07 Apr 2016, 13:15
ދާކާ (އެޕްރީލް 7) : ބަންގްލަދޭޝްގެ އިދިކޮޅު ލީޑަރު އަދި އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު ބޭގަމް ޚާލިދާ ޒިޔާ ކޯޓަށް ޙާޒިރުވެ ވަޑައިގަތުމުން ކަފާލާތުގެ ދަށުން އެކަމަނާ މިނިވަންކޮށްފި އެވެ.
ޚާލިދާ ޒިޔާގެ މައްޗަށް ދައުލަތުން ދައުވާކޮށްފައި ވަނީ ބަހެއްގައި ބޮމެއް ގޮއްވާލުމުގައި އެކަމަނާ ފަހަތުގައި ހުންނެވި ކަމުގެ ތުހުމަތުގަ އެވެ. އެމައްސަލާގައި ކޯޓަށް ޙާޒިރުވުމަށް ތަކުރާރުކޮށް ޚާލިދާއަށް އެނގުމުން ކޯޓަށް ޙާޒިރުވެ ވަޑައިނުގަތުމުން ކޯޓުން ވަނީ އެކަމަނާ ހައްޔަރުކޮށްގެން ކޯޓަށް ޙާޒިރު ކުރުމަށް ބަންގްލަދޭޝްގެ ފުލުހުންނަށް އަމުރުކޮށްފަ އެވެ. މިއަމުރާ ގުޅިގެން ފުލުހުން އެކަމަނާ ހައްޔަރުކުރުމުގެ ކުރިން އެކަމަނާ ވަނީ އަމިއްލަށް ކޯޓަށް ޙާޒިރުވެ ވަޑައިގެން ދައުވާއަށް ޖަވާބުދާރީ ވެވަޑައިގެންފަ އެވެ. ކޯޓަށް ޖަވާބު ދާރީވުމާ އެކު ފަނޑިޔާރުން ވަނީ ކަފާލާތުގެ ދަށުން އެކަމަނާ މިނިވަންކުރުމަށް ނިންމާފަ އެވެ.
އުމުރުން 70 އަހަރުގެ ޚާލިދާ ވަނީ ދައުލަތުން ކޮށްފައިވާ ބަހެއްގައި ބޮމެއް ގޮއްވާލުމުގެ ދައުވާއަށް އިންކާރު ކުރައްވާފަ އެވެ. މިއީ ސިޔާސީ ދައުވާއެއްކަމަށް ޚާލިދާގެ ޕާޓީން ވަނީ ސިފަކޮށްފަ އެވެ. ބަންގްލަދޭޝްގެ ސިޔާސީ މަސްރަހު ކޮންޓްރޯލް ކުރަނީ ދެއަންހެން ބޭފުޅުންނެވެ. އެއީ އެގައުމުގެ ކުރީގެ ރައީސް ޟިޔާއުއްރަޙްމާންގެ ހުވަފަތް އަނބިކަނބަލުން ޚާލިދާ ޟިޔާ އާއި ކުރީގެ ބޮޑުވަޒީރު އަދި ބަންގްލަދޭޝްގެ މިނިވަންކަމުގެ ބާނީ ޝައިޚް މުޖީބުއްރަޙްމާންގެ ދޮށީ ދަރިކަނބަލުން މިހާރުގެ ބޮޑުވަޒީރު ޝައިޚް ޙަސީނާއެވެ. ޙަސީނާއާއި ޚާލިދާއާ ދެމެދު ހިނގަމުންދާ ސިޔާސީ ކޯޅުންތަކުގައި މިދިޔަ އަހަރު ވެސް ބަންގްލަދޭޝްގެ އާންމުންގެ 120 މީހުން މަރުވެ ފައްސަތޭކައެއްހާ މީހުން ޒަޚަމްވެފައިވެ އެވެ.
ދެފަރާތުގެ ކޯޅުންތައް ބޮޑުވުމާ ގުޅިގެން ބަންގްލަދޭޝްގެ ފުލުހުން މިދިޔަ އަހަރު ވަނީ ޚާލިދާގެ އޮފީހުގައި، ކޯޓު އަމުރެއްގެ ދަށުން އެކަމަނާ ހައްޔަރުކުރުމަށް ފަހު ފަހުން މިނިވަންކޮށްފަ އެވެ. (އަލްޖަޒީރާ)