07 Apr 2016, 10:26
ވޯލްޑް ހެލްތު އޯގަނައިޒޭޝަން [ޑަބްލިއުއެޗްއޯ]އިން ކޮންމެ އަހަރެއްގެ އޭޕްރިލް މަހުގެ ހަތް ވަނަ ދުވަހު ފާހަގަ ކުރާ ދުނިޔޭގެ ސިއްހަތު ދުވަސް މިއަހަރު ހާއްސަކޮށްފައި ވަނީ ޑައިބެޓީސް ނުވަތަ ހަކުރު ބައްޔާ ބެހޭ ގޮތުން އާއްމުން ހޭލުންތެރި ކުރުވުމަށެވެ.
މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ސިއްހަތު ދުވަހުގެ ޝިއާރަކީ "ރައްކާތެރިވަމާ، ފަރުވާކުރަމާ، ހަކުރުބަލީގެ މައްޗަށް ކުރިހޯދަމާ!"އެވެ.
ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޑަބްލިއުއެޗްއޯއިން މިއަހަރު އާއްމު ކުރި ރިޕޯޓުގައި އެޖަމިއްޔާއިން ވަނީ ހަކުރު ބަލި ޖެހޭ މީހުންގެ އަދަދު މަދު ކުރުމާއި އެބަލި ޖެހިފައިވާ މީހުންނަށް ދޭ ފަރުވާ ރަނގަޅު ކުރުމުގެ މުހިއްމު ކަމަށް އަލިއަޅުވާލާފަ އެވެ.
ޑަބްލިއުއެޗްއޯގެ ރިޕޯޓުގައިވާ ގޮތުން ދުނިޔޭގެ އާބާދީގެ 422 މިލިއަން މީހުންނަށް ވަނީ ހަކުރު ބަލި ޖެހިފަ އެވެ. އޭގެ ތެރޭގައި ގިނައީ ތަރައްގީވަމުން އަންނަ ގައުމުތަކަށް ނިސްބަތްވާ ގައުމުތަކުގެ ރައްޔިތުންނެވެ.
އިންސާނާގެ ލޭގައި ހުންނަންވާ ވަރަށް ވުރެ އިތުރަށް ހަކުރު ހުރުމުން ފާހަގަ ކުރެވޭ ބައްޔެއް ކަމަށްވާ، ހަކުރު ބަލި ޖެހެނީ ދެ މައްސަލައެއްގެ ސަބަބުންނެވެ. އެއީ ލޭގެ ހަކުރު ހުންނަ މިންވަރު ރެގިއުލޭޓް ކުރާ ހޯމޯން، އިންސިއުލިން ހަށިގަނޑަށް ބޭނުންވާ މިންވަރަށް އުފެއްދުމަށް ޗިސްމޭ ނުވަތަ ޕެންކްރިއަސްއަށް ނުކުޅެދުމުން ނުވަތަ އިންސިއުލިން އުފެއްދި ނަމަވެސް އޭގެ ބޭނުން ނުކުރެވުމުގެ ސަބަބުންނެވެ.
ހަކުރު ބައްޔާ ބެހޭ ގޮތުން ޑަބްލިއުއެޗްއޯ އިން ނެރުނު ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި:
ދުނިޔޭގެ ހުރިހާ ސަރަހައްދެއްގައި ހަކުރު ބަލި ޖެހިފައިވާ މީހުންނާއި ބަލި ޖެހޭ މީހުންގެ އަދަދު ދަނީ އިތުރުވަމުން. ނަވާރަސަތޭކައަށްޑިހަ ވަނަ އަހަރު ހަކުރު ބަލި ހުރީ ދުނިޔޭގެ އާބާދީގެ 4.7 ޕަސެންޓު މީހުންގެ ގައިގައި. އެއާ އަޅައިބަލާއިރު 2014 ވަނަ އަހަރު ހަކުރު ބަލި ޖެހިފައިވާ މީހުންގެ ނިސްބަތްވަނީ 8.5 ޕަސެންޓަށް އިތުރުވެފައި.
- ދުނިޔޭގެ އާބާދީގެ އަށާރަ އަހަރު ފުރިފައިވާ މީހުންގެ ތެރެއިން، ކޮންމެ ތިން މީހުންގެ ތެރެއިން އެކަކުގެ ބަރުދަން 2014 ވަނަ އަހަރު ހުރީ ހުންނަންވާ ވަރަށް ވުރެ އިތުރަށް. އަދި ކޮންމެ 10 މީހުންގެ ތެރެއިން އެކެއް ނުވަތަ އެއަށް ވުރެ ގިނަ މީހުން ވަނީ ސިއްހަތަށް ނުރައްކާވާ ވަރަށް ފަލަވެފައި
- ހަކުރު ބަލި ޖެހިފައިވާ މީހުންގެ ހިތް ހުއްޓުމާއި ސްޓްރޯކް ޖެހުމާއި ލޯ އަނދިރިވުމާއި ކިޑްނީ ފެއިލް ވުމާއި ފައިގެ ބައެއް ބުރިކޮށްލަން ޖެހުމުގެ ނުރައްކާ އިތުރު. މިސާލަކަށް، ސިއްހީ މައްސަލައެއްގެ ސަބަބުން ފައިގެ ބައެއް ބުރިކޮށްލަން ޖެހޭ މީހުންގެ ތެރޭގައި ހަކުރު ބަލި ހުންނަ މީހުންގެ އަދަދު 10 ނުވަތަ 20 ގުނައަށް އިތުރު.
- ހަކުރު ބަލީގެ ސަބަބުން 2012 ވަނަ އަހަރު އެކަނިވެސް 1.5 މިލިއަން މީހުން މަރުވި. އަދި ލޭގައި ހުންނަންވާ ވަރަށް އިތުރަށް ހަކުރު ހުރުމުގެ ސަބަބުން ހިތުގެ ބަލިތައް ފަދަ ބަލިތައް ޖެހުމުގެ ސަބަބުން 2.2 މިލިއަން މީހުން މަރުވި.
- ހަކުރު ބަލީގެ ސަބަބުން މަރުވާ މީހުންގެ ތެރެއިން ގިނަ މީހުން (43 ޕަސެންޓު މީހުން) އުމުރުން 70 އަހަރު ނުވަނީސް މަރުވޭ.
ހަކުރު ބަލި އިތުރުވުން ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތަކުގެ ގޮތުގައި ޑަބްލިއުއެޗްއޯއިން ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި، ދުޅަހެޔޮ ދިރިއުޅުމަކަށް ހިތްވަރުދޭ މާހައުލެއް ގާއިމުކުރުމާއި، ބަލި މީހުން ނަފްސަށް ރައްކާތެރިވާނެ ގޮތްތަކާ ބެހޭގޮތުން ހޭލުންތެރި ކުރުވުމާއި، ބަލި އިތުރަށް ގޯސްވުމުގެ ކުރިން ފަރުވާ ހޯދުން އަދި ހަކުރު ބަލި ނުހުންނަ މީހުން ގަވާއިދުން ބައްޔަށް ޓެސްޓު ކުރުން ހިމެނެ އެވެ.