ދިވެހި ރެޑް ކްރެސެންޓުގެ ފަރާތުން ރާއްޖޭގެ އަތޮޅުތެރޭގައި ހިންގާ ހަރަކާތްތައް ހިންގުމަށް، އަތޮޅުތެރެއަށް ވައިގެ މަގުން ކުރާ ދަތުރުތައް ޚާއްސަ އަގުތަކެއްގައި ފޯރުކޮށްދިނުމަށް އައިލެންޑް އޭވިއޭޝަނުން އެއްބަސްވެއްޖެ އެވެ.

މިކަމަށްޓަކައި އިއްޔެ، ދިވެހި ރެޑް ކްރެސެންޓާއި އައިލެންޑް އޭވިއޭޝަންއާ ދެމެދު ވެވުނު އެއްބަސްވުމުގައި ސޮއި ކުރެއްވީ ރެޑް ކްރެސެންޓުގެ ސެކްރެޓަރީ ޖެނެރަލް އަބްދުލްރައްޒާގު އިބްރާހީމާއި، އައިލެންޑް އޭވިއޭޝަނުގެ ހެޑް އޮފް ކޮމާޝަލް އައިމިނަތު ސަމީހާ އެވެ.

މި އެއްބަސްވުމުގެ ދަށުން، ރެޑް ކްރެސެންޓުން އަތޮޅުތެރޭގައި ހަރަކާތްތައް ހިންގުމަށް ކުރާ ދަތުރުތަކަށް ޚާއްސަ ހެޔޮ އަގުތަކެއް އައިލެންޑް އޭވިއޭޝަނުން ހިންގާ ދިވެހި ގައުމީ އެއާލައިން މޯލްޑިވިއަންގައި ކޮށްދޭނެ އެވެ.

ރެޑް ކްރެސެންޓުން ބުނީ، މި އެއްބަސްވުމުގެ ސަބަބުން އައިލެންޑް އޭވިއޭޝަން ވެގެން ދަނީ، ރާއްޖެއިން ވަސީލަތްތައް ހޯދައިގެން އިންސާނީ ޚިދުމަތް ފޯރުކޮށްދިނުމަށް ރެޑް ކްރެސެންޓުން ކުރަމުންދާ މަސައްކަތްތަކަށް އިތުރުވެގެން ދިޔަ ބައިވެރިއަކަށް ކަމަށާއި، މީގެ ކުރިން ވެސް ރެޑް ކްރެސެންޓާ ގުޅިގެން އެ ކުންފުނިން މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

އެގޮތުން، 2012 ވަނަ އަހަރު ހަމައެކަނި އަންހެން ކްރޫއިން ހިމަނައިގެން މޯލްޑިވިއަންއިން ކުރި ދަތުރެއްގައި ލިބުނު ހުރިހާ ފައިސާއެއް ރެޑް ކްރެސެންޓަށް ހަދިޔާ ކުރި ކަން އެ ޖަމިއްޔާއިން ފާހަގަ ކުރެ އެވެ.