ހަކުރު ބައްޔަކީ ދުނިޔޭގެ ގިނަ ބަޔަކު ތަހައްމަލު ކުރަން ޖެހިފައިވާ ސިއްހީ ހާލަތެކެވެ. އަދި ކޮންމެ އަހަރަކު ވެސް އެތައް ބަޔަކު މި ބަލީގެ ސަބަބުން މަރުވެ ދެ އެވެ.

މިއަހަރުގެ ދުނިޔޭގެ ސިއްހަތު ދުވަހުގެ ޝިއާރު ބިނާވަނީ ހަކުރު ބައްޔަށެވެ. މި ޝިއާރު އަހަރެމެންނަށް އިރުޝާދު ދެނީ، ހަކުރުބައްޔަށް ފަރުވާކޮށް، ރައްކާތެރިވެ، އެ ބަލީގެ މައްޗަށް އަހަރެމެން ގަދަވެގަތުމަށެވެ. ކުރަންވީ ކަމަކީ ވެސް އެއީ އެވެ.

ހަކުރު ބަލި ޖެހިފައިވާ ގާތްގަނޑަކަށް 422 މިލިޔަން މީހުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެބަ ތިއްބެވެ. މިދިޔަ 30 އަހަރު ތެރޭގައި، ހަކުރު ބަލި ހުންނަ މީހުން ދުނިޔޭގައި ދިޔައީ އަހަރަކުން އަހަރަކަށް އަތުރު ވަމުންނެވެ. ހަކުރު ބަލި ހުންނަ މީހުން ގިނައީ، ތަރައްގީ ވެފައިވާ ގައުމުތަކަށް ވުރެ ބޮޑަށް، ތަރައްގީ ވަމުން އަންނަ ގައުމުތަކުގައި ކަން، ތަފާސް ހިސާބުތަކާއި ޓްރެންޑުތަކުން ދައްކަ އެވެ.

ހަކުރު ބައްޔަކީ ނުރައްކާތެރި ބައްޔެކެވެ. ދުނިޔޭގައި މީހުން އެންމެ ގިނައިން މަރުވާ އެއް ސަބަބެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުން 2012 ވަނަ އަހަރު އެކަނި ވެސް، ހަކުރު ބައްޔާއި ގުޅިގެން 1.5 މިލިޔަން މީހުން މަރުވި އެވެ. ހަމަ އެ އަހަރު، ލޭގައި ހުންނަން ޖެހޭ ވަރަށް ވުރެ ގިނައިން ހަކުރު ހުރުމުގެ ސަބަބުން ހިތުގެ ބައްޔާއި އެހެނިހެން ސިއްހީ ހާލަތްތައް ދިމާވެގެން 2.2 މިލިޔަން މީހަކު މަރުވި އެވެ.

ހަކުރު ބަލީގެ ދެ ވައްތަރެއް ހުރެ އެވެ. ފުރަތަމަ ވައްތަރު ނުވަތަޓައިޕް ވަން ޑައިބިޓީސްއަކީ، ހަށިގަނޑުން އިންސިއުލިން ބޭނުންވާ ވަރަށް ނުއުފެއްދުމުގެ ސަބަބުން ދިމާވާ ހާލަތެވެ. ދެވަނަ ވައްތަރު، ނުވަތަޓައިޕް ޓޫ ޑައިބިޓީސްއަކީ، ރައްކާތެރިވެ، ފަރުވާ ކޮށްގެން ބަލި ކޮށްލުމަށް ފަސޭހަ ވައްތަރެވެ. މި ހާލަތު ދިމާވަނީ ހަށިގަނޑު މާ ބޮޑަށް ފަލަވެ، ބަރުދަން ހުންނަން ޖެހޭ ވަރަށް ވުރެ އިތުރުވެ، ހެލިފެލިވެ އުޅުން މަދު ވުމާއި ގުޅިގެން، ހަށިގަނޑުން އުފައްދާ އިންސިއުލިން ބޭނުން ނުކުރެވޭތީ އެވެ. ހަކުރު ބަލީގެ އެންމެ އާންމު ވައްތަރަކީ ޓައިޕް ޓޫ ޑައިބިޓީސް އެވެ.

ޓައިޕް ޓޫ ޑައިބިޓީސް، ޓައިޕް ވަންއަށް ވުރެ އާންމު އިރު، ހަށިގަނޑުގެ ބޮޑީ މާސް އިންޑެކްސް (ބީއެމްއައި)އާއި އުނަގަނޑުގެ ވަށަމިން އިތުރުވުން، މި ބައްޔާއި ގުޅިގެން ހިނގާ ބައެއް ކަންކަމެވެ. ޚާއްސަކޮށް، އޯވަރވެއިޓްވެ، ހެލިފެލިވެ ނޫޅޭ ކުޑަކުދިންނަށް މި ބަލި ޖެހުމުގެ ފުރުސަތު އޮވެ އެވެ.

