ލިފްޓް ބޭނުން ކުރުމުގެ ބަދަލުގައި ހިނގާފައި ސިޑި ބޭނުންކޮށްގެން އިމާރާތްތަކުގެ މަތީ ފަންގިފިލާތަކަށް އެރުމަށް ހާއްސަ ކެމްޕޭނެއް ހެލްތު މިނިސްޓްރީން މިއަދު ފަށައިފި އެވެ.

ދުނިޔޭގެ ސިއްހަތު ދުވަހުގެ މި އަހަރުގެ ޝިއާރަކީ "ރައްކާތެރިވަމާ، ފަރުވާކުރަމާ، ހަކުރުބަލީގެ މައްޗަށް ކުރިހޯދަމާ" އެވެ.

މިއަދު ފެށި ކެމްޕޭނަކީ ދުނިޔޭގެ ސިއްހަތު ދުވަހުގެ މުނާސަބަތުގައި ހަކުރުބަލި މަދުކޮށް މީހުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބާރުއެޅުމުގެ ގޮތުން ހެލްތު މިނިސްޓްރީ އިން އިސްނަގައިގެން ފެށި ކެމްޕޭނެކެވެ.

އެ ކެމްޕޭން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑަބްލިޔުއެޗްއޯ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ވިންވާތުރު ވިދާޅުވީ، ހަކުރުބަލީގެ ޝިކާރައަކަށްވެ، ދުނިޔެ އިން ކޮންމެ އަހަރަކު ވެސް މަރުވާ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ ހަކރުބަލިން ސަލާމަތްވުމަކީ މީހާގެ އުޅުމަށް ގެންނަ ކުޑަ ބަދަލަކުން ވެސް ފަސޭހައިން ކުރެވިދާނެ ކަމެއް ކަމަށެވެ.

"މިސާލަކަށް ކަރުހިއްކާލާ އިރަށް ފިހާރައަކުން ކޮންމެވެސް ޕެކެޓެއް ނޫނީ އެހެން އެއްޗެއް ގަތުމުގެ ބަދަލުގައި ފެން ބޯލުން. އަވަހަށް ދެވޭ ތަންތަނަށް ހިނގާފައި ދިއުން މި ހުންނަނީ މިފަދަ ކުދިކުދި ކަންކަމުން ވެސް އަހަރުމެންގެ ސިއްހަތަށް ނުހަނު ފައިދާ ކުރާނެ ކަންކަން،" ޑަބްލިޔުއެޗްއޯ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވިދާޅުވި އެވެ.

ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވީ، ދުނިޔޭގެ ނިސްބަތުން ބަލާ އިރު ގާތްގަނޑަކަށް އަށް ޕަސެންޓް މީހުން ކޮންމެ އަހަރަކު ވެސް މަރުވަނީ ހަކުރުބަލީގެ ސަބަބުން ކަމަށެވެ. އަދި ރާއްޖެ އަށް ބަލާއިރު ނުވަވަނަ އަށް މީހުން އެންމެ ގިނައިން މަރުވަނީ ހަކުރުބަލީގައި ކަމަށެވެ.

އެހެންކަމުން މިއަދުގެ ކެމްޕޭނުގެ މައިގަނޑު ބޭނުމަކީ، ހަކުރުބައްޔަށް މީހުން ހޭލުންތެރިކޮށް އެ ބަލި ރާއްޖެ އިން ނައްތާލުމުގައި މީހުންގެ ބައިވެރިވުން އިތުރުކުރުން ކަމަށެވެ.

މިއަދުގެ ކެމްޕޭން ފެށުމުގެ ގޮތުން ހެލްތު މިނިސްޓްރީގެ ހުރިހާ މުވައްޒަފުން ވަނީ ސިޑި ބޭނުންކޮށްގެން ހެލްތު މިނިސްޓްރީ ހިންގާ އިމާރާތުގެ އަށް ވަނަ ފަންގިފިލާ އަށް އަރައިފަ އެވެ.