03 May 2011, 10:26
ޓޫރިޒަމް ޓެކްސް އާއި ވިޔަފާރި އާމްދަނީން ނަގައި ޓެކުހުގެ އިތުރުން މަހަކު 30،000ރ. އަށް ވުރެ ވުރެ މަތިން އާމްދަނީ ލިބޭ ފަރާތްތަކުން އިންކަމް ޓެކްސްއެއް ނެގުމަށް ހަމަޖައްސައިފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރާއްޖޭގެ އިގުތިސާދު ހަރުދަނާކޮށް، އޭގެ ފައިދާ ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އަޅަމުންދާ ފިޔަވަޅުތައް ބަޔާންކޮށް ރައީސް އޮފީހުން ރޭ ނެރުނު ނޫސްބަޔާނެއްގައި ވަނީ މިހާރު ސަރުކާރުން އަޅަން ފަށައިފައިވާ މައިގަނޑު ހަތަރު ކަމެއް ފާހަގަކޮށްފައި އެވެ. އޭގެ ތެރޭގައި ފައިސާގެ އަގު ކަނޑައެޅުމަށް ގެންގުޅޭ އުސޫލަށް ބަދަލު ގެނައުމާއި، ދައުލަތަށް އާމްދަނީ ހޯދޭ ހަމަތައް ބަދަލުކުރުމާއި، ރާއްޖޭގައި މަސައްކަތްކޮށްދެވޭނެ އުޖޫރަ ކަނޑައެޅުމަށް އުސޫލުތަކެއް އެކުލަވާލުމުގެ މަސައްކަތް ހިމެނޭ ކަމުގައި ރައީސް އޮފީހުން ބުނެފައިވެ އެވެ.
ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި "ދައުލަތަށް އާމްދަނީ ލިބޭ މަގުތަކަކީ ދެމެހެއްޓެނިވި މަގުތަކަކަށް ހެދުމަށްޓަކައި" އިންކަމް ޓެކްސްއެއް ނަގަން ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ. އެގޮތުން މަހަކު 30،000ރ. އަށް މަތިން އާމްދަނީ ލިބޭ ފަރާތްތަކުން، ތިން ޕަސެންޓާއި 10 ޕަސަންޓާ ދޭތެރޭގެ ބޭންޑަކުން ޓެކްސް ނެގުމަށް ސަރުކާރުން ވަނީ ހަމަޖައްސައިފަ އެވެ.
މީގެ އިތުރުން، މި އަހަރުތެރޭ މިނިމަމް ވޭޖެއް ކަނޑައެޅުމަށް ވެސް ސަރުކާރުން ވަނީ އަމާޒުކޮށްފަ އެވެ. އެގޮތުން އެކިއެކި ވިޔަފާރިކުރާ ތަންތަނުގަޔާއި، އެނޫން ވެސް މަސައްކަތްތައް ކުރާ ތަންތަނުގައި މުވައްޒަފުން މަސައްކަތް ކުރަމުންދާގޮތް ބަލައި ދެނެގަނެ، އެތަންތަނުގައި މަސައްކަތްކުރާ މީހުންނަށް މުސާރައިގެ ގޮތުން އެންމެ ކުޑަމިނުން ދެވޭނެ އަދަދާ ގުޅޭ ގޮތުން މިނިސްޓަރަށް ލަފާ އަރުވައި ކުޑަކޮށްދެވޭ އުޖޫރަ ކަނޑައެޅުމާ ގުޅޭ މަސައްކަތްތައް ޕޭ ކޮމިޝަނުން ގެންދަނީ ކުރަމުން ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ނަމަވެސް، އިންކަމް ޓެކްސް ނަގަން ފަށާނެ ވަކި އިރެއް ސަރުކާރުން ބުނެފަ އެއް ނުވެ އެވެ.