ހަކުރު ބައްޔަކީ ދުނިޔޭގައި މީހުން އެބައްޔެއްގައި މަރުވާ އެންމެ އާންމު އެއް ބައްޔަށް ވާ އިރު، ހަކުރު ބަލި ޖެހިފައިވާކަން އެނގި، އެ ބަލި ކޮންޓްރޯލު ކޮށްފި މީހަކު ދުނިޔޭގައި ގިނަ ދުވަހު، ފުރިހަމަ ސިއްހަތުގައި ދިރިއުޅެވުމުގެ ފުރުސަތު ބޮޑެވެ.

ލޭގައި ހަކުރު ހުންނަ މިންވަރު ބަލައި، ކަސްރަތު ކުރުމާއި ހެލިފެލިވެ އުޅެ، ސިއްހަތަށް ފައިދާ ވާނެ ގޮތަކަށް ކެއުން ބައްޓަން ކޮށް، އަދި ބޭހެއް ކާން ޖެހިއްޖެ ހާލަތެއްގައި ޑޮކްޓަރުގެ އިރުޝާދާއި އެއްގޮތަށް ބޭސް ވެސް ބޭނުން ކޮށްގެން ހަކުރު ބަލި ކޮންޓްރޯލު ކުރުމަކީ ނުވާނެ ކަމެއް ނޫނެވެ.

ނަމަވެސް، ހަކުރު ބަލީގެ ފުރަތަމަ ދުވަސްކޮޅު އެ ބަލި ހުރިކަން ފާހަގަވެއްޖެ ނަމަ މާ ބޮޑަށް ރަނގަޅެވެ. ބަލީގެ ފުރަތަމަ ކޮޅު ފަރުވާ ކުރަން ފަށައިފި ނަމަ ގެއްލުން ކުޑަވެ އެވެ. ނޭނގުމެއްގެ ތެރޭގައި ނުވަތަ ފަރުވާ ނުކޮށް ހުރެއްޖެ ނަމަ، އެ ބަލި ތިބާގެ ހަށިގަނޑު ބަލިކޮށްލާނެ އެވެ.

ހަކުރު ބަލި ޖެހިފައިވާ މީހުން އެންމެ ގިނައިން ފެންނަނީ، ދުނިޔޭގެ ތަރައްގީ ވަމުން އަންނަ ގައުމުތަކުންނެވެ. ސަބަބަކީ، ކުރިއަރާފައިވާ ގައުމުތައް ފަދައިން އެގައުމުތަކުގައި ސިއްހީ ފަރުވާގެ ނިޒާމުތައް ފަސޭހައިން ހަމަޖެހިފައި ނުހުރުމެވެ. ގިނަ ފަހަރަށް، ހަކުރު ބައްޔަށް ޓެސްޓުކުރާ އެންމެ އާދައިގެ ޓެކްނޮލޮޖީ އެ ގައުމުތަކުގައި ނުހުންނަ އިރު، ކަމެއް ފާހަގަ ވެއްޖެ ނަމަ ބޭނުންކުރާނެ ބޭހެއް ވެސް ލިބެން ހުންނާނީ މަދު ފަހަރަކު އެވެ.

ޑައިބިޓީސް ޓައިޕް ވަންއަކީ ހަށިގަނޑަށް ގުދުރަތުން ދިމާވާ ހާލަތެކެވެ. އެއީ ހަށިގަނޑުގައި ހުންނަ އުނިކަމެއްގެ ސަބަބުން ދިމާވާ ހާލަތެކެވެ. ނަމަވެސް ޓައިޕް ޓޫ ޑައިބިޓީސްއަކީ ހަށިގަނޑަށް ބަލަންވާ ވަރަށް ނުބެލޭތީ ދިމާވާ ހާލަތެކޭ ވެސް ބުނެވިދާނެ އެވެ. މި ބަލި، ނުވަތަ މި ހާލަތް ދިމާވިޔަ ނުދިނުމަށް ކުރެވޭނެ ގިނަ ކަންތައްތަކެއް ހުންނާނެ އެވެ. ދުވާލަކު މަދުވެގެން 30 މިނިޓަށް ހެލިފެލިވެ އުޅެ، ކަސްރަތު ކޮށްލުމާއި، ސިއްހީ ގޮތުން ރަނގަޅު ޑައެޓަކާ ދިމާލަށް ކެއުން އަނބުރައިލުމުން، ޓައިޕް ޓޫ ޑައިބިޓީސް ޖެހުމުގެ ފުރުސަތު ކުޑަވެ އެވެ.