07 Apr 2016, 14:41
ބްރަސެލްސް (އޭޕްރިލް 7): ބެލްޖިއަމްގެ ވެރިރަށް ބްރަސެލްސްއަށް މިދިޔަ މަހު ހަމަލާދިން މީހުންގެ ތެރެއިން އެކަކު ވަނީ ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ގާނޫނު ހަދާ މަޖިލިސް އިމާރާތުގައި މަސައްކަތްކޮށްފައި ކަމަށް އީޔޫގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.
އޮފިޝަލު ވިދާޅުވީ، ބްރަސެލްސްއަށް ހަމަލާ ދިން މީހުންގެ ތެރެއިން އެކަކު ވަނީ މަޖިލިސްކުރާ އިމާރާތް ސާފު ކުރާ މީހެއްގެ ގޮތުގައި 2009 އަކާއި 2010ގައި އެއް މަސް ވަންދެން މަސައްކަތްކޮށްފައި ކަމަށެވެ. ހަމަލާ ދިން މީހާގެ ނަން އީޔޫއިން ހާމަ ނުކުރި ނަމަވެސް، ކަމާ ބެހޭ ފަރާތްތަކުން ވަނީ އެއީ ނާޖިމް ލަޝްރާއީ ކަމަށް ބުނެފަ އެވެ.
އީޔޫގެ ގާނޫނު ހަދާ މަޖިލިސް އިމާރާތް ސާފުކުރުމާ ބެހޭ ފަރާތްތަކުން ވަނީ އޭނާއަށް ވަޒީފާ ދިނީ ކުށުގެ ރިކޯޑު އޮތްތޯ ބަލައި، ރިކޯޑެއް ނެތުމުން ކަމަށް ބުނެފަ އެވެ.
ނާޖިމް އަކީ ބްރަސެލްސްގެ އެއާޕޯޓަށް ހަމަލާދިން މީހުންގެ ތެރެއިން އެކަކެވެ. އަދިި އޭނާ އަކީ ޕެރިހަށް ހަމަލާދިނުމުގައި އެންމެ އިސްކޮށް އުޅުނު މީހުންގެ ތެރެއިން އެކަކު ކަމަށް ފުލުހުން ވަނީ ތުހުމަތުކޮށްފަ އެވެ.
މިދިޔަ މަހުގެ 22 ވަނަ ދުވަހު ބްރަސެލްސްގެ އެއާޕޯޓަކަށާއި މެޓްރޯ ސްޓޭޝަނަކަށް އައިއެސް އިން ދިން ހަމަލާއެއްގައި 32 މީހަކު މަރުވި އެވެ. (ބީބީސީ)