ޖޯޑަން- ހަނގުރާމަތަކާއި ލޭ އޮހޮރޮވުންތަކަށް ކެތް ނުކުރެވިގެން ސީރިއާ ދޫކޮށް ޖޯޑަން އަށް ހިޖުރަ ކުރި މީހުންގެ ތެރޭގައި އުމުރުން 32 އަހަރުގެ ހައްމާދު ފާލިހު އާއި އޭނާގެ އާއިލާ ހިމެނެ އެވެ. އަމާން ތަނަކަށް ހިޖުރަ ކުރި ނަމަވެސް އަނބިމީހާއާއި ތިން ދަރިންގެ ޒިންމާތައް ބޮލުގައި އެޅިފައިވާ ހައްމާދުއަށް މިއަދު ހިތާމަތަކުން މިންޖުވެވޭކަށް ނެތެވެ.

އޭނާ އަކީވެސް ދުނިޔޭގެ އެތައް މިލިއަން މީހުން ތަހައްމަލު ކުރަމުން އަންނަ ހަކުރު ބަލީގެ ޝިކާރައަކަށް ވެފައިވާ މީހެކެވެ. އޭނާ އަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މިހާރު ދިރިއުޅޭ ސަހަރުން އެ ބައްޔަށް ފަރުވާ ހޯދުމެވެ.

"ހަކުރު ބައްޔަކީ އަހަރެން ގެ ދިރިއުޅުމުގައި އަހަރެން އަބަދުވެސް މެނޭޖު ކުރަމުން އައި ބައްޔެއް. އެކަމަކު ސީރިއާގައި ހަނގުރާމަ ފެށުނުފަހުން އަހަރެން ހާލަތު ކޮންޓްރޯލް ކުރަން އުނދަގޫވޭ. އެކަމުގެ ސަބަބުން އަހަންނަށާއި އަހަރެންގެ އާއިލާއަށް ނުހަނު ބުރަ އުފުލަން ޖެހޭ،" ޓައިޕް އެކެއްގެ ހަކުރު ބަލި ތަހައްމަލު ކުރަމުން އަންނަ ހައްމާދު ކިޔައިދިނެވެ.

ހާލަތު ހުރި ގޮތުން ހަކުރު ބައްޔަށް ފަރުވާ ހޯދުމަށް ހައްމާދު އަށް ވަނީ ނޮން ގަވަންމެންޓަލް އޮގަނައިޒޭޝަން އަކަށް ބަރޯސާ ވާން ޖެހިފަ އެވެ.

"މީގެ ކުރިން އަހަރުމެން ދިރިއުޅެމުން އަންނަނީ ދާރާ ގައި. އަހަރެންގެ ހަކުރު ބައްޔަށް ފަރުވާ ހޯދުމުގެ ކަންތައްތައް ރަނގަޅަށް ބެލެހެއްޓޭ. ގަވާއިދުން ޑޮކްޓަރަށް ދައްކަން. ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމަށް އެންމެ އެކަށީގެންވާ ކާނާ ކެވޭ. އެކަމަށް ބޭނުންވާ ބޭސްތައްވެސް ހިލޭ ލިބޭ،" އިނގިރޭސި ޓީޗަރެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރި ހައްމާދު ބުންޏެވެ.

"އެހެންނަމަވެސް ބޭސްތައް ސީރިއާގައި އަގުބޮޑުވި. އޭގެ އަގަށް ވުރެ ދެ ގުނަ ނުވަތަ ތިން ގުނަވެސް އަގުބޮޑުވޭ. އޭގެ ސަބަބުން އަހަންނަށް ހަކުރު ބަލި ކޮންޓްރޯލް ކުރެވޭ ގޮތެއް ނުވި." ހައްމާދު ބުންޏެވެ.

ދެހާސް ސާދަ ވަނަ އަހަރުން ފެށިގެން ޖޯޑަންގައި ރަޖިސްޓްރީކޮށްފައިވާ ސީރިއަން ރެފިއުޖީ ކޭމްޕުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ބޭސްފަރުވާގެ ކަންތައްތައް ހިލޭ ހަމަޖެހިގެން ދިޔަ އެވެ. އެ ކޭމްޕުތަކުގައި ދިރިއުޅޭ ރެފިއުޖީންނަށް ބޭސްފަރުވާ އަށް ހަރަދު ކުރަން ޖެހެނީ ޖޯޑަންގެ ރައްޔިތުން ވެސް ބޭސްފަރުވާ އަށް ހަރަދު ކުރާ އަގެވެ.

އެހެންނަމަވެސް، އެ އަގަކީވެސް ހައްމާދު ފަދަ މީހަކަށް ކުޑަ އަގެއް ނޫނެވެ.

"އާއްމުކޮށް ކޮންމެ މަހަކު 30 ދީނާރު(42 ޑޮލަރު) ދައްކަން ޖެހޭ ފަރުވާ އަށް. އަހަންނަށް އާދަކޮށް އާމްދަނީ އެއް ނުލިބޭ. އަހަރެން ދުވަސްދުވަސްކޮޅުން ތަރުކާރީ ފިހާރައެއް ހިންގައިގެން އުޅެނީ. އެކަމަކު ހަކުރު ބަލީގެ ސަބަބުން އަހަރެންގެ ހާލަތު ވަރަށް ދަށް. އަހަރެން މަސައްކަތް ކުރެވޭ ވަރަށް ވުރެ ބަލި،" ހައްމާދު ބުންޏެވެ.

ހަމައެހެންމެ، ލިބޭ ކުޑަކުޑަ އާއްމުދަނީ އާއެކު ހައްމާދު އަށް ދިމާވެފައިވާ އަނެއް ގޮންޖެހުމަކީ ހަކުރު ބަލި ޖެހިފައިވާ މީހުންނަށް ހާއްސަ ކާނާ ގަތުމެވެ.

"ހަނޑުލާއި ޕާން އެންމެ އަގު ހެވީ. އެއަށްވުރެ އިތުރު އެއްޗެއް ގަންނާނެހާ ފެންވަރެއް ނެތް އަހަރެން ކިބައަކު،" ހައްމާދު ބުންޏެވެ.

ހަކުރު ބައްޔަށް އެކަށީގެންވާ ފަރުވާ ނުކުރެވިއްޖެ ނަމަ އެބަލީގެ ސަބަބުން މަރާވެސް ހަނގުރާމް ކުރަން ޖެހިދާނެ އެވެ. ހައްމާދު މިހާރު ދިރިއުޅެމުން އަންނަނީ އެފަދަ ބިރުވެރި ކަމެއްގެ ތެރޭގަ އެވެ. އޭނާ ނެތް ދުވަހަކުން އަންހެނުންނާއި ތިންދަރިން ބިކަވެ ނިކަމެތި ވާނެ އެވެ.

ހައްމާދު އަށް އެފަދަ ބައްޔެއް ތަހައްމަލު ކުރަން ޖެހިފައި ވީނަމަވެސް، އޭނާގެ އާއިލާގެ އެންމެންވެސް ދުޅަހެޔޮ ސިއްހަތެއްގައި ތިބީތީ، އޭނާ ﷲ އަށް ހަމްދު ކުރެ އެވެ.

އެއީ ހައްމާދުގެ ވާހަކަ އެވެ. އެ ފަދަ ކިތަށް ހައްމާދު ސީރިއާގެ ރެފިއުޖީ ކޭމްޕުތަކުގައި ދިރިއުޅޭނެ ހެއްޔެވެ؟

މަސްދަރު:ޑަބްލިއުއެޗްއޯ