ކުރިއަށްއޮތް 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަ ކުރާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.

މެޓް އޮފީހުގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ، ކުރިއަށްއޮތް 24 ގަޑިއިރު ތެރޭ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭއިރު ބޮޑަށް ބެލެވެނީ ވިއްސާރަކުރާނީ ދެކުނުގެ ބައެއް އަތޮޅުތަކަށް ކަމަށެވެ.

އެގޮތުން ދެކުނުގެ ބައެއް އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނޭ ކަމަށް ބެލެވޭ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ދެކުނުގެ އިތުރުން މެދު ރާއްޖެ ތެރެއާއި އުތުރުގެ ބައެއް ހިސާބުތަކަށް ކޮންމެވެސް ވަރަކަށް ވިއްސާރައިގެ އަސަރުކުރާނެ ކަމަށް ބެލެވޭއިރު ޖުމުލަކޮށް މޫސުން ރަނގަޅުކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މުޅި ރާއްޖެއަށްވެސް ވައިޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު ތިން މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނެއްގައި ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

ކެރީގެ އަސަރު ކުރިނަމަވެސް މޭމަހުގެ 22 އާއި ހަމައަށް ހޫނު ވާނެކަމަށް ލަފާ ކުރެވޭ ކަމަށް މެޓް އޮފީހުން މައުލޫމާތުދެއެވެ. މި މަހުގެ ތެރޭގައި ރާއްޖޭގެ ހޫނުމިން 34 ޑިގްރީ ސެލްސިއަސް އަށް އަރައިގެންދާނެ ކަމަށްވެސް މެޓްއޮފީހުން ލަފާކުރެއެވެ.

މެޓް އޮފީހުން ބުނެފައި ވަނީ ފަހަކަށް އައިސް ހޫނުމިން މައްޗަށް ދިއުމާއި އެލްނިނޯ ބާރުގަދަވުމަކީ ވިހަގޭހުގެ ސަބަބުން ޖައްވު ހޫނުވުމާއި ކަނޑުގެ ލޮނުގަނޑު އުފުލުން ފަދަ މޫސުމީ ބަދަލުތަކާ ގުޅިގެން ދިމާވާ ކަންކަން ކަމަށެވެ.