އައިސްލެންޑުގެ ބޮޑުވަޒީރު ސިގްމަންޑު ޑޭވިޑް ގުންލާގްސަން އިސްތިއުފާ ދެއްވުމާ ގުޅިގެން، އެގައުމުން އާ ބޮޑުވަޒީރަކު އައްޔަނު ކޮށްފި އެވެ.

މި ހަފްތާގައި ޕެނަމާގެ ލޯ ފާރމް މޮސެކް ފޮންސެކާގެ ސިއްރު ޑޮކިއުމެންޓުތަކެއް ލީކުވެ، ގުންލާގްސަންއާއި އޭނާގެ އަންހެނުން ޓެކްސްއަށް މަކަރު ހެދުމަށް ދުނިޔޭގެ އެހެން ގައުމެއްގައި ސިއްރު ކުންފުނިތަކެއް ގެންގުޅޭ ކަން ހާމަވުމުގެ ސަބަބުން އެ ގައުމުގެ ގިނަ އަދަދެއްގެ ރައްޔިތުން އޭނާއާ ދެކޮޅަށް މުޒާހަރާ ކުރަމުން ދާ ދަނޑިވަޅެއްގަ އެވެ.

އާ ބޮޑުވަޒީރެއްގެ ގޮތުގައި، އައިސްލެންޑުގައި ވެރިކަން ކުރާ ޕާޓީ އިން ކަނޑައަޅާފައި ވަނީ، އިސްތިއުފާ ދެއްވި ބޮޑުވަޒީރުގެ ކެބިނެޓުގައި ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރުގެ ގޮތުގައި ހުންނެވި ސިގަރޑު އިންގީ ޖޮހެންސަން އެވެ.

މޮސެކް ފޮންސެކާގެ ޑޮކިއުމެންޓުތައް ލީކު ވެ، ސިޔާސީ ހަމަނުޖެހުންތަކެއް އައިސްލެންޑުގައި ފެށުމާ އެކު، އޭރުގެ ބޮޑުވަޒީރު ގުންލާގްސަން ވަނީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީސް އުވާލައި، އާ އިންތިޚާބެއް ބޭއްވުމަށް އެދި އެގައުމުގެ ރައީސަށް ހުށަހަޅާފަ އެވެ. ނަމަވެސް އެ ގައުމުގެ ރައީސް އެކަމާ އެއްބަސްވެވަޑައި ނުގަތެވެ.

އެހެން ނަމަވެސް، އާ ބޮޑުވަޒީރު ޖޮހެންސަން އިއްޔެ ވިދާޅުވީ، މި އަހަރުގެ ސެޕްޓެމްބަރު މަހާއި ޑިސެމްބަރު މަހާ ދެމެދު އާންމު އިންތިޚާބު އަލުން ބާއްވާނެ ކަމަށެވެ.

"މިދިޔަ ތިން އަހަރު ދުވަހު މި ޕާޓީ އިން މިގައުމުގައި ކޮށްދިން ހެޔޮ ވެރިކަމާއި، ރަނގަޅު މަސައްކަތްތައް މި ދައުރު ނިމެންދެން ކޮށްދޭނަން،" އައިސްލެންޑުގެ ބޮޑުވަޒީރު ޖޮހެންސަން ވިދާޅުވި އެވެ.