ޔުއެފާ ޗެމްޕިއަންސް ލީގްގެ ކުއާޓާފައިނަލްގައި ރޭ ފްރާންސްގެ ޕީއެސްޖީ އާއި މެންޗެސްޓާ ސިޓީ ކުޅުނު މެޗު 2-2ގެ ނަތީޖާ އަކުން އެއްވަރުވެގެން ނިމެއްޖެއެވެ.

ޕީއެސްޖީގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗުގައި، ޕީއެސްޖީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ އިރު މެޗުގެ ކުރީ ކޮޅުގައި އެ ޓީމަށް ވަނީ ޕެނެލަޓީއެއް ލިބި ބޭކާރުވެފައެވެ. ޒްލަޓާން އިބްރަހިމޮވިޗް ފޮނުވާލި އެ ޕެނަލްޓީ، ސިޓީގެ ގޯލްކީޕަރު ޖޯ ހާޓް ވަނީ ހުށިޔާރު ކަމާއި އެކު ދިފާއުކޮށްފައެވެ. އެއީ މި އަހަރުގެ މުބާރާތުގައި އޭނާ މަތަކުރި ދެ ވަނަ ޕެނަލްޓީ ކަން ފާހަގަކޮށްލެވެއެވެ.

ރޭގެ މެޗުގައި ފުރަތަމަ ގޯލެއް ކާމިޔާބް ކޮށް ލީޑް ނެނގީ ސީޓީންނެވެ. އެ ގޯލު މެޗުގެ 38 ވަނަ މިނެޓްގައި އެ ޓީމަށް ކާމިޔާބް ކޮށްދިނީ ފެނާންޑީނިއޯ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޑެ ބްރައިނާ އެވެ.

ސިޓީން ގޯލެއް ކާމިޔާބް ކުރީތާ ތިން މިނެޓް ފަހުން އިބްރަހިމޮވިޗް ވަނީ ޕީއެސްޖީ އަށް ގޯލެއް ކާމިޔާބް ކޮށް ނަތީޖާ އެއްވަރުކޮށްފައެވެ.

ދެވަނަ ހާފްގައި ޕީއެސްޖީގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔަ އިރު އެ ޓީމުން ވަނި ކައިރި ކައިރީ ސިޓީގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އެ މެޗުގައި ފުރަތަމަ ފަހަރަށް ޕީއެސްޖީ އަށް ލީޑް ލިބިގެންދިޔައީ 59 ވަނަ މިނެޓްގައި އެޑްރިއަން ރަބިއޯ ކާމިޔާބުކުރި ގޯލާއި އެކުއެވެ.

ޕީއެސްޖީގެ އެ ގޯލަށް ފަހު ވެސް އެ ޓީމުން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް ޑިފެންސްލައިނަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ މެޗުގެ 72 ވަނަ މިނެޓްގައި ސިޓީގެ ފެނާންޑީނިއޯ ވަނީ އެ ޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ސިޓީގެ ކޯޗު މެނުއަލް ޕެލިގްރިނީ ބުނީ ރަށުން ބޭރުގައި ކުޅުނު މެޗަކަށް ބަލާއިރު ނިކުއިން ނަތީޖާ އާއި މެދު ހިތް ހަމަ ޖެހޭ ކަމަށާއި ނަމަވެސް ސެމީ ފައިނަލަށް ދާން ބޭނުންނަމަ އެ އަށް ވުރެން ރަނގަޅު ކުޅުމެއް ދައްކަން ޖެހޭނެ ކަމަށެވެ.