07 Apr 2016, 08:57
ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި ހޭނައްތާ އިންޖެކްޝަނެއް ޖަހައިގެން އޮޕަރޭޝަނެއް ކުރުމުން، ހޭނާރައިގެން މާލެ ގެނައި އެ ރަށު ގުލްއަލާގެ، މަސީހާ އަބޫބަކުރު، 39. މިއަދު ހެނދުނުގެ ވަގުތެއްގައި ނިޔާވެއްޖެ އެވެ.
އޭނާ ނިޔާވެފައި ވަނީ ހޭނާރާ އޮންނަތާ 24 ދުވަސްފަހުން ނެވެ.
އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލު "ސަން" އަށް މިއަދު ވިދާޅުވީ، މަސީހާ ނިޔާވީ މިއަދު ހެނދުނު 6:10 އެހާކަށްހާއިރު ކަމަށެވެ.
މިދިޔަ އާދިއްތަ ދުވަހު ޑޮކްޓަރުންނާއި ހަވާލާ ދެއްވައި އައިޖީއެމްއެޗުން ބުނީ މަސީހާގެ ސިކުނޑި އެއްވެސް ގޮތަކަށް މަސައްކަތް ނުކުރާ ކަމަށެވެ.
މަސީހާ މިދިޔަ މަހުގެ 14 ވަނަ ދުވަހުގެ ރޭ މާލެ ގެނައީ ކުޑަ އޮޕަރޭޝަނެއް ކުރުމަށް ހޭނެއްތުމަށް ފަހު ހޭ ނާރައި ގިނަ އިރުވެގެން އިމަޖެންސީކޮށެވެ.
މަސީހާގެ ބޭބެ އިބްރާހިމް ޒަކީ، 54، ބުނީ އޭނާ އޮޕަރޭޝަން ކުރަންޖެހުނީ ކިހިލިފަތްދޮށުގައި ގަނޑެއްލާފައި ހުރުމުން ކަމަށެވެ.