ކާރަކުން މާލޭގެ މަގުތަކަށް ގިނަ އަދަދެއްގެ ބަނގުރާފުޅިތަކެއް އުކިތާ 48 ދުވަސް ވީއިރުވެސް އެ މައްސަލާގައި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށާއި އެ މައްސަލަ އަންނަނީ ތަހުގީގު ކުރަމުން ކަމަށެވެ.

ކާރަކުން މާލޭގެ އެކި މަގުތަކަށް ގިނަ އަދަދެއްގެ ބަނގުރާފުޅިތައް އުކާފައި ވަނީ މިދިޔަ ފެބުރުއަރީ މަހުގެ 19 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ.

ބަނގުރާފުޅިތައް އުކަންފެށުމާ އެކު ފުލުހުން ވަގުތުން ވަނީ އެ ފުޅުތައް ނެގުމުގެ މަސައްކަތް ވެސް ފަށާފައެވެ.

އެ މައްސަލާ އާ ގުޅިގެން ބަނގުރާފުޅި އުކި ކާރުގެ ޑްރައިވަރާ ސުވާލުކޮށްފައިވާނެ ކަމަށް ފުލުހުން ވަނީ މީގެކުރިން ބުނެފައެވެ.

ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ކާރެއްގައި މާލޭގެ އެކި ސަރަހައްދުތަކަށް ގިނަ އަދަދެއްގެ ބަނގުރާފުޅި އުކި މައްސަލާގައި ގިނަ ދުވަސްތަކެއް ވެގެންދިޔައިރު އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވަނީ ކީއްވެގެން ކަމެއް ފުލުހުން ނުބުނެއެވެ.