އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲގެ މައްޗަށް އިއްވާފައިވާ 12 އަހަރުގެ ޖަލުހުކުމުގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް މިއަދު ހައިކޯޓުން ނިންމާލައިފި އެވެ.

މިދިޔަ އަހަރުގެ މެއި މަހުގެ އެއް ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގައި ދެއްކެވި ވާހަކަތަކަކާ ގުޅިގެން ޓެރަރިޒަމްގެ ކުށުގައި އިމްރާން 12 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް އިއްވީ މިދިޔަ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.

އެ މައްސަލަ އިމްރާނުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރި އިރު 12 ނުކުތާއެއް ވަނީ ފާހަގަކޮށްފަ އެވެ.

އެމައްސަލާގައި އެންމެ ފުރަތަމަ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ދެއްކި ވާހަކަތަކާ ގުޅިގެން އިމްރާނުގެ ވަކީލުން ޖަވާބު ދެމުން ވިދާޅުވީ ފުލުހުން ބަންދުކުރި ސަރަހައްދަށް ބަޔަކު ވަނީ އިމްރާން އަބްދުﷲ ވިދާޅުވެގެންކަން ސާބިތުވަނީ ކީއްވެގެންކަން ކްރިމިނަލް ކޯޓުގައި މައްސަލަ ބެލި ގާޒީގެ ހުކުމުގައި ފާހަގަކޮށްފައި ނުވާ ކަމަށެވެ.

އެއްވެސް ހާލެއްގައި ފުލުހެއްގައިގައި ޖަހަން އިމްރާން ވިދާޅުވެފައި ނުވާނެ ކަމަށް އޭނާގެ ވަކީލު އަލީ ޒާހިރު ވިދާޅުވި އެވެ. އަދި ވިދާޅުވީ މޭ 1 ވަނަ ދުވަހު އަދާލަތު ޕާޓީ އިން އިސްނަގައިގެން ބޭއްވި އެއްވުމުގައި ސަރުކާރުން ކުރާ ކަންކަމުގެ ވާހަކަ ދެއްކުމަކީ ޓެރަރިޒަމްގެ އަމަލަކަށް ނުވާ ކަމަށެވެ.

ނަމަވެސް ޓެރަރިޒަމްގެ ދައުވާ ފަދަ "ހަރުކަށި" ދައުވާއެއް އިމްރާންގެ މައްޗަށް އުފުލާފައި ވަނީ ރާވައިގެން ހަރުކަށި އަދަބެއް ދޭން ކަމަށް އަލީ ޒާހިރު ވިދާޅުވި އެވެ. އަދި މީގެ ކުރިން ވެސް އެއްވުންތަކާއި މުޒާހަރާތަކުގައި އަނިޔާވެރިކަމަށް ހިތްވަރު ލިބޭ ގޮތަށް މީހުން ވާހަކަ ދައްކާފައިވާ ކަމަށާއި ސިފައިންގޭގައި ހަރުގަނޑު ބަހައްޓައިގެން އަރަން ވެސް މީހަކު އުޅުނު ކަން ފާހަގަކޮށް އަލީ ޒާހިރު ވިދާޅުވީ އެމީހުންގެ މައްޗަށް ވެސް ޓެރަރިޒަމްގެ ދައުވާ އުފުލާފައިނުވާ ކަމަށެވެ.

ސުލްހަވެރިކަމާ އެކު ކުރިއަށް ގެންދިއުމަށް އަދާތު ޕާޓީ އިން އިސްނަގައިގެން ބޭއްވި އެއްވުމެއްގައި ހަމަނުޖެހުން އުފެއްދުމުން ޕާޓީގެ ރައީސަށް އެމީހުން ހުއްޓުވަން ވަކިވަކިން ގޮސް އެގަޑީގައި ވާހަކަ ދައްކާ ނުހެދޭނެ ކަމަށް ވެސް އަލީ ޒާހިރު ވަނީ ވިދާޅުވެފަ އެވެ.

އިމްރާނުގެ ފަރާތުން ދެއްކި ވާހަކަތަކާ ގުޅިގެން ދައުލަތުގެ ވަކީލާ ވިދާޅުވީ އެ މައްސަލާގައި ދައުލަތުން ހުށަހެޅި ޖަވާބު ފޯމުގައި ހުރިހާ ވާހަކައެއް ހުށަހަޅާފައިވާނެ ކަމަށާއި މިއަދު އިމްރާންގެ ފަރާތުން އާ ވާހަކައެއް ދައްކާފައި ނުވާތީ އިތުރު ވާހަކައެއް ދައްކަން ނެތް ކަމަށެވެ.

މައްސަލަ ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވާ އިސް ފަނޑިޔާރު ސުޖާއު އުސްމާނު ވިދާޅުވީ މައްސަލާގައި އިތުރުކަމެއް ސާފުކުރަން ނެތް ނަމަ ދެން އޮންނާނީ މައްސަލައިގެ ހުކުމް ކުރުމަށް ބާއްވާ ޝަރީއަތުގެ މަޖިލީސް ކަމަށެވެ.

ފަނޑިޔާރު ސުޖާއު އުސްމާނު އިސްފަނޑިޔާރުކަން ކުރައްވާ އެމައްސަލައިގެ ބެންޗުގައި ދެން ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ ހަމީދު އެވެ.