07 Apr 2016, 09:46
ޔުއެފާ ޗެމްޕިއަންސް ލީގްގެ ކުއާޓާ ފައިނަލްގައި ރޭ ޖަރުމަނުގެ ވުލްފްސްބާގް 2-0ގެ ނަތީޖާ އަކުން ރެއާލްމެޑްރިޑްގެ މައްޗަށް ކުރި ހޯދައި އެ ޓީމް ސިއްސުވާލައިފި އެވެ.
ވުލްފްސްބާގްގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗުގެ ފުރަތަމަ ހާފްގައި އެޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އިރު، މެޗުގެ 18 ވަނަ މިނެޓްގައި ވުލްފްސްބާގްއަށް ލިބުނު ޕެނަލްޓީއެއްގައި ރިކާޑޯ ރޮޑްރިގޭޒް ވަނީ އެ ޓީމަށް މެޗުގެ ލީޑުނަގާފަ އެވެ.
ޖަރުމަނު ލީގްގެ އަށް ވަނާގައި އޮތް ވުލްފްސްބާގް އިން ރެއާލް ކޮޅަށް ޖެހި ދެވަނަ ގޯލު މެޗުގެ 25 ވަނަ މިނެޓްގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ މެކްސިމިލިއަން އާނޯލްޑް އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގްގެ ކުއާޓާ ފައިނަލްގައި ރޭ ޖަރުމަނުގެ ވުލްފްސްބާގް އާއި ރެއާލް މެޑްރިޑް ކުޅުނު މެޗުގައި ރޮނާލްޑޯ އަތުން ބޯޅަ ހޯދުމަށް ވުލްފްސްބާގް ކުޅުންތެރިން މަސަތްކަތް ކުރަނީ --- ފޮޓޯ: އޭޕީ
ފުރަތަމަ ހާފްގައި ވުލްފްސްބާގް އިން ދެ ގޯލުގެ ލީޑެއް ނަގާފައިވާ އިރު ރެއާލް އަށް ވަނީ އެކަށީގެންވާ ރަނގަޅު ކުޅުމެއް ދެއްކޭ ގޮތް ނުވެފަ އެވެ. ނަމަވެސް ދެވަނަ ހާފްގައި އެޓީމުން ވަނީ ކުޅުން ރަނގަޅުކޮށް ވުލްފްސްބާގްގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ. އެގޮތުން ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ގެރެތް ބޭލްއަށް ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް ގޯލަކަށް ހަދާލެވޭގޮތެއް ނުވި އެވެ.
އެ ހާފުގައި ވުލްފްސްބާގްއިން ޑިފެންސިވް ކުޅުމެއް ކުޅުނު ނަމަވެސް، އެޓީމަށް ވެސް ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފަ އެވެ.
އެންމެ ފަހުން ރެއާލް މެޑްރިޑް ޗެމްޕިއަންސް ލީގް ކުއާޓާ ފައިނަލް މެޗަކުން ދެ ގޯލުގެ ތަފާތުން ބަލިވެފައި ވަނީ 2014 ވަނަ އަހަރު ޖަރުމަނުގެ ބްރޫޝިއާޑޯޓްމަންޑް އަތުންނެވެ. އަދި މިއީ ވުލްފްސްބާގް އިން މި މުބާރާތުގައި ޖެހިޖެހިގެން ކާމިޔާބު ކުރި ފަސް ވަނަ މެޗެވެ.

ޔުއެފާ ޗެމްޕިއަންސް ލީގްގެ ކުއާޓާ ފައިނަލްގައި ރޭ ޖަރުމަނުގެ ވުލްފްސްބާގް އާއި ރެއާލް މެޑްރިޑް ކުޅުނު މެޗުގައި ރެއާލްގެ ޓޯނީ ކުރޫސް ބޯޅަ ހިފައިގެން ދަނީ --- ފޮޓޯ: އޭޕީ
މެޗަށް ފަހު ވާހަކަ ދައްކަމުން ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާން ބުނީ އެ މެޗުގައި ނަތީޖާ ނިކުތީ އެންމެން ވެސް ގަބޫލުކޮށްގެން ހުރި ގޮތާ ހިލާފަށް ކަމަށާއި ފްޓްބޯޅައަކީ ކޮންމެ ފަދަ ނަތީޖާ އެއްވެސް ނިކުމެދާނެ ކުޅިވަރެއް ކަމަށެވެ.
"އަހަރެން އެއްވެސް ވަރަކަށް ހިތް ހަމައެއް ނުޖެހޭ މި ގޭމް ދިޔަ ގޮތަކާ މެދު ހާއްސަކޮށް ފުރަތަމަ ހާފް. އެންމެ ބޮޑު މައްސަލައެއް ދިމާވީ ފުރަތަމަ ހާފްގައި އެކަށީގެންވާ ރަނގަޅު ކުޅުމެއް ނުދެއްކުމުން،"
ޒިދާން ބުނީ ރޭގެ މެޗުން ބަލިވި ނަމަވެސް އަދިވެސް އެ ޓީމަށް ފުރުސަތު ނުގެއްލޭ ކަމަށާއި ދެވަނަ ލެގްގެ މެޗު ކާމިޔާބް ކޮށް މުބާރާތުގައި ކުރިއަށް ދެވޭނެ ކަމުގެ ޔަގީން ކަން އެބައޮތް ކަމަށެވެ.
ޗެމްޕިއަންސް ލީގްގައި ފައިނަލްގައި މިހާތަނަށް 13 ފަހަރު ކުޅެ 10 ތަށި ކާމިޔާބުކޮށް އެންމެ ކާމިޔާބު ޓީމުގެ ގޮތުގައި އޮތް ރެއާލް އަށް އެ މުބާރާތުގައި އިތުރަށް ކުރިއަށް ދެވޭނީ އަންނަ ހަފްތާ ބުދަ ދުވަހުގެ ރޭ ރެއާލްގެ ސެންތިއާގޯ ބާނަބިއުގައި ކުޅޭ މެޗު ތިން ގޯލުގެ ތަފާތުން ކާމިޔާބް ކޮށްގެންނެވެ.