ސްރީލަންކާގައި އާންމު ރައްޔިތުން ގަވައިދާ ޚިލާފަށް ގެންގުޅޭ ހަތިޔާރު، ސަރުކާރަށް ހަވާލު ކުރުމަށް 10 ދުވަހުގެ މުއްދަތެއް ދިނުމަށް ސްރީލަންކާގެ ސަރުކާރުން ނިންމައިފި އެވެ.

ރައީސް މައިތުރިޕާލަ ސިރިސޭނާ ބަލަހައްޓަވާ އެ ގައުމުގެ ޑިފެންސް މިނިސްޓްރީ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ، ފުލުހުންގެ މަރުކަޒުތަކުގައި ރެޖިސްޓާ ނުކޮށް އާންމު ފަރުދުން ގެންގުޅޭ ބަޑި ފަދަ ހަތިޔާރުތައް އެގައުމުގެ ޑިސްޓްރިކްޓް ސެކްރެޓޭރިއަޓްތަކާއި ޑިވިޝަނަލް ސެކްރެޓޭރިއަޓުގެ އޮފީސްތަކާ ހަވާލު ކުރަން އެދޭ ކަމަށެވެ.

އެގޮތުން، މި ކަން ކުރުމަށް އެމްނެސްޓީ ޕީރިއަޑެއްގެ ގޮތުގައި، މިހިނގާ އޭޕްރިލް މަހުގެ 25 ވަނަ ދުވަހުން ފެށިގެން ކުރިޔަށް އޮތް މެއި މަހުގެ ފަސް ވަނަ ދުވަހާ ހަމައަށް ދެވޭނެ ކަމަށް ލަންކާގެ ޑިފެންސް މިނިސްޓްރީ އިން ބުންޏެވެ.

ރަޖިސްޓްރީ ނުކޮށް ގަވައިދާ ޚިލާފަށް ހަތިޔާރު ގެންގުޅޭ ފަރާތްތައް ގާނޫނާއި ގަވައިދުތަކުން ކުށްވެރިވި ނަމަވެސް، ޑިފެންސް މިނިސްޓްރީ އިން ދީފައިވާ މުއްދަތުގެ ތެރޭގައި އެތަކެތި ފުލުހުންނާ ނުވަތަ ސަރަހައްދީ އޮފީސްތަކާ ހަވާލު ކޮށްފި ނަމަ އެމީހުންނަށް މައާފު ދެވޭނެ ކަމަށް ލަންކާ ސަރުކާރުން ބުނެ އެވެ.

މިއީ، ސްރީލަންކާއަކީ އަމާން ގައުމަކަށް ހެދުމަށް އެގައުމުގެ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރެވޭ ކަމެއް ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެ އެވެ.

މަސްދަރު: ހިރު ނިއުސް