07 Apr 2016, 09:32
ފޭސްބުކް ލައިވް ބްރޯޑްކާސްޓް ނުވަތަ ލައިވް ސްޓްރީމިންގއަކީ، މިދިޔަ ފެބްރުއަރީ މަހު ފޭސްބުކުން ތައާރަފުކުރި އާ ފީޗާ އެކެވެ. މި ފީޗަރ ފޭސްބުކުން ތައާރަފުކުރީ ޓްވިޓާގެ ޕެރިސްކޯޕާއި ސްނެޕްޗެޓް ވީޑިއޯ ފަދަ ތަކެއްޗަށް ގޮން ޖަހައި، ވާދަ ކުރުމަށެވެ.
ފެބްރުއަރީ މަހު ތައާރަފު ކުރި މި ފީޗާ ދޫކުރެވުނީ ވެރިފައިޑް އެކައުންޓްތަކާއި މަޝްހޫރު ފަރާތްތަކާއި ޕޭޖުތަކާއި އިވެންޓުތަކަށް އެކަންޏެވެ. ފޭސްބުކްގެ އާންމު ޔޫޒަރުންނަށް ކުރެވުނު ހަމައެކަނި ކަމަކީ އެފަރާތްތަކުން ލައިވް ބްރޯޑްކާސްޓް ކުރާ މަންޒަރުތައް ބެލުމެވެ.
އެހެން ނަމަވެސް މިއަދު ފޭސްބުކުން ވަނީ މި ފީޗާ އާންމުކޮށް ދޫކޮށްފަ އެވެ. މިކަން އާންމު ކޮށް ފެށުމުގެ ގޮތުން، ފޭސްބުކްގެ ސީއީއޯ މާކް ޒަކަބާގް ރޭ ރާއްޖެ ގަޑިން 10:30 ހާ އިރު ވަނީ އޭނާގެ ޕޭޖު މެދުވެރިކޮށް ލައިވް ބްރޯޑްކާސްޓެއް ކޮށްފަ އެވެ. ލައްކަ އަކަށް ވުރެ ގިނަ މީހުން ވަގުތުން ބަލަމުން ދިޔަ މި ވީޑިއޯ، ޓެކްނިކަލް މައްސަލައަކާ ހެދި ވަކި ހިސާބަކުން ހުއްޓުނު ނަމަވެސް، ލައިވް ބްރޯޑްކާސްޓް ފީޗަރ ދުނިޔޭގެ 60 ގައުމަކަށް މިހާރު ދޫކުރެވިފައި ވާނެ ކަމަށް ފޭސްބުކުން ބުނެ އެވެ.
"ލައިވް އަކީ ޖީބުގައި ޓީވީ ކެމެރާއެއް އޮތުން ކަހަލަ ކަމެއް. ފޯނެއް އޮތް ކޮންމެ މީހަކަށް މިހާރު ދުނިޔޭގެ ކޮންމެ ތަނަކަށް ވެސް ބްރޯޑްކާސްޓް ކުރެވޭނެ،" ޒަކަބާގް ވިދާޅުވިއެވެ.