07 Apr 2016, 11:03
މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމާ ހަވާލުވެވަޑައިގެންނެވި ޕެޓްރީޝާ ސްކޮޓްލެންޑާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާއިޝަތު އާޒިމާ ޝަކޫރު އިނގިރޭސި ވިލާތަށް ވަޑައިގެންފި އެވެ.
އާޒިމާ، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލާ ބައްދަލުކުރައްވަން ވަޑައިގަތީ، ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބެއްގެ ގޮތުންނެވެ.
ޕެޓްރީޝާ ސްކޮޓްލެންޑަކީ ދިވެހި ރާއްޖެއާ ގާތް ބޭފުޅެކެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު ވެއްޓި، ރައީސް ޑރ. މުހައްމަދު ވަހީދު ވެރިކަން ކުރެއްވި އިރު ރާއްޖެ އަށް ކޮމަންވެލްތުން ކުރިމަތިކުރަމުން ދިޔަ ފިއްތުންތަކާ ގުޅިގެން ދިވެހި ރާއްޖެ އަށް ޕެޓްރީޝާ ގާނޫނީ ލަފާ ދެއްވި އިރު، ރާއްޖޭގެ ބަންޑާރަ ނައިބުކަން ކުރެއްވީ އާޒިމާ އެވެ.
މީގެ އިތުރުން، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ އދ.ގެ ވޯކިންގް ގްރޫޕު އޮން އާބިޓްރަރީ ޑިޓެންޝަނުން ބަލަމުން ދިޔަ އިރު، ދިވެހި ސަރުކާރަށް ގާނޫނީ ލަފާ ދެއްވި އިނގިރޭސި ވިލާތުގެ އޮމްނިއާ ސްޓްރެޓަޖީ ލޯ ފާމްއަށް ލަފާ ދިނުމުގެ ކައުންސިލުގައި ޕެޓްރީޝާ ސްކޮޓްލެންޑު ހިމެނިވަޑައިގެންނެވި އެވެ.
ކޮމަންވެލްތު ސެކްރެޓަރީ ޖެނެރަލްގެ މަގާމާ ޕެޓްރީޝާ ހަވާލުވެވަޑައިގެންފައި ވަނީ، މި އަހަރުގެ އޭޕްރިލް މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. ނަމަވެސް ރަސްމީކޮށް ޕެޓްރީޝާ އެ މަގާމާ ހަވާލުވެވަޑައިގަތީ މިދިޔަ ހޯމަ ދުވަހު ލަންޑަނުގައި ހުންނަ ކޮމަންވެލްތު އޮފީހުގައި އޮތް ރަސްމިއްޔާތެއްގަ އެވެ.