ދިވެހި ރެޑް ކްރެސެންޓަށް ހުޅުމާލޭގައި ހަތަރު ބުރީގެ އޮފީސް އިމާރާތެއް އަޅައިދޭނެ ފަރާތެއް ހޯދައި، ބިޑު ހުށަހެޅުމަށް އެ ޖަމިއްޔާއިން އިއުލާނު ކޮށްފި އެވެ.

އެ ޖަމިއްޔާއިން ކުރިއިއުލާނުގައި ބުނެފައިވަނީ، އެޖަމިއްޔާއިން އެޅުމަށް ބޭނުންވަނީ ކޮންމެ ފަންގިފިލާއެއްގައި 1،000 އަކަ ފޫޓު ހުންނަ ގޮތަށް، ޖުމްލަ 4،000 އަކަ ފޫޓު ހުންނަ އިމާރާތެއް ކަމަށާއި، މިކަމަށް ކުރިމަތިލުމަށް އެ ޖަމިއްޔާއިން އެދެނީ މިކަމަށް ގާބިލު، އަދި ތަޖުރިބާ ހުރި ފަރާތްތަކުން ކަމަށެވެ.

އެގޮތުން، މިކަމަށް ބިޑު ހުށަހަޅާ ފަރާތުން މިދިޔަ ތިން އަހަރު ދުވަސް ތެރޭގައި 10 މިލިޔަން ރުފިޔާއަށް ވުރެ މަދު ނޫން އަގުގެ ޕްރޮޖެކްޓު ހިންގާފައި ހުންނަން ޖެހޭނެ ކަމަށާއި، އެ ފަރާތަކީ ސިވިލް އަދި ކޮންސްޓްރަކްޝަން މަސައްކަތް ކުރުމަށް ރާއްޖޭގައި ރަޖިސްޓާ ވެފައިވާ ފަރާތަކަށް ވާން ޖެހޭ ކަމަށް ރެޑް ކްރެސެންޓުން ބުނެ އެވެ.

މީގެ އިތުރުން، ބިޑު ސެކިއުރިޓީގެ ގޮތުގައި 20،000 ދިވެހި ރުފިޔާ ހުށަހަޅަން ޖެހޭ ކަމަށް ވެސް ރެޑް ކްރެސެންޓުން ކުރި އިއުލާނުގައި ވެ އެވެ.

މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް، މި މަހުގެ 10 އާއި 13 އާ ދެމެދު މޯލްޑިވްސް ޕޯސްޓް ބިލްޑިންގގެ ހަތަރުވަނަ ފަންގިފިލާގައި ހުންނަ ދިވެހި ރެޑް ކްރެސެންޓުގެ ހެޑްކުއާޓަރޒްއިން ޓެންޑާ ޑޮކިއުމެންޓް ލިބެން ހުންނާނެ ކަމަށް އެޖަމިއްޔާއިން ބުނެ އެވެ.

އަދި 18 އޭޕްރިލް ވަނަ ދުވަހު ޕްރީ ބިޑް މީޓިންގއެއް އޮންނާނެ ކަމަށާއި، ބިޑު ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީޚަކީ އޭޕްރިލް 27 ވަނަ ދުވަސް ކަމަށް ދިވެހި ރެޑް ކްރެސެންޓުން ބުނެ އެވެ.