ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި ހޭނައްތާ އިންޖެކްޝަނެއް ޖަހައިގެން އޮޕަރޭޝަނެއް ކުރުމުން، ހޭނާރައިގެން މާލެ ގެނައުމަށްފަހު އައިޖީއެމްއެޗުގައި ފަރުވާ ހޯދަމުން ދަނިކޮށް މިއަދު ނިޔާވި ލ. ގަމު ގުލްއަލާގެ، މަސީހާ އަބޫބަކުރު 39، ގެ ކަށު ނަމާދު މިއަދު އަސުރު ނަމާދަށްފަހު އޮންނާނެ އެވެ.

މަސީހާގެ ކަށު ނަމާދު އޮންނާނީ އާސަހަރަ މިސްކިތުގަ އެވެ.

މަސީހާ ނިޔާވީ މިއަދު ހެނދުނު 6:10 އެހާކަށްހާއިރު އެވެ.

މިދިޔަ އާދިއްތަ ދުވަހު ޑޮކްޓަރުންނާއި ހަވާލާ ދެއްވައި އައިޖީއެމްއެޗުން ބުނީ މަސީހާގެ ސިކުނޑި އެއްވެސް ގޮތަކަށް މަސައްކަތް ނުކުރާ ކަމަށެވެ.

މަސީހާ މިދިޔަ މަހުގެ 14 ވަނަ ދުވަހުގެ ރޭ މާލެ ގެނައީ ކުޑަ އޮޕަރޭޝަނެއް ކުރުމަށް ހޭނެއްތުމަށް ފަހު ހޭ ނާރައި ގިނަ އިރުވެގެން އިމަޖެންސީކޮށެވެ.

މަސީހާގެ ބޭބެ އިބްރާހިމް ޒަކީ، 54، ބުނީ އޭނާ އޮޕަރޭޝަން ކުރަންޖެހުނީ ކިހިލިފަތްދޮށުގައި ގަނޑެއްލާފައި ހުރުމުން ކަމަށެވެ.