07 Apr 2016, 12:44
ކާރަކުން މާލޭގެ މަގުތަކަށް ގިނަ އަދަދެއްގެ ބަނގުރާފުޅިތަކެއް އުކި މައްސަލައިގައި ބަޔަކާއި ސުވާލުކުރަން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން" އަށް މިއަދު ވިދާޅުވީ އެ މައްސަލާގައި ބަޔަކާއި ސުވާލު ކުރަމުން އަންނަ ކަމަށާއި ނަމަވެސް އެމައްސަލާގައި އަދި މިހާތަނަށް މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.
ފުލުހުން ސުވާލުކޮށްފައިވަނީ ކިތައް މީހުންނާކަމެއް އަދި އެއީ ކޮންބައެއްކަން ފުލުހުން ހާމައެއް ނުކުރެއެވެ.
އެމައްސަލާގައި މީގެކުރިން ވަނީ އެކާރުގެ ވެރި ފަރާތާއި ވެސް ފުލުހުން ސުވާލުކޮށްފައެވެ.
އެމައްސަލައިގައި އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާއިރު އޮފިޝަލް ވިދާޅުވީ، އެކަންކުރި ބަޔަކު ދެނެގަންނަން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށާއި ނަމަވެސް ފުލުހުން ކެނޑިނޭޅި އެކަމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ބަނގުރާފުޅިތައް އުކި މައްސަލައާ ގުޅިގެން އެކަން ހިނގި ދުވަހު ނޫން އަނެއް ދުވަހު ފުލުހުން ވަނީ ކާރެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އެކާރަކީ ބަނގުރާ އުކި ފަރާތްތަކުން ދުއްވި ކާރެވެ.
ކަޅުތުއްކަލާ ކޮށިން ފެށިގެން ދަރުބާރުގެއާއި މާލޭގެ އެކި ސަރަހައްދަށް ބަނގުރާ ފުޅިތަކެއް އުކާފައިވާ އިރު އެކަންކޮށްފައި ވަނީ ކަޅު ބިއްލޫރި ޖެހި ކާރެއްގައި ދިޔަ ބަޔަކު ކަމަށް މަންޒަރު ދުށް މީހުން ސަންއަށް ކިޔައިދިނެވެ.
އެ ރޭ ވަނީ މާލޭގެ މަގުތަކަށް ގިނަ އަދަދެއްގެ ބަނގުރާ އުކާފައެވެ. ސަން އަށް އެނގިފައިވާ ގޮތުގައި އެއީ ހުޅުމާލޭގައި އޮތް ސަފާރީއަކުން މާލެ ގެނައި ފުޅިތަކެކެވެ. އެފުޅިތައް މަގުތަކަށް އުކާފައި ވަނީ، އެފުޅިތައް ހިފައިގެން ދިޔަ ކާރުގެ ފަހަތުން ފުލުހުން ހަރަކާތްތެރިވާން ފެށުމުންނެވެ.