގަޅީ ކަސްރަތު ކުރުން،" އޭނާ ބުންޏެވެ.
ކުއްލިއަކަށް ހިއްކާލުން، އެއީ ހެދޭ ގޯހެއް!
ބައެއް ކަސްރަތު ކްލާސްތަކަށް ހިކެން ބޭނުންވެގެންދާ މީހުން ވެސް މަދެއް ނޫނެވެ. އެގޮތަށް ދިއުމުން ބައެއް ޓްރެއިނަރުން އެމީހަކު ހިއްކާލަނީ ކާން ނުދީ އެވެ. އެހެންވެގެން ހަށިގަނޑަށް ވަރަށް ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހެ އެވެ.
"ޑައިބެޓިކްސް އެސޯސިއޭޝަނުން އަޅުގަނޑުމެން ކައިރީ ބުނަނީ ފެޓް ޓެސްޓްކުރަން އެބަ އާދެއޭ. އަސްލު ހަށިގަނޑުގައި މި ހުންނަނީ ދެ ވައްތަރެއްގެ ފެޓެއް. ހުންނަނީ ގުޑް ފެޓަކާއި ބޭޑް ފެޓް. މި ހަދާ ގޮތަކީ ކަސްރަތު ކްލާސްތައް ނަގައިދޭ ބައެއް މީހުން ހަދާގޮތަކީ ބައެއް މީހުންނަށް ރަނގަޅަށް ކާން ނުދެނީ. އަސްލު ކާން ޖެހޭ އެއްޗެހި ނޫން އެހެން އެއްޗެހި މި ކާންދެނީ. ހިކެން ބޭނުންވާ މީހަކަށް، ކާންނުދީ މި ހިތްކާލަނީ،" ނަސީރު ބުންޏެވެ.
ނަސީރު ބުނާ ގޮތުގައި، ބައެއް މީހުންނަށް ހަގީގަތުގައި ރަނގަޅު ފެޓާއި ގޯސް ފެޓު ދެނެގަންނަން ނޭނގެ އެވެ. އެގޮތުން ބައެއް މީހުން ކުކުޅު ބިހުގެ ގޮބޮޅިއަކީ ފެޓް ކަމުގައި ދެކުނަސް، އަސްލު ބިހުގެ ގޮބޮޅިއަކީ ހަށިގަނޑަށް އެންމެ ރަނގަޅު ފެޓް ކަމަށް އޭނާ ބުނެ އެވެ.
ކަސްރަތު ކުރުމަށް އިންޓަނެޓް ހިޔާރުނުކުރޭ!
"ހަފްތާއެއްގެ ތެރޭ ދިހަ ކިލޯ ހިއްކާލެވޭނެ ގޮތެއް" މި ސުރުހީގެ ދަށުން އިންޓަނެޓުގައި ކަސްރަތުތައް ހުރެ އެވެ. ބައެއް ފަހަރު އެ ބަލައިގެން ކަސްރަތު ކުރާ މީހުން ބޭނުންވާވަރަށް ހިއްކާލަދެ އެވެ. ނަމަވެސް އެމީހުންގެ ހަށިގަނޑަށް އަސްލު ލިބޭ ގެއްލުމަކާ މެދު ވިސްނައެއް ނުލަ އެވެ.
"އިންޓަނެޓުން ކޮންމެ މީހަކު ވެސް މި ބަލަނީ. އޭގައި އޮވެދާނެ ހަފްތާއަކު ދިހަ ކިލޯ ލުއިކޮށްދެއޭ. ހަގީގަތުގައި އިންޓަނެޓުގައި އެ ލިޔަނީ އެ ލިޔުމެއް ވިއްކާލަން ބޭނުންވާތީ. ބައެއް މީހުން އެ އެއްޗެހި ބަލާފައި، މި ހިތަށް އަރަނީ ތިމަންނަ ގޭތެރޭގައި އޭތި ހަދާލެވިދާނެއޭ. އެހެން ބަލާފައި، ކުރެވިދާނެ. އެކަމަކު އެގޮތަށް ކަންތައްތައް ކޮށްގެން ނުވާނެ. ހަފްތާއެއްތެރޭ ދިހަ ކިލޯ ހިއްކަން ވެސް ނުވާނެ. އެއީ މުޅިން ގޯސް ކަމެއް،" ނަސީރު ބުންޏެވެ.
ކަސްރަތު ކްލާހަކަށް ދިޔަޔަސް، ޓްރެއިނަރު ދޭ ޑައިޓަކީ ރަނގަޅު ޑައިޓެއްތޯ ބަލަންޖެހެ އެވެ. ނޭނގޭ ނަމަ، އެކަން އެނގޭ ރަނގަޅު ޓްރެއިނަރެއް ކައިރީ އަހާލުން ރަނގަޅެވެ. އާންމުކޮށް މީހުން ކަސްރަތު ކުރާ ގަޑިތަކުގައި ރަނގަޅު ޓްރެއިނަރުން ޓްރެކްތަކުގައި އުޅެ އެވެ. އެ ޓްރެއިނަރެއްގެ ގޮތް ރަނގަޅަށް ބެލުމަށް ފަހު، އަހާލުން ރަނގަޅުވާނެ އެވެ. މިސާލަކަށް ހުސެން ހަލީމް (ކުޑަހުސެން) އާއި ނަސީރު އިސްމާއިލްއަކީ އާންމުކޮށް ދުވާ ޓްރެކުގައި ހަރަކާތްތެރިވާ ރަނގަޅު ޓްރެއިނަރުންގެ ތެރޭގައި ފާހަގަކޮށްލެވޭ ދެ ކޯޗުންނެވެ.
ކަސްރަތު ކުރަން ބޭނުންވާ މީހަކު އެންމެ ފުރަތަމަ ބަލަންވީ ރަނގަޅު ބޫޓެއް ހިޔާރު ކުރުމެވެ. އެއީ ބައެއް ފަހަރު ހިޔާރުކުރާ ބޫޓެއްގެ ގޮތުން، ފައިގަ ރިއްސާ ފަދަ ކަންތައްތައް ދިމާވެ އެވެ. އެހެން ދިމާވުމުން ކަސްރަތު ކުރުން ނުވަތަ ދުވަން ދިއުން ހުއްޓާލާ މީހުން ވެސް އުޅެ އެވެ.
ހަކުރުބަލި ނުވަތަ ހިތުގެ ބަލި ޖެހިފައިވާ މީހަކަށް އެންމެ ރަނގަޅު ފަރުވާއަކީ ކަސްރަތެވެ. ކަސްރަތު ކުރާއިރު، އެމީހަކު އެންމެ ބޮޑު އިސްކަމެއް ދޭންވީ ރަނގަޅު ޓްރެއިނަރެއް ހިޔާރުކުރުމެވެ. ރަނގަޅު ޓްރެއިނަރަކާއެކު ކަސްރަތު ފަށާތާ ދެ ތިން މަސް ފަހުން ބަދަލު އައިކަން ފާހަގަކުރެވޭނެ އެވެ.