03 May 2011, 11:49
މާފުށީކައިރީގައި އޮންނަ ފިނޮޅެއް ކައިރީގައި އަޅާފައި އޮތް ސަފާރީއެއްގެ އިންޖީނު ރޫމުގައި ރޯވެ، ބައެއް ކަހަލަ ގެއްލުންތައް ވެއްޖެ އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު އަބްދުﷲ އަލީ ވިދާޅުވީ މިއަދު ހެނދުނު 11 ޖަހާ އެހާކަންހާއިރު "ރަސްވާ ޕްރިންސެސް"ގެ އިންޖީނު ރޫމްގައި ރޯވި އަލިފާންގަނޑު މެންދުރު 12:30 ހާކަންހާއިރު މުޅިން ނިއްވާލާފައިވާ ކަމަށެވެ. ނަމަވެސް އެ ހާދިސާގައި އެއް ވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ދުއްވާ ބޭރުގެ އެ ސަފާރީގައި 18 ޓޫރިސްޓުންނާއި 25 ފަޅުވެރިން ތިބި ކަމަށާއި ނަމަވެސް އަލިފާން ރޯވިއިރު ސަފާރީގެ ހުރިހާ ގެސްޓުން ވެސް ތިބީ " ފަރަފަތި" ނަމަކަށް ކިޔާ އެ ފިނޮޅުގައި ކަމަށާއި ފަޅުވެރިންގެ ތެރެއިން ބައެއް މީހުން ޑައިވިން އަށް ގޮސްފައިވާ ކަމަށް ވެސް އެބޯޓާ ހަވާލާދީ އޮފިސަރު ވިދާޅުވި އެވެ. އިންޖީނުގޭގައި ރޯވެ އަދަމުންދިޔަ އިރު އެ ސަފާރީގައި ކޮންމެވެސް ވަރަކަށް ފަޅުވެރިން ތިބި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަބްދުﷲ އަލީ ވިދާޅުވީ 55 މީޓަރު ހުންނަ އެ ސަފާރީގެ އިންޖީނު ރޫމްގައި އަލިފާން ރޯވާންދިމާވި ސަބަބެއް އަދި މިހާތަނަށް އެނގިފައިނުވާ ކަމަށާއި ނަމަވެސް އިންޖީނު ރޫމްގައި ހުރި ބައެއް ކަހަލަތަކެއްޗަށް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.
.................................................................
މާފުށީކައިރީގައި އޮންނަ ފިނޮޅެއް ކައިރީގައި އަޅާފައި އޮތް ސަފާރީއެއްގައި އަލިފާން ރޯވެ އަދަމުން އެބަދެ އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިސަރަކު އަބްދުﷲ އަލީ މިއަދު ވިދާޅުވީ 18 ޓޫރިސްޓުންނާއި 25 ފަޅުވެރިން ތިބި އެ ސަފާރީގައި ރޯވެފައި ވަނީ ސަފާރީގެ އިންޖީނު ރޫމްގައި ކަމަށެވެ. ނަމަވެސް އިންޖީނު ރޫމްގައި އަލިފާން ރޯވީ ކީއްވެގެން ކަމެއް އަދި އިނގިފައިނުވާ ވިދާޅުވި އެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް އެމްޑީއެފުން ބުންޏެވެ.
"ރަސްވާ ޕްރިންސެސް" ނަމަކަށް ކިޔާ އެ ސަފާރީގެ ހުރިހާ ގެސްޓުން ވެސް މި ވަގުތު ތިބީ އެފިނޮޅުގައި ކަމަށާއި ފަޅުވެރިންގެ ތެރެއިން ބައެއް މީހުން ޑައިވިން އަށް ގޮސްފައިވާ ކަމަށް ވެސް އެބޯޓާ ހަވާލާދީ އޮފިސަރު ވިދާޅުވި އެވެ. އިންޖީނުގޭގައި ރޯވެ އަދަމުންދާ އެ ސަފާރީގައި ވެސް ކޮންމެވެސް ވަރަކަށް ފަޅުވެރިން ތިބި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަލިފާނުގެ ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދަށް ދިއުމަށް އެމްއެންޑީއެފްގެ ކޯސްޓްގާޑް ދަތުރު ކުރަމުން ގެންދާ ކަމަށް ވެސް އޮފިސަރު ވިދާޅުވި އެވެ.