ރައްޔިތުންގެ އަތުން ނުސީދާ ގޮތުގައި ނެގޭ އިމްޕޯޓް ޑިއުޓީ ފަދަ ޓެކްސްތައް މުޅިން ކަނޑާލުމުގެ މަގުސަދުގައި ޓެކްސްގެ ނިޒާމަށް މިވަގުތަށް ބަދަލުތަކެއް ގެންނަން ވެސް ސަރުކާރުން ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި އިމްޕޯޓް ޑިއުޓީ ދައްކަން ޖެހޭ މުދަލުގެ ބާވަތްތަކުގެ ތެރެއިން ދިރިއުޅުމުގެ އާންމު ބޭނުންތަކަށް ބޭނުންކުރާ ގިނަ ބާވަތްތަކަކީ، އިމްޕޯޓް ޑިއުޓީ ދައްކަން ނުޖެހޭ ބާވަތްތަކެއް ކަމުގައި ކަނޑައެޅުން ހިމެނޭ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
"މިގޮތުން ޑިއުޓީ ދައްކަން ނުޖެހޭ ބާވަތްތަކުގެ ތެރޭގައި، ކިރުގެ ބާވަތްތަކާއި، ތަރުކާރީ އާއި މޭވާގެ ބާވަތްތަކާއި، ދިވެހިން ކެއުމަށް ބޭނުންކުރާ މަހުގެ ބާވަތްތަކާއި، ފޮތް ފަންސޫރާއި، ޢިމާރާތް ކުރުމަށް ބޭނުންވާ ބައެއް ތަކެއްޗާއި، އަދި މިނޫންވެސް ދިރިއުޅުމުގައި އާންމުކޮށް ބޭނުންކުރާ ބާވަތްތަކުން އިމްޕޯޓް ޑިއުޓީ ނެގުން ހުއްޓާލުމަށް ސަރުކާރުން ހަމަޖައްސަވާފައިވެ އެވެ،" ރައީސް އޮފީހުން ބުނެފައިވެ އެވެ.
އެ ބަދަލު ގެންނައުމަށްޓަކައި ދިވެހިރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓް ގާނޫނު އިސްލާޙު ކުރުމަށް އަންނަ ޖޫން މަހުގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.
އަދި މިހާރު ކޮންޓްރެކްޓެއްގެ ދަށުން ނެގެމުން އަންނަ ރިސޯޓްތަކުގެ ބެޑް ރެންޓް ނެގުން 2013 ވަނަ އަހަރު ހުއްޓާލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްވެސް ސަރުކާރުން ވަނީ ނިންމައިފަ އެވެ. އިމްޕޯޓް ޑިއުޓީ އާއި ބެޑް ރެންޓް ކަނޑާލުމުން، ދައުލަތަށް އުނިވާ އާމްދަނީ ފޫބެއްދުމަށްޓަކައި، ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި، ދޭ ޚިދުމަތުގެ އަގުން މިހާރު ނަގާ 3.5 ޕަސަންޓުގެ ބަދަލުގައި، އެ އަދަދު ފަސް ޕަސަންޓަށް ހަމަޖެއްސުމަށް ސަރުކާރުން ވަނީ ނިންމައިފަ ކަމަށް ވެސް ރައީސް އޮފީހުން ބުނެފައިވެ އެވެ.
އެ ބަދަލުގެނައުމަށް، ޓޫރިސްޓް ހިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު އިސްލާޙު ކުރުމަށް ވެސް އަންނަ ޖޫން މަހުގެ ތެރޭގައި މަޖިލީހަށް ހުށަހަޅަން ސަރުކާރުންވަނީ ނިންމައިފަ އެވެ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރަ) މެދުވެރިކޮށް ނަގަމުންދާ ޓޫރިސަމް ޓެކްސްއާއި އަންނަ ޖުލައި މަހުގެ 18 ވަނަ ދުވަހުން ފެށިގެން ވިޔަފާރިކުރާ ތަންތަނުން ނަގައި ޓެކްސްގެ އިތުރުން ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަން ފިޔަވައި އާންމު ވިޔަފާރިކުރާ ތަންތަނުން ވިއްކާ ތަކެއްޗާއި، ދޭ ހިދުމަތުގެ އަގުން ތިން ޕަސަންޓުގެ ޓެކްސްއެއް ނެގުމަށްވެސް ސަރުކާރުން ވަނީ ނިންމައިފަ ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެއެވެ.
އެ އޮފީހުން ބުނި ގޮތުގައި، އެ ބަދަލުތައް ސަރުކާރުން ގެންނަން ނިންމައިފައި ވަނީ، އިގުތިސާދީ ގޮތުންނާއި އިޖްތިމާއީ ގޮތުން، ރައްޔިތުންނަށް ހެވާއި ލާބަ ހޯދާދިނުމުގެ މަތިވެރި މަގުސަދުގަ އެވެ. އަދި އިގުތިސާދީ ނިޒާމަށް މިހާރު ގެންނަމުންދާ ބަދަލުތަކުގެ ސަބަބުން، މުސްތަގުބަލްގައި ބާޒާރުގެ ތަކެތީގެ އަގު ހެޔޮވެ، ދެމެހެއްޓެނިވި އިގުތިސާދެއް ރާއްޖޭގައި ހިންގޭނެކަމުގެ ޔަގީންކަން ސަރުކާރުން ދީފައިވެ އެވެ